ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެލެންސިއާ އަތުން 5-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ލީގު ތާވަލުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ. 
އެންމެ ފަހުން ހަތަރު ސީޒަނުގައި ވެސް ލީގު ޗެމްޕިއަންކަން ހޯދި، މާޒިޔާ އިން ލީގުގައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުރިއަށްދާއިރު، ހަ މެޗުން 18 ޕޮއިންޓް ވަނީ ހޯދައިފަ އެވެ. ދެ ވަަނައިގައި އޮތް ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބާއި ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ފަސް މެޗުން ހޯދުނީ 13 ޕޮއިންޓެވެ. ނިއު އާއި އޮޑިން މި ހަފްތާގެ މެޗުތަކުން މޮޅުވެއްޖެނަމަ، މާޒިޔާގެ ލީޑު އަނެއްކާ ވެސް ދެ ޕޮއިންޓަށް ކުޑަވާނެ އެވެ. 
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ 17 ވަނަ މިނިޓްގައި، ވެލެންސިއާ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިދިޔަ ބޯޅައެއް ހޯދައި، 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ވަނީ މާޒިޔާ އަށް ލީޑުނަގައިދީފަ އެވެ. މިއީ، ކުރީގެ ޓީމު ކަމަށްވާ ވެލެންސިއާ ކޮޅަށް އިލާން ޖެހި ފުރަތަމަ ލަނޑެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ދެ ވަނަ ލަނޑެއް ޖެހޭތޯ މާޒިޔާ އިން ދެ ކޯނަރެއްގައި ފޮނުވާލި ހަމަލާތައް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މާޒިޔާގެ ލުއިސް އާއި ސާޖިއޯ މެންޑީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް
ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނިޓްގައި، މާޒިޔާގެ ލީޑުފުޅާކޮށްދިން ލަނޑު ޖެހީ ވެސް އިލާން އެެވެ. މިއީ، މެޗުގެ 48 ވަނަ މިނިޓްގައި، އޭރިއާރެއިން ލިބުނު ބޯޅަައެއް ގޯލުުގެ ދުރު ކަނަށް ފޮނުވާލައިގެން އިލާން ޖެހި ގޯލެކެވެ. ފުލުފުލުގައި އެޓޭކްތައް ކުރަމުންދިޔަ މާޒިޔާ އިން 55 ވަނަ މިނިޓްގައި ތިން ވަނަ ލަނޑު ޖެހީ ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ވެލެންސިއާގެ މޮލްޑޯވާ ކީޕަރު، ވިއޮރެލް ބޮއިއާން އަތުގައި ޖެހިގަ އެވެ. 
ތިން ވަނަ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން، އަހުމަދު އައިހަމް، މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ، އިލާން ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، އޭރިއާތެރެއިން ކީޕަރު ބޮއިއާން ކައިރިން ނައްޓާލުމަށް ފަހު އެވެ. 
އިތުރު ވަގުތުގެ ތެރޭގައި، ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން، ސާޖިއޯ މެންޑީ ވަނީ މެޗުގައި އޭނާގެ ދެ ވަނަ ގޯލު އަދި މާޒިޔާ އަށް ފަސް ވަނަ ލަނޑެއް ޖަހައިދީފަ އެވެ. 
ލީގުގައި މިރޭ އޮޑި ސްޕޯޓްސް ކްލަބުން ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
    
    ދިވެހި ޕްރިމިއާ ލީގު: ވެލެންސިއާ ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ލީޑުފުޅާކޮށްފި ދިވެހި ޕްރިމިއާ ލީގު: ވެލެންސިއާ ބަލިކޮށް މާޒިޔާ އިން އެއް ވަނައިގައި ލީޑުފުޅާކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
                     
             
             
             
            