ރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 76 ކަނދުފަތި ޤާއިމްކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އިން މައުލޫމާތުދީފިއެވެ. މިގޮތުން، މަސްވެރިންނަށް ބޭނުންވާ 39 ވަދު ކަނދުފަތި އަދި 37 ދޮށީގެ ކަނދުފަތި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާފައެވެ.
ވަދު ކަނދުފަތިތައް އަޅައިދިނުމަށް ރަށްރަށުގެ ޒުވާނުންނާއި، ސީދާ ކައުންސިލްތަކުންވެސް ވަރަށް ބޮޑަށް އެދެމުންދާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން، ވަކި އުސޫލެއްގެ ދަށުން، އެންމެ ފައިދާވާނެގޮތަށް ބަލައިގެން ރަށްރަށުގައި އަލަށް ވަދު ކަނދުފަތިއެޅުމުގެ މަސައްކަތް ކުރިޔަށްދާކަމަށާއި، ވޭތުވެދިޔަ 2 އަހަރު 39 ވަދު ކަނދުފަތި އަޅާފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވިއެވެ.
އަލަށް ވަދު ކަނދުފަތި އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިއާއެއްވަރަށް ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް ދޮށީގެ ކަނދުފަތިވެސް ދަނީ އަޅަމުންނެވެ. އެގޮތުން ދެއަހަރު ދުވަހުގެ މުއްދަތުގައި 37 ދޮށީގެ ކަނދުފަތި އަޅާފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މިއީ މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
ކަނދުފަތި ޤާއިމްކުރުމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އަދި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން، މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް، އާމްދަނީ އިތުރުކުރުމަށް ކުރަމުން ގެންދާ މުހިންމު މަސައްކަތެއްކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.
ވޭތުވެދިޔަ 2 އަހަރު 39 ވަދު ކަނދުފަށްޗާއި 37 ދޮށީގެ ކަނދުފަތި އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ