ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމުރީނުކުރަނީ މުސްތަގުބަލު ބިނާކުރަން: ސާޖިދާ

ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމުރީނުކުރަނީ ގައުމުގެ މުސްތަގުބަލު ބިނާކުރަން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެ ކަމަނާ މިހެން ވިދާޅުވީ، ކްލިކް ކޮލެޖްގެ ރިހިޔޫބީލް ފާހަގަކުރުމަށް ރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ކަމަނާ ވިދާޅުވީ، ތައުލީމީ ނިޒާމުގައި ސިއްހަތު، އާ ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދެވެނީ ދަރިވަރުންގެ ފިކުރީ އަދި އަމަލީ ގާބިލިއްޔަތުކަން ކުރިއެރުވުމަށް ކަމަށެވެ. މީގެ އިތުރުން، އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމުރީނުކުރެވެނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކަމުގައި ވެސް އެ ކަމަނާ ފާހަގަކުރެއްވިއެވެ. ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކްލިކް ކޮލެޖުގެ އަހަރީ ދުވަހުގެ މުނާސަބަތަށް ވަޑައިގަތުން---ފޮޓޯ: ރައީސް އޮފީސް އަހުލާގު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ އުފާވެރި މުސްތަގުބަލެއް ހާސިލުކުރުމަށާއި، ގައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި، އެ ޖީލުގެ ސަބަބުން އަމާންކަމާއި ރައްކާތެރިކަން، އޭގެ ހުރިހާ މާނައެއްގައި ޔަގީންކުރެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގައި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ތައުލީމުގައި ވެސް އަދި ސަރުކާރުން ދެމުންގެންދާ ތައުލީމުގައި ވެސް މި މުހިންމު އަސާސްތައް ދެމެހެއްޓިފައިވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ކްލިކް ކޮލެޖުން ކުރިއަށްގެންދަވާ ތައުލީމީ ޕްރޮގްރާމުތަކަށް އިޝާރާތްކުރައްވައި އެކަމަނާ ވިދާޅުވީ، އެފަދަ ދަރިވަރުން އުފެއްދޭނެފަދަ ޕްރޮގްރާމްތައް ކްލިކް ކޮލެޖްގައި ކުރިއަށް ގެންދަވާ ކަމަށެވެ. ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކްލިކް ކޮލެޖުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި---ފޮޓޯ: ރައީސް އޮފީސް އެކަމަނާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތައުލީމީ ތާރީހުގައި އަމިއްލަ އެކި ފަރާތްތަކުގެ އިސްނެގުމާއި ޚިދުމަތް، މުހިއްމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރައްވައި، ގައުމު ބިނާކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހީންގެ ބަހާއި ސަގާފަތާއި އާދަކާދަތަކަށް ކަމޭހިތާ، ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި ޖީލެއް ބިނާވެގެން އައުމަށް އުއްމީދު އައުކުރައްވަމުންނެވެ. ރޭގެ ރަސްމިއްޔާތުގައި ކްލިކް ކޮލެޖުގެ ފަރާތުން ދެއްވާ އެއްލައްކަ ރުފިޔާގެ ޚާއްސަ ސްކޮލާޝިޕް ލިބިވަޑައިގެންނެވި ފަރާތަށް އިނާމު ހަވާލުކޮށްދެއްވީ ސާޖިދާއެވެ. މި ރަސްމިއްޔާތުގައި ކްލިކް ކޮލެޖަށް ދިގުމުއްދަތަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ޚާއްސަ އިނާމު ހަވާލުކޮށްދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ