ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ރީޓެއިލް ވިޔަފާރި ސައިޓްތަކުން ވިޔަފާރިކުރުމަށް ކަސްޓަމަރުންނަށް އެއްވެސް ލިމިޓެއް ކަނޑައަޅާފައިނުވާނެކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ. އެބޭންކުން މިހެން ވިދާޅުވީ، ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން މަހަކު ކުރެވޭ މުއާމަލާތްތައް ލިމިޓްކުރުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުމާ ގުޅިގެންނެވެ.
ބީއެމްއެލްއިން ވިދާޅުވީ ޓޭމޫ، ޝީއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ބޭނުންވާ އަދަދަކަށް ވިޔަފާރިކުރެވޭނެކަމަށާއި މިކަމަށް ބެންކުން ލިމިޓެއް ކަނޑައަޅާފައިނުވާނެކަމަށެވެ. ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތަށް ޑޮލަރު ވިއްކާ އަދަދަށް ވަކި ލިމިޓެއް ކަނޑައެޅުންކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.
އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް އޮންލައިން ސައިޓްތަކުން މުދާ ގަންނަމުންދާކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ބެންކުން ބޭރުވާ ބޭރު ފައިސާގެ ބޮޑު ބައެއް މަދު ބައެއްގެ މައްޗަށް ބެހިގެންދާކަން އެބެންކުން ފާހަގަކުރައްވައެވެ.
ރާއްޖޭން ބޭރުން ރުފިޔާއިން ކުރާ ކޮންމެ މުއާމަލާތަކަށްވާ ޑޮލަރު ބީއެމްއެލްއިން ބޭރަށް ފޮނުވަންޖެހެއެވެ. މަހަކު 30 ޓްރާންސެކްޝަނަށްވުރެ އިތުރަށް ޓްރާންސެކްޝަން ހަދާކަމަށް މިހާރު ފާހަގަވެފައިވަނީ %3 މީހުން ކަމަށް އެ ބޭންކުން ވިދާޅުވެއެވެ. އަދި މިގެނެވުނު ބަދަލަކީ އީކޮމާސް ވިޔަފާރިކުރާ ފަރާތްތަކަށް ގެނެވޭ ހެޔޮބަދަލެއްގެ ގޮތުގައި އެ ބޭންކުން ވަނީ ސިފަކުރައްވާފައެވެ.
ރީޓެއިލް ވިޔަފާރި ސައިޓްތަކުން ވިޔަފާރިކުރުމަށް ލިމިޓެއް ނެތް: ބީއެމްއެލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ