ސިޔާސީ ނުފޫޒުގެ ޝިކާރައަކަށް އެންމެ ފަހުން އައިޔޫއެމް: ދުވަހަކު ރަސްމީ ތައުލީމެއް އުނގެނިފައި ނުވާ, އަސާސީ ތައުލީމުގެ ފެންވަރުވެސް ނެތް މަޖިލިސް މެމްބަރުންނަށް ޑިގްރީ ހަދާލުމުގެ ފުރުސަތު އައިޔޫއެމްއިން!

ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެންމެ އަގުހުރި ބިނާ ތަކަކީ އެގައުމެއްގެ ޔުނިވަރސިޓީ ތަކެވެ. އެތަންތަނަކީ, ސިޔާސީ ނުފޫޒުން މިންޖުވެ, ހަމަ އެކަނި ތައުލީމު އުންގަންނައިދޭ މަރުކަޒުތަކެވެ. ނުވަތަ އިލްމީ ޖީލެއް ބިނާކުރުމުގެ އެންމެ މުހިންމު މަސްއޫލިއްޔަތު އުފުލާ އެނދުރުގެ ތަކެވެ.
އެގޮތުން ގައުމުތަކުގައި ބިނާ ކޮށްފައިވާ ޔުނިވަރސިޓީތަކުން އުގަންނައިދެނީ ހަމަ އެކަނި ތައުލީމެއް ނޫނެވެ. އެތަންތަނަކީ މުހިންމު ރިސާޗްތައް ހަދާ, އެ ޔުނިވަރސިޓީތަކުން އުގަންނައިދޭ އިލްމުގެ މައްޗަށް, ދަރިވަރުން އާ އީޖާދުތައްކޮށް, އިލްމާއި ހިލްމު އަދި ޓެކްނޮލޮޖީގެ ރޮގުން ދުނިޔެ މިހާތަނަށްވެސް ހޯދާފައިވާ ކުރިއެރުންތަކުގައި އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވާ މުވައްސަސާތަކެވެ.
އޭގެ ނަތީއާއެއްގެ ގޮތުން ހުރިހާ ގައުމެއްގެވެސް އެންމެ ބޮޑު ފަޚުރަކަށް ވެފައި އޮންނަނީ އެގައުމެއްގައި ހުންނަ ގައުމީ ޔުނިވަރސިޓީއެކެވެ. އިސްލާމީ ގައުމެއް ކަމެއްގައިނަމަ, އެގައުމެއްގައި ހުންނަ އެންމެ ބޮޑު އިސްލާމިކް ޔުނިވަރސިޓީއެވެ.
އެމެރިކާގައި ނަމަ, ދުނިޔޭގައި އިލްމީ އެތައް ޕްރޮފެސަރުންނަކާއި ސައިންޓިސްޓުންނެއް އުފަން ކޮށްފައިވާ ހާވަރޑް ޔުނިވަރސިޓީއެވެ. އިނގިރޭސިވިލާތުގައި ނަމަ, އެތައް ސަތޭކަ އަހަރުތަކެއް ވަންދެން މޮޅެތި ތާރީޚީ އިލްމުވެރިންނާއި ލިޓްރޭޗަރުން (ބަހުގެ އިލްމުވެރިން) އިންނާއި, ސައިންޓިސްޓުންނާއި އެތައް ޕްރޕެސަރުންނަށް އެ ހިޔާވައްސަކުން އިލްމުވެރިވި އޮކްސްފޯޑް ޔުނިވަރސިޓީއެވެ.
މިސްރުގައިނަމަ, އެއްހާސް އަހަރަށްވުރެ ދޮށީ, އަޒުހަރު ޔުނިވަރސިޓީއެވެ. އަވައްޓެރި މެލޭޝިއާއަށް ބަލާނަމަ, އެގައުމުގެ ޔުނިވަރސިޓީ މަލާޔާއާއި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީފަދަ އެތައް ޔުނިވަރސިޓީއެކެވެ.
މިހުރިހާ ގައުމުތައްވެސް އިލްމާއި ހިލްމުން ކުރިއެރީ އެގައުމުގައި, އިތުބާރުހުރި ޔުނިވަރސިޓީތައް ވުޖޫދުކޮށް, ސިޔާސީ ނުފޫޒުން އެއްކިބާކޮށް, އެތަންތަނުން ފޯރުކޮށްދޭ ތައުލީމުގައި ފެންވަރާއި އިތުބާރު ދަމަހައްޓައިގެންނެވެ. އެގައުމުތަކުން ފޯރުކޮށްދޭ ތައުލީމަށް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ކުރާ އިތުބާރަކީ އެއީއެވެ. އެ ޔުނިވަރސިޓީތަކުން ޖާގަ ލިބެނީ އެކަށައެޅިފައިވާ ފެންވަރު ހުރެގެންނެވެ. ކޯސްތަކުން ޖާގަ ލިބެނީ, ތައުލީމީ ވަކި ފެންވަރެއް ހުރެގެންނެވެ. އަސާސީ ތައުލީމުގެ ފެންވަރުން ނެތްމީހާއަށް ބައްޓަންކޮށް އެ ޔުނިވަރސިޓީތަކުގެ އުސޫލާއި ހަމަ ބަދަލު ނުކޮށް, ހިފަހައްޓާ ދަމަހައްޓައިގެންނެވެ.
އެހެންނަމަވެސް މިރާއްޖޭގައި މިއަދާއި ހަމައަށްވެސް މިހަގީގަތް ފެންނާން އޮތީ މިއުސޫލާއި ހަމަތަކާއި ދިމާ އިދިކޮޅަށެވެ. ރަސްމީ ތައުލީމެއް ދުވަހަކު ލިބިފަ ނެތް, މަގުމަތީ “ފަތް ބޯން” އުޅުނު މީހަކަށްވެސް, ރައްޔިތުންގެ މަޖިލީހަށް ވަދެވުމުން, އޭނާއަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު އެބަ ލިބެއެވެ.
ރާއްޖޭގައި ގާއިމް ކޮށްފައިވާ އިސްލާމިކް ޔުނިވަރސިޓީން ގާނޫނީ ދާއިރާއިން ހިންގާ ޑިގްރީ ކޯހުގައި, މިހާރުގެ މަޖިލިހުގެ 16 މެމްބަރަކު އެންރޯލްވެ, ޑިގްރީ ހެދުމަށް ފުުރުސަތު ލިބިދިނުމަކީ މިކަމުގެ އެންމެ ދިރިހުރި މިސާލެވެ. މީގެ ތެރޭގައި, ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް އަބުދުއްރަހީމްވެސް ހިމެނެއެވެ.
އޭނާއަކީ ދުވަހަކު މަދުރަސާއަށް ހާޒިވެ, އެއްވެސް ބާވަތެއްގެ ތައުލީމެއް އުގެނިފައިވާ މީހެއް ނޫނެވެ. އަދި އޭނާއާއެކު މި ޑިގްރީ ކޯހުގައި ބައިވެރިވާ މަޖިލިސް އެހެން މެމްބަރުންނަކީވެސް, ދުވަހަކު ތައުލީމެއް ހާސިލް ކޮށްފައިވާ ނުވާ, އަސާސީ ތައުލީމުގެ ފެންވަރުވެސް ނެތް މީހުންނެވެ.
މިފަރާތްތަކަށް އައިޔޫއެމްގެ ޑިގްރީ ޕްރޮގްރާމުން ޖާ ދިނުމުން, މި ޔުނިވަރސިޓީގެ ސްޓޭންޑަޑާއި, ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ވަރަށްވެސް ރަގަޅަށް އެބަ ވަޒަން ކޮށްލެވެއެވެ. އަދި މި ޔުނިވަރސިޓީއަށް އޮންނާންވީ އިތުބާރާއި, މި ޔުނިވަރސިޓިން ފޯރުކޮށްދޭ ސެޓިފިކެޓުގެ “ކޮލިޓީ” ވަރަށްވެސް ރަގަޅަށް ވަޒަން ކުރެވެއެވެ.
ގައުމެއް ކުރިއަރައި ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ޔުނިވަރސިޓީތައް މިއުސޫލުން ގުރުބާންވެ ދިއުމަކީ އެގައުމެއްގެ ހާލަތު އެންމެ ރަގަޅަށް ވަޒަންކޮށްދޭ ހަގީގަތެވެ. މިއަދު މިރާއްޖޭގެ ހާލަތަކީ މިއީއެވެ.
އެތައް ގުރުބާނީއަކުން, ބޮޑެތި ޚަރަދުކޮށް ދަރިވަރުން ތައުލީމު އެނގެނެމުން ދާއިރު, އިލްމެއް ހިލްމެއް ނެތް, މަޖިލިސް މެމްބަރަކަށް ވީތީވެ އޭނާއަށް ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ޑިގްރީ ހަދާލުމުން ފުރުސަތު މިއުސޫލުން ފޯރުކޮށް ދިނުމުން, ރާއްޖޭގެ ތައުލީމީ ނިޒާމުގައިވެސް މިއޮތީ މޮޅު މީހާއަށް މޮޅު ގޮތެވެ. ނިކަމެތި މީހާއަށް ނިކަމެތި ކަމެވެ. އެ ގުރުބާން ކޮށްލެވުނީ ގައުމުގެ މުސްތަގުބަލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ