އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިސްވެރިންނާއި އެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮފިޝަލުންނާއި ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން އެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރު ހުސެއިން ޝަހީމް އެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގަ އެވެ.
ބައްދަލުވުމުގައި ކޮލަމްބޯގައި ތިއްބަވާ އީޔޫ ގައުމުތަކުގެ ސަފީރުންނާއި އީޔޫގެ ސަރަހައްދީ އިސް އޮފިޝަލުން ބައިވެރިވި އެވެ.
މި ބައްދަލުވުމާއި ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޕާޓީގެ ވަފުދުން، ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ނާޒުކު ހާލަތާއި ސަރުކާރު ހިންގުން އަޑިއަޅާލާފައިވާ މިންވަރު އީޔޫގެ އޮފިޝަލުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެގޮތުން ދައުލަތުގެ ބާރުތަކަށާއި މިނިވަން މުއައްސަސާތަކަށް، އަދި ނޫސްވެރިކަމަށާއި މީޑިއާތަކަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާ ކަމާއި އެކަން ކުރުމަށް ހިންގާފައިވާ އަމަލުތަކުގެ ތަފުސީލު އެމްޑީޕީން އީޔޫ އާއި ވަނީ ހިއްސާކޮށްފަ އެވެ.
ވަކިން ހާއްސަކޮށް މި ފަހުން ތަސްދީގުކޮށް އަމަލުކުރަން ފެށި މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ހެދި ކޮންޓްރޯލް ގާނޫނާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރި ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ގާނޫނު ތަންފީޒުކުރުމުގައި މީޑިއާގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރި ކުރެވޭނެ ގޮތަކަށް އަމަލުކުރުމަށް ގޮވާލާ އީޔޫ އިން މިއަދު ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. ސްރީލަންކާގައި ހުންނަ އީޔޫގެ އޮފީހުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިނިވަން މީޑިއާ ނައްތައިލުމަށް ހެދި ގާނޫނު މަޖިލީހުން ފާސްކުރި ގޮތާއި އެ ގާނޫނުގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ކޮށްފާނެ އަސަރު އެ ޔޫނިއަނުން ބަލާފައިވާ ކަމަށެވެ.
މީޑިއާ ބިލުގެ އިތުރުން މި ސަރުކާރަށް ކުރެވެމުންދާ ކޮރަޕްޝަންގެ ތުހުމަތުތަކާއި ރާއްޖޭގެ ޑިމޮކްރަސީއަށް މި ސަރުކާރުން ދެމުންދާ ގެއްލުންތައް ފާހަގަކޮށް، އެމްޑީޕީން ގިނަ ކަންބޮޑުވުންތަކެއް އީޔޫ އޮފިޝަލުންގެ އަރިހުގައި ފާޅުކުރި ކަމަށް އެ ޕާޓީން ބުނެ އެވެ.
އެމްޑީޕީން އީޔޫގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި އެމްޑީޕީން އީޔޫގެ ޑިޕްލޮމެޓުންނާ ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ