އެމްޑީޕީ ނޫން ބަޔަކަށް މި ޤައުމަށް ބޮޑެތި ބަދަލުތަކެއް ނުގެނެވޭނެކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރާ ކަަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޟު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައި ފައްޔާޟު ވިދާޅުވީ، ފާއިތުވި 20 އަހަރުގެ ތެރޭގައި، ސިޔާސީ، އިޖުތިމާޢީ އަދި އިގްތިޞާަދީ ދާއިރާއިން ރާއްޖެއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ޚާއްސަކޮށް ރައްޔިތުންގެ ބާރުވެރިކަމާއި ކަންކަން ނިންމުމުގައި ރައްޔިތުންގެ ބަސް ބުނުމުގެ ހައްގު މިއަދު ހޯދައިދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންކަން ހޯދައި ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެމްޑީޕީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފައްޔާޟު އިތުރަށް ވިދާޅުވީ، އާއްމު ދިވެހި ރައްޔިތުންގެ ކުރިމަގާއި އުއްމީދުތައް އެމްޑީޕީއާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.
ޚާއްސަކޮށް ގައުމުގެ ހާލަތު ގޯސްވެގެންދާ ކޮންމެ ދަނޑިވަޅެއްގައި، އާއްމު ރައްޔިތުންގެ ފޯކަސް މި އޮންނަނީ އެމްޑީޕީއާ ދިމާއަށް. އެމްޑީޕީއަށް ނޫނީ މި ގައުމުގައި ބޮޑެތި ބަދަލުތައް ނުގެނެވޭނެކަން ދިވެހި ރައްޔިތުން ގަބޫލުކުރޭ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟު އިސްމާޢީލް
ފައްޔާޟު ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރު ތެރޭ، އެ ޕާޓީގެ ތެރޭގައިވެސް ގިނަ ކަންތައްތަކެއް ހިނގައި ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް، މިއަދު އޮތް ދިވެހިރާއްޖެ އެހެން ދިމާއަށް ގެންދިޔުމަށް، އެމްޑީޕީ ނުކުންނަނީ އެކުގައި އެކަތުގަނޑެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ދިވެހިރާއްޖެއަށް ހަމަ މަގަށް އަޅުވައި ކުރިއެރުން ގެންނަތަން ފެނިގެންދާނެ ކަމަށާަ، އެކަން ކުރިއަށް ގެންދާނީ އެކުވެރިކަމާއި އެއްބައުވަންތަ ކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ ނޫން ބަޔަކަށް މި ޤައުމަށް ބޮޑެތި ބަދަލުތަކެއް ނުގެނެވޭނެކަން ރައްޔިތުން ގަބޫލުކުރޭ: ފައްޔާޟު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ