ބަސްމަދުކޮށް ޢަމަލުގިނަކުރަން ބުނެ ސްކޫލްތަކުގައި ކިޔަވައިވެސްދެއެވެ. ދީނުގައިވެސް އޮތީ ބޭކާރު ވާހަކަތައް ނުދެއްކުމެވެ. ބޭކާރު ވާހަކަތަކުން ފަތްފުރާލިޔަސް ޤިޔާމަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. މިހުރިހާ ކަމަކުންވެސް އެނގެނީ ބަސްމަދުކުރުމުގެ މުހިންމުކަމެވެ. އެކަމުން ކުރާނެ ފައިދާއެވެ.
ބައެއް ފިރިހެނުންނަކީވެސް އަދި އަންހެނުނަކީވެސް ތަންކޮޅެއް މަޑުމައިތިރި، ބަސް މަދު ބައެކެވެ. އެމީހުންނާއި ކުރެވޭ ހުރިހާ ސުވާލުތަކަށް ޖަވާބުވެސްނުދީފާނެއެވެ. އަދި އެމީހުން ކަންބޮޑުވާ ހުރިހާ ކަންކަމުގެ ވާހަކަ ނުދައްކައިވެސްފާނެއެވެ.
މިޙާލަތުގައި އެމީހުންނަކީ ތަންދޮރު ނުދަންނަ، ހޭލުންތެރިކަން ކުޑަ ނުވަތަ ފިނޑިބައެއްކަމަށްވެސް ބުނެފާނެއެވެ. އެކަމަކު އެއީ ޙަޤީޤަތެއް ނޫނެވ. އެމީހުންގެ ބުއްދިވެރިކަން މާބޮޑީއެވެ. އެފަދަ މީހުން މަޑުންތިބެފައި ނިންމާ ނިންމުންތައް މާވަރުގަދަވާނެއެވެ. މާހަރުދަނާވެސްވާނެއެވެ. އަދި އެފަދަ ގިނަ މީހުން ނިންމާ ނިންމުތައް ބަދަލުކުރާކަށްވެސް ބޭނުމެއްނުވާނެއެވެ.
އެކުވެރިންނާވެ! ބަސަމަދު ކޮންމެ މީހަކީ އުނި މީހަކުކަމުގައި ނުދެކޭށެވެ. އަދި ހިތްވަރުދެރަ ނުވަތަ ތަންދޮރު ނުއެނގޭ މީހަކު ކަމުގައިވެސް ނުދެކޭށެވެ. އެކަމުގެ ރަނގަޅު ވަޤުތުޖެހުމުން އެމީހުން އަޅާ ފިޔަވަޅުތައް މާވަރުގަދަވެފައި ހަރުދަނާވެސް ވާނެކަމަށް ކުރިންވެސް ބުނެފީމެވެ.
ޒަވާޖީ ޙަޔާތް ހޭދަކުރަމުން އަންނައިރުވެސް މިމައްސަލަ ކުރިމަތިވެއެވެ. ބަސްމަދު މީހާއާއިމެދު ދެކެވެނީ ރަނގަޅުގޮތުގައެއް ނޫނެވެ. ބަލަންވީ ބައިވެރިޔާގެ ބަސްގިނަކަމެއް ނޫނެވެ. ބައިވެރިޔާގެ ޢަމަލުތައް ހަރުދަނާތޯއެވެ. ދިރިއުޅުމުގެ ޒިންމާ ނަގައިތޯއެވެ.
ފައިދާކުރާނީ ބަސްގިނަވުމަކުން ނޫނެވެ! އަނެކާއަށް ވަފާތެރިވެފައި އެހީތެރިކަން ފޯރުކޮށްދޭނަމަ އެނިމުނީއެވެ. ރިވެތި އަޚްލާޤެއްގެ މަތީގައި ދިރިއުޅޭނަމަ އެއޮތީ ފުދިއިތުރުވެފައެވެ. ތަޤްވާވެރިނަމަ މާބޮޑަށް ފުދި އިތުރުވީއެވެ.
އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. ގިނައިން ބޭކާރު ވާހަކަތައް ދެއްކުމަކީ ބޮލަށް އުނދަގޫވާނެ ކަމެކެވެ. ދެމީހުންގެ މެދުގައި މައްސަލަޖެހުންވެސް ގިނަވާނެއެވެ. ވީމާ ބައިވެރިއަކަށް ބަސްމަދު މީހަކު ލިބިފައިވާނަމަ އޮތީ އުފާކުރުމެވެ.
ހަމަ އެއާއިއެކު ގިނައިން ވާހަކަދައްކާ މީހަކު ބަސްމަދުކޮށްފިނަމަ އެއީ ވިސްނަންޖެހޭނެ ކަމެކެވެ. އެކަން މެދުވެރިވި ސަބަބު ހޯދައި މައްސަލަ ޙައްލުކުރަން މަސައްކަތްކުރަންވާނެއެވެ. ބައްޔެއްގެ ސަބަބުން ނޫންނަމަ އެކަން މެދުވެރިވާނީ ހިތްހަމަނުޖެހޭ ކަމެއް އޮތުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ބައިވެރިޔާގެ ބަސް މަދުވުމަކީ މައްސަލައަކަށްވާނީ އަނގަދަ ގަދަ މީހަކު ބަސްމަދުކޮށްފިނަމަ! ބަސްމަދުވުމަކީ އޭނާގެ ޠަބީޢަތްނަމަ އޮތީ އުފާކުރުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ