ފަލަސްތީނުގެ ދައުލަތް ވެސް އދ. އިން ބަލައިގަނެ އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި ފާސް ކުރި "ނިއު ޔޯކް ޑެކްލަރޭޝަން" އަށް ރައީސް މުހައްމަދު މުއިއްޒު ތާއީދު ކުރައްވައިފި އެވެ.
އެ ގަރާރަކީ، ފްރާންސް އާއި ސައުދީ އަރަބިއްޔާ ކޯ-ޗެއާ ކުރި ޓޫ ސްޓޭޓް ސޮލިއުޝަން ކޮންފަރެންސްގައި ފާސް ކުރި ގަރާރެކެވެ. ގަރާރުގައި ގޮވައިލަނީ 1967 ގެ ބޯޑަރާ އެއްގޮތަށް ފަލަސްތީނުގެ ބިންތައް ބަލައިގަނެ، ފަލަސްތީނުގެ ދައުލަތް ވެސް ބަލައިގަތުމަށެވެ.
އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނެއްގައި މުއިއްޒު ވިދާޅުވީ، އެ ގަރާރުގެ ސަބަބުން ފަލަސްތީނުގެ ދައުލަތް ބަލައިގަނެ، އދ. ގެ ފުރިހަމަ މެންބާޝިޕް ފަލަސްތީނަށް ދިނުމަށް ތާއީދު އޮތް ކަން ހާމަވާ ކަމަށެވެ. އަދި ވިދާޅުވީ، އިޒްރޭލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކުން ފަލަސްތީނު ސަލާމަތް ކުރަން ބައިނަލްއަގުވާމީ މުޖްތަމައިން ބޭނުންވާ މިންވަރު ގަރާރުން ހާމަކޮށްދޭ ކަމަށެވެ.
"1967 ގެ ބޯޑަރާ އެއްގޮތަށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި، ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ބިނާ ކުރަން ދިވެހި ސަރުކާރު އަދި ދިވެހި ރައްޔިތުން ތާއީދު ކުރާނެ،" މުއިއްޒު ވިދާޅުވި އެވެ.
ނިއު ޔޯކް ގަރާރުގައި ބުނެފައި ވަނީ ގާޒާއަކީ ފަލަސްތީނުގެ މުހިންމު ބައެއް ކަމަށާއި އެތަނަށް ބަޔަކު ވެރިވެގެން ނުވާނެ ކަމަށެވެ. އަދި ގާޒާ ބަންދު ކުރުމެއް ނުވަތަ އެތަނުގެ ރައްޔިތުން މަޖުބޫރުން ހިޖުރަ ކުރުވުން ފަދަ ކަމެއް ވެސް ހިނގައިގެން ނުވާނެ ކަމަށް ގަރާރުގައި ބުނެ އެވެ.
ފަލަސްތީނާއި އިޒްރޭލުން ހަމަލާ ބަދަލު ކުރުން ހުއްޓާލައި، ޕަލެސްތީނިއަން ނެޝަނަލް އޮތޯރިޓީގެ ނަމުގައި އިދާރާއެއް ގާއިމުކޮށް، ގާޒާގެ ހިންގުން އެތަނާ ހަވާލު ކުރަންވާނެ ކަމަށް ވެސް ގަރާރުގައި ގޮވާލަ އެވެ. އަދި ފަލަސްތީނުގެ ސަރުކާރާއި ސަލާމަތީ ބާރުތަކަށް ބައިނަލްއަގުވާމީީ އެހީ ދިނުމަށް ވެސް ގަރާރުގައި ގޮވާލާފައިވެ އެވެ.
އެ ކޮންފަރެންްސުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު އަލީ ނަސީރު މުހައްމަދެވެ. އެކަމަކު، އެތަނަށް ދާން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ވެސް މަސައްކަތް ކުރެއްވި އެވެ. އޭނާއަށް ދެވޭ ގޮތް ނުވީ އެމެރިކާއިން ވިސާ ނުދީ ހިފެހެއްޓުމުންނެވެ.
ޓޫ ސްޓޭޓް ސޮލިއުޝަން: ނިއު ޔޯކް ޑެކްލަރޭޝަނަށް މުއިއްޒުގެ ތާއީދު ޓޫ ސްޓޭޓް ސޮލިއުޝަން: ނިއު ޔޯކް ޑެކްލަރޭޝަނަށް މުއިއްޒުގެ ތާއީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ