ކޮންމެ މީހަކަށްވެސް ނުރުހޭނެ ބައަކު ތިބޭނެ! އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫން!

އެއްވެސް މީހަކު ތިބާގެ ބަސް ޤަބޫލުނުކުރާތީ އަދި ތިބާދެކެ ލޯބިނުވާތީ ކަންބޮޑުނުވާށެވެ! އެންމެންނަކީ އެންމެންގެ ބަސްޤަބޫލުކުރާނެ އަދި އެންމެން ދެކެ ލޯބިވާނެ މީހުންނެއް ނޫނެވެ. ޤަބޫލުކުރަންވާނީ ގިނަވާނީ ތިމާގެ ބަސް ޤަބޫލުނުކުރާނެ އަދި ލޯބިވެސް ނުވާނެ މީހުން ކަމަށެވެ. ތިމާގެ ބަސް ޤަބޫލުކުރާނީ އަދި ތިމާދެކެ ލޯބިވާނީވެސް މަދު މީހަކު ކަމެވެ. މިނޫން ގޮތަކަށް ވިސްނާނަމަ އެމީހަކަށް އަބަދުވެސް ހުންނަންޖެހޭނީ ނުތަނަވަސްކަމުގައެވެ. ކަންބޮޑުވުމެއްގެ ތެރޭގައެވެ.  
ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އެހެން މީހަކު ތިބާއާއިމެދު ވިސްނާގޮތް ބަދަލުކުރެވިދާނެ ކަމަށް ހީނުކުރާށެވެ! ސަބަބަކީ ކޮންމެ މީހަކުވެސް ވިސްނާނީ އެމީހަކު ވިސްނަން ބޭނުންވާ ގޮތަކަށެވެ. ވިސްނުން ބަދަލުވާނީވެސް މީހަކު ކުރާކަމަކުންނެއް ނޫނެވެ. އެމީހަކު އަމިއްލައަށް ބަދަލުކުރަން ބޭނުންވުމުންނެވެ. އެކަމުގެ ހެއްކަކީ ކިތަންމެ ބޮޑަށް މީހަކަށް ހެޔޮކޮށް ހިތިނަމަވެސް ތިބާއަކީ ނުރަނގަޅު މީހެއް ކަމަށް ޤަބޫލުކުރާނެ މީހުން ތިބޭނެ ކަމެވެ.  
ކޮންމެ މީހަކުވެސް ކުރަން އޮތް ކަމަކީ އެންމެންނަށްވެސް ހެޔޮކޮށް ހިތުމެވެ. ހެޔޮކޮށް ހިތަންވީ އެމީހަކު ތިބާދެކެ ލޯބިވެދާނެކަމަށް ނުވަތަ ތިބާގެ އަގު ވަޒަންކޮށްފާނެ ކަމަށް ބަލައިގެނެއް ނޫނެވެ. އެއީ ކުރަން ﷲ ތަޢާލާ އަންގަވާފައިވާ ކަމަކަށްވާތީއެވެ.  
ދެން އޮތީ ތިބާއަކީ ރަނގަޅު މީހަކު ކަމަށް ޤަބޫލުނުކުރާ، ތިބާއަށް ހެޔޮނޭދޭ، އަދި ތިބާދެކެ ލޯބިނުވާ މީހުންނާއިމެދު ކަންތައް ކުރަންވީ ގޮތެވެ. އެއްވެސް ޙާލެއްގައި އެއީ ނުބައި ނުވަތަ ގޯސްބައެއް ކަމަށް ނުނިންމާށެވެ. އެމީހުން ކަންތައް އެކުރަނީ އެމީހުންނަށް ވިސްނޭ ގޮތަށެވެ. ވީމާ ޙައްލަކީ އެފަދަ މީހުންގެ ކިބައިން އެއްވެސް ކަމަކަށްވެސް އަދި ބަހަކަށްވެސް ނުއެދުމެވެ.  
އެކަމަށް ކެރިކުޅަދާނަ ނުވާނަމަ ދީނުގައި ހުއްދަ މިންވަރަށް އެމީހަކާއި ދުރުހެލިވެލާށެވެ! އަދި އެކަމަށް ޝަކުވާވެސް ނުކުރާށެވެ! ޤަބޫލުކުރަންވީ އެއްވެސް މީހެއްގެ ލޯބި ނުލިބުނަސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިއްޖެނަމަ ސުވަރުގެ ވައްދަވާނެކަމެވެ. އަދި ސުވަރުގެ ވަނުމަށް އެއްވެސް މީހެއްގެ ރުހުމެއް އަދި ލޯބިވުމެއްވެސް ބޭނުންނުވާކަމެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ