އެމްއެމްޕީއާރުސީއަށް ހަތަރު އަހަރު ފަހުން ފައިދާއެއް؛ ޖުމްލަ 27.5 މިލިއަން ރުފިޔާއަށް
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ އެމްއެމްޕީއާރުސީއަށް ހަތަރު އަހަރު ފަހުން، މިދިޔަ އަހަރު ފައިދާވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ. އެމްއެމްޕީއާރުސީގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) މިއަދު ބާއްވައިފައިވާއިރު، އެ ޖަލްސާގައި ކުންފުންޏަށް ލިބުނު ފައިދާއާއި މާލީ ފިޔަވަޅުތަކަށް އަލިއަޅުވާލިއެވެ. މިދިޔަ އަހަރުގެ މާލީ އަހަރު އެމްއެމްޕީއާރުސީން 27.5 މިލިއަން ރުފިޔާގެ ފައިދާއެއް ރެކޯޑްކޮށްފައި ވާއިރު، މިއީ ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭގައި އެ ކޯޕަރޭޝަނަށް ފައިދާވި ފުރަތަމަ އަހަރެވެ. އޭގެ ކުރީ އަހަރު އެމްއެމްޕީއާރުސީން ވަނީ 18 މިލިއަން ރުފިޔާގެ ގެއްލުމެއް ރިޕޯޓުކޮށްފައެވެ. މި ބަދަލުން ދައްކުވައިދެނީ ކޯޕަރޭޝަން ހިންގާ ގޮތަށް ބޮޑު ބަދަލެއް ގެނެސްފައިވާކަން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ: މިދިޔަ އަހަރު އެމްއެމްޕީއާރުސީން ވަނީ 18 މިލިއަން ރުފިޔާގެ ގެއްލުމެއް ރިޕޯޓުކޮށްފައި -- ފޮޓޯ/ އެމްއެމްޕީއާރުސީ އެ ކުންފުނިން ބުނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި މާލީ ހާލަތު ރަނގަޅުކުރުމަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. މިގޮތުން ރިކަރެންޓް އޮޕަރޭޝަނަލް ޚަރަދުތައް 10 ޕަސެންޓް މަދުކޮށްފައިވާ ކަމަށް ބުންޏެވެ. އެ ފިޔަވަޅުތަކުގެ ތެރެއިން، ހުރިހާ ގްލޯބަލް ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއް ހަދައި، ކުރިން އޮތް 21 އިދާރާ ހަ އިދާރާއަށް މަދުކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އޭގެ ސަބަބުން ކޯޕަރޭޝަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްވި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރިން ޖުމްލަ މާކެޓިން ބަޖެޓުގެ 80 ޕަސެންޓާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ކޯޕަރޭޝަނުން ގެންގުޅުނު އުސޫލު މިހާރު އިސްލާހުކޮށްފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ. އެ ކުންފުނިން ބުނީ އެ އިސްލާހާއެކު، ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ކުރާ ޚަރަދު މާކެޓިން ބަޖެޓުގެ 34 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށެވެ. އަދި ބޮޑު އިވެންޓުތަކުން އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ސަލާމަތްކޮށްފައިވީ ނަމަވެސް، ސިނާއަތުގެ ބައިވެރިވުން އިތުރުކޮށް، ފީޑްބެކްތަކެއް ރަނގަޅުކޮށްފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. ޑެސްޓިނޭޝަން މާކެޓިންގެ ރޮނގުން އެމްއެމްޕީއާރުސީން މިހާރު ދަނީ 21 އަށް ވުރެ ގިނަ ގްލޯބަލް ކެމްޕޭން ހިންގަމުންނެވެ. މީގެ އިތުރުން، ބައިނަލްއަގްވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާއެކު ކޯ އިންވެސްޓްމަންޓް މާކެޓިން ޕާޓްނަޝިޕްތަކެއް ވެސް ކޯޕަރޭޝަނުން ފަށާފައިވާއިރު، ޖުމްލަ އަގު 10 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އެމްއެމްޕީއާރުސީގެ ޗެއާ އަބްދުﷲ ގިޔާސް ރިޔާޒް: އެ ކުންފުނިން މިހާރު ދަނީ 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން ހިންގަމުން -- ފޮޓޯ/ އެމްއެމްޕީއާރުސީ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވެ، ރާއްޖޭގެ ޓޮޕް 10 މާކެޓުން އަންނަ މީހުންގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު އިތުރުވެފައިވާކަން އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ. އެގޮތުން 2023 ވަނަ އަހަރު 39 އިންސައްތަ ދަށަށް ދިޔަ އިންޑިއާ މާކެޓް މިއަހަރު ހަތަރު އިންސައްތަ އިތުރުވެފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ. ރަޝިއާ، އިނގިރޭސިވިލާތް، ޗައިނާ އަދި އެހެނިހެން މުހިންމު މާކެޓުތަކުން ވެސް ވަނީ ރާއްޖެއަށް އިތުރަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. ގޫގުލް ޓްރެންޑްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޔޫރަޕާއި އޭޝިއާއިން ރާއްޖެ ސާޗްކުރުމުގައި 1000 އިންސައްތަ އިތުރުވެ، މިހާރުގެ މާކެޓިން ސްޓްރެޓެޖީތަކުގެ އިފެކްޓިވްކަން ދައްކުވައިދެއެވެ. އަހަރީ އާންމު ޖަލްސާގައި އެމްއެމްޕީއާރުސީއަކީ ޒަމާނީ، ތަފާސްހިސާބާށް ރިއާޔަތްކުރާ، ނަތީޖާއަށް އިސްކަންދޭ ކުންފުންނަކަށް ހެދުމަށް ކުރާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލި ކަމަށް އެ ކުންފުނިން ބުންޏެވެ. އެމްއެމްޕީއާރުސީ އުފެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010ވަނަ އަހަރުގެ މާޗު ހަތަރުވަނަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން އެމްއެމްޕީއާރްސީއާއި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ހާލަތު ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނީގެ ދަރަނިތައް ކުންފުނީގެ އެސެޓްތަކަށްވުރެ ގިނަވެ ބަނގުރޫޓުވުމުގެ ބިރު އެބަ އޮތެވެ. އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި މާލީ ގެއްލުމަކަށް ވެއްޓުނީ ކުރީ ސަރުކާރުގައި ޖަމާވި 203 މިލިއަން ރުފިޔާގެ ގެއްލުމުގެ ސަބަބުންނެވެ. އެމްއެމްޕީއާރުސީއަކީ މި ފަހުން ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުވާ ކުންފުންޏެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްކޮށް ހުންނަވައިގެން, އެ ސަރުކާރުގެ ވެރިންނާއި ވެރިކަން ކުރި ޕީޕީއެމްގެ އިސް ބޭފުޅުން ހިމެނޭގޮތަށް ހިންގި ކަމަށް ތުހުމަތު ކުރެވޭ އެ ކޮރަޕްޝަނުން ދައުލަތަށް 1.4 ބިލިއަން ރުފިޔާގެ ގެއްލުމެއްވި ކަމަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ