މިފްސާއަށް މެލޭޝިޔާގެ ސީއީއޯއެއް ހަމަޖައްސައިފި

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރާ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ)އަށް ޗީފް އެގްޒެކެޓިވް އޮފިސަރެއް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކުރި ގޮތުގައި އެ މަގާމަށް ހަމަޖައްސާފައި ވަނީ:
ދާތޯ އިސްކަންދަރު މުހައްމަދު ނޫލީ 
ދާތޯ އިސްކަންދަރުއަކީ، ހާއްސަކޮށް މާލީ ހިދުމަތްތައް ބަލަހައްޓާ އިދާރާތަކުގައި، އޮފްޝޯ މާލީ ހިދުމަތްތަކުގެ ދާއިރާއިން 30 އަހަރަށް ވުރެ ދިގު ތަޖުރިބާއެއް ލިބިފައިވާ ބޭފުޅެއް
ތަފްސީލް - ދާތޯ އިސްކަންދަރު ވަޒީފާ އަދާކުރައްވަން ފެއްޓެވީ 1990 ވަނަ އަހަރު ބޭންކް ނެގާރާ މެލޭޝިއާއިންނެވެ. އޭގެ ފަހުން، 1996 ވަނަ އަހަރު ލަބުއާން ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (ލަބުއާން އެފްއެސްއޭ) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެންމެ ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެވެ. އެއަށް ފަހު، ޑިރެކްޓާ ސީނިއާ ޑިރެކްޓާ، އަދި އެންމެ ފަހުން ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ފަދަ އިސް މަގާމުތަކެއް ފުރުއްވި އެވެ. 
ތައުލީމު: 
ގާނޫނީ ވަކީލެއްގެ ގޮތުގައި ދާތޯ އިސްކަންދަރު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ބެޗްލަ އޮފް ލޯސް (އޮނާސް) ހާސިލްކުރައްވާފައިވޭ 
މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް ވެސް ހާސިލްކުރައްވާފައިވޭ 
ސަޓިފައިޑް ފައިނޭންޝަލް އިންވެސްޓިގޭޓަރެއް؛ މެލޭޝިއާގެ ސަރަވާކްގައި ޝަރުއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއް
އޭނާ ހަމަޖެއްސުމާ ގުޅޭ ގޮތުން މިފްސާއިން ބުނީ ދާތޯއަށް ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ބިނާކުރުމުގެ ދާއިރާއިންނާއި މާލީ ހިދުމަތްތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކުގެ ދާއިރާއިން ލިބިވަޑައިގެންފައިވާ ގިނަގުނަ ތަޖުރިބާތަކަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ސަރުކާރުގެ ވިސްނުން ހަގީގަތަކަށް ހެދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށެވެ. 
"އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއް ބިނާކުރެއްވުމުގެ ގާބިލްކަމާއި، މާލީ ހިދުމަތްތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކުގެ ދާއިރާއިން ލިބިވަޑައިގެންފައިވާ ގިނަގުނަ ތަޖުރިބާއަކީ، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ވިސްނުން ހަގީގަތަކަށް ހެދުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެއް." މިފްސާއިން ބުންޏެވެ. 
ބުނީ ކީކޭ؟ - މިފްސާގެ ބަޔާނުގައި ދާތޯ ވިދާޅުވެފައި ވަނީ އެ މަގާމާ ހަވާލުވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް ކަމަށް ވެސް ވިދާޅުވި އެވެ. 
"ޒަމާނީ، ދެމެހެއްޓެނިވި މާލީ މަރުކަޒެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތަކީ، ދުނިޔޭގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ބައިނަލްއަގްވާމީ މާލީ ދާއިރާގައި ވާދަވެރި ގައުމެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް،" ދާތޯ އިސްކަންދަރު ވިދާޅުވެފައިވެ އެވެ.
އެނގުން މުހިންމު - މިއަހަރުގެ ކުރީކޮޅު، ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދެއްގައި ގާއިމްކުރާ ގޮތަށް ފެށި އެމްއައިއެފްސީ. އަކީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ އިގްތިސާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމުގެ ބޭނުމުގައި އިއުލާންކުރި މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަގަކީ:
8.8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް 
ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ ފައިނޭންޝަލް ފްރީޒޯނެއްގެ ގޮތުގައި ފަރުމާކޮށްފައިވޭ
އެމް.އައި.އެފް.ސީ.ގެ މަގްސަދަކީ ދުނިޔޭގެ މާލީ އިދާރާތަކާއި، ފިންޓެކްގެ ދާއިރާއިން އީޖާދީ މަސައްކަތްކުރާ ފަރާތްތަކާއި، ވިޔަފާރިވެރިންނާއި، އަދި ޑިޖިޓަލް ދާއިރާގެ ހުނަރުވެރިން ރާއްޖެއަށް ގެނައުމެވެ. އެކަމަކު، އެ މަޝްރޫއު ހިންގާ އެމްބީއެސް ގްލޯބަލްއަކީ އެފަދަ މަޝްރޫއެއް ހިންގޭނޭ ވަރުގެ ގާބިލް ކުންފުންޏެއް ކަމާއި އެތަނުގެ ވެރިންނާ މެދު ސުވާލު އުފެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ