ރާއްޖޭގެ އަތޮޅު ފުޓުބޯޅަ މުބާރާތަށް ފީފާއިން 4.1 މިލިއަން ރުފިޔާގެ އެހީއެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވަން ތައްޔާރުވެފައިވާ އެޓޯލް ޗެމްޕިއަންޝިޕަށް ފީފާއިން 4.1 މިލިއަން ރުފިޔާގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. އެފްއޭއެމްއިން އަލަށް އެކުލަވާލި ރާއްޖޭގެ ފުޓުބޯޅަ ލީގުގެ އޮނިގަނޑުގެ ދަށުން ރާއްޖޭގެ ތިން ރީޖަނެއްގައި މި އަހަރު ފަށާ އެޓޯލް ޗެމްޕިއަންޝިޕްގައި ޖުމުލަ 49 ޓީމަކުން ވާދަކުރާނެއެވެ. އެފްއޭމްއިން ތިން ރީޖަނަލް ލީގުގެ ތާރީހުތައް އިއުލާނު ކޮށްފައިވާއިރު، އެންމެ ފުރަތަމަ ފަށާނީ ނޯތު ރީޖަންގެ ކުޅުމެވެ. އެ މުބާރާތަށް މިހާރު ވަނީ ތައްޔާރުވެފައެވެ. އޭގެ ފަހުން އަންނަ މަހު ފެށުމަށް ސެންޓްރަލް ރީޖަންގެ މުބާރާތްތައް ތާވަލުކޮށްފައިވާއިރު، ސައުތު ރީޖަން ވެސް ޑިސެންބަރު މަހު ފަށާނެއެވެ. އެއާއެކު މާލޭ ރީޖަންގެ މުބާރާތެއް ވެސް ކުޅޭއިރު، އެއީ ދެވަނަ ޑިވިޝަނެވެ. އަތޮޅު ތެރޭގައި އެޓޯލް ޗެމްޕިއަންޝިޕަކީ ތިންވަނަ ޑިވިޝަނުގެ ގޮތުގައި ފުޓުބޯޅަ ޕިރަމިޑުން ކަނޑައަޅާފައިވާއިރު، ރީޖަނަލް ލީގަށް ދާނީ ޒޯން ބުރަށް ފަހުއެވެ. ރީޖަނަލް ލީގަކީ ދެވަނަ ޑިވިޝަނެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާއިރު، އެ ދަތުރުފުޅުގެ ތެރެއިން އިންފަންޓީނޯ ވަނީ ރީޖަނަލް ފުޓުބޯޅަ ފުޅާކުރުމަށް ތައުރީފު ކުރައްވައިފައެވެ. ފީފާގެ ވެބްސައިޓްގައި ބުނެފައިވަނީ 18 ދަނޑެއްގައި މެޗުތައް ކުޅުމަށް ރާވާފައިވާ އަތޮޅު މުބާރާތަށް އެހީގެ ގޮތުގައި 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ) ދޭން ފީފާއިން ނިންމާފައިވާ ކަމަށެވެ. އެއީ، ފީފާ ފޯވަޑް ޕްރޮޖެކްޓްގެ ދަށުން ދޭން ނިންމާފައިވާ އެހީތެރިކަމެކެވެ. ފީފާއިން ބުނީ ފީފާ ފޯވަޑް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ފުޓުބޯޅަ ލާމަރުކަޒު ކުރުމަށް އެހީތެރިކަން ދެމުންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ