ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުން އޮފީސް ހިންގުމަށް ދެމުން އަންނަ ހަރަދު އުނިކޮށް، ނައިބު ރައީސްކަން އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއް ދޭންޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި ހިމަނާފައި ވަނީ ކުރީގެ ރައީސުންނަށް އޮފީސް ހިންގަން މަހަކު ދޭ 175،000 ރުފިޔާ އުނި ކުރުމަށެވެ. އެކަމަކު، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތެއްގެ ގޮތުން މަހަކު 25،000 ރުފިޔާ ދިނުމަށް އެ ބިލުގައި ހިމަނާފައިވެ އެވެ.
އޭގެ އިތުރުން، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއްގެ ގޮތުގައި މިހާރު ދެނީ މަހަކު 50،000 ރުފިޔާ އެވެ. އޭގެ އިތުރުން، ރައީސްކަން ކޮށްފައިވާ ބޭފުޅުންނާއި އެބޭފުޅުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނަށް ސަލާމަތާއި ރައްކާތެރިކަން ދޭންޖެހެ އެވެ.
ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި، ކުރީގެ ރައީސުން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ނަމަ، ސަލާމަތާއި ރައްކާތެރިކަން ދޭންނުޖެހޭނެ ކަމަށް ބަޔާން ކުރާ އިސްލާހެއް ހިމެނެ އެވެ. އަދި ދައުލަތުގެ އެހެން މަގާމެއް ފުރުއްވާ ނަމަ، މާލީ އިނާޔަތް ދޭންނުޖެހޭ އިސްލާހެއް ވެސް ބިލުގައި ހިމެނެ އެވެ.
އެ ބަދަލުތަކުގެ ސަބަބުން އަހަރަކު، 10.5 މިލިއަން ރުފިޔާ ދައުލަތަށް ސަލާމަތްވާނެ ކަމަށް އެ ބިލު މަޖިލީހަށް ހުށަހެޅި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވެފައިވެ އެވެ. އެކަމަކު، ނައިބު ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް އިނާޔަތް ދޭން ފެށުމުން އެކަމަށް 300،000 ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި ނައިބު ރައީސުންގެ ބޭސް ފަރުވާގެ ހަރަދަށް 700،000 ހަރަދުވާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް ދޭ އޮފީސް ހިންގުމުގެ ހަރަދު އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދެނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް ދޭ އޮފީސް ހިންގުމުގެ ހަރަދު އުނިކޮށް، ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ