ހައިޝަމް، ބޮޓްސްވާނާ މުބާރާތުގެ މެއިންޑްރޯ އަށް ކޮލިފަައިވެއްޖެ ހައިޝަމް، ބޮޓްސްވާނާ މުބާރާތުގެ މެއިންޑްރޯ އަށް ކޮލިފަައިވެއްޖެ

އިއްޔެ ފެށި ބޮޓްސްވާނާ އިންޓަނޭޝަނަލްގެ ކޮލިފައިން ބުރުގައި ވާދަކޮށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ ހައިޝަމް އިބްރާހިމް އަލީ، މުބާރާތުގެ މެއިން ޑްރޯ އަށް ކޮލިފައިވެއްޖެ އެވެ.
ކޮލިފައިން ބުރުގައި، ހައިޝަމް، އިއްޔެ ނުކުތީ، ދެކުނު އެފްރިކާގެ ކެމަރަން ކޮއެޓްޒާއާ ދެކޮޅަށެވެ. އެ މެޗުގެ ފުރަތަމަ ސެޓު، 21-12 އިން ހައިޝަމް ގެންދިޔަ ނަމަވެސް ދެ ވަަނަ ސެޓުގައި ކެމަރަން ވަނީ 18-21 އިން ކުރިހޯދައިފަ އެވެ. ނަތީޖާ ނެރެން ކުޅުނު ތިން ވަނަ ސެޓުގައި، ހައިޝަމް ވަނީ 21-14 އިން ކުރިހޯދައި، މެޗުން މޮޅުވެފަ އެވެ. ހައިޝަމް އަށް ގަދަ 32 ކުޅުންތެރިންގެ ބުރުން ފުރުސަތު ލިބުނީ، ކޮލިފައިންގައި ދެ ވަނަ އަށް ކުޅެން އޮތް މެޗު ވޯކްއޯވާ ވުމުންނެވެ. އޭނާއާ ދެކޮޅަށް ކުޅެން އޮތް ބޮޓްސްވާނާގެ ގޯޑްނޯސް ކެތަބަނެޓްސްވޭ އަށް އެ މެޗުގައި ނުކުޅެވުނެވެ.
ރިވައިވަލްގެ ހަސަން ޒަޔާން، ކޮލިފައިންގައި ވާދަކުރީ، ބޮޓްސްވާނާގެ ކަބޯމޯ ޓެފޯއާ ދެކޮޅަށެވެ. މި މެޗުން ޓެފޯ މޮޅުވީ، 21-17، 21-15 އިންނެވެ.
ރިވައިވަލްގެ އެފްރިކާ ޓުއާގައި ފުރަތަމަ ކުޅުނު، ޒެމްބިއާ އިންޓަނޭޝަނަލްގެ ފިރިހެން ސިންގަލްސް ކޮލިފައިންގައި ހައިޝަމް އާއި ހަސަން ޒަޔާން ވެސް ބަލިވީ އިންޑިއާގެ ސްރީ ޔަޝްވަންތު އަތުންނެވެ. ހައިޝަމް އަތުން ސޓުތައް ގެންދިޔައީ 21-12، 21-11 އިންނެވެ. އަދި ހަަސަން ޒަޔާން އަތުން ސެޓުތައް ގެންދިޔައީ، 21-12، 21-10 އިންނެވެ.
ބޮޓްސްވާނާ އިންޓަނޭޝަނަލްގެ ފިރިހެން ސިންގަލްސް ގަދަ 32 ކުޅުންތެރިންގެ ބުރުގައި، ޒަޔާން ޒަކީ މިއަދު ކުޅޭނީ ޔޫއޭއީގެ ޝަޝާންކް ސައި މުނަންގީއާ ދެކޮޅަށެވެ. ހައިޝަމް ނުކުންނާނީ އިންޑިއާގެ ހިމާންޝޫ ދޭސާއީއާ ދެކޮޅަށެވެ. ނިބާލް ކުޅޭނީ އިންޑިއާގެ އަކްޝޭ ސައި ޖޮނަލްގާޑާއާ އެވެ.
އަންހެން ސިންގަލްސްގެ ގަދަ 16 ބުރުގައި ރާއްޖޭގެ އައިމިނަތު ނަބީހާ (ނަބީ) ބައްދަލުކުރާނީ ބޮޓްސްވާނާގެ ފާތިމާ ޖޯޝުއާއާ އެވެ. އަދި، ފާތިމަތު ނަބާހާ (ނަބާ) ކުޅެން ޖެހެނީ ބޮޓްސްވާނާގެ ކޮޕޯ ތަބިލޭއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ