ކުޑޫސް 75 މިލިއަން ޑޮލަރަށް ޓޮޓެންހަމަށް ވިއްކާލަން އެއްބަސްވެއްޖެ ކުޑޫސް 75 މިލިއަން ޑޮލަރަށް ޓޮޓެންހަމަށް ވިއްކާލަން އެއްބަސްވެއްޖެ

ލަންޑަން (ޖުލައި 10) - ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެމުން އަންނަ ގާނާ ގައުމީ ޓީމުގެ ފޯވާޑް، މުހައްމަދު ކުޑޫސް، 75 މިލިއަން ޑޮލަރަށް ޔޫރޮޕާ ލީގުގެ ޗެމްޕިއަން، ޓޮޓެންހަމް ހޮޓްސްޕާސް އަށް ވިއްކާލަން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ކުޑޫސް، 24، ގަތުމަށް ޓޮޓެންހަމް އިން އެންމެ ފުރަތަމަ ކުރީ 68 މިލިއަން ޑޮލަރުގެ ބިޑެކެވެ. ވެސްޓް ހޭމާ އެކު ހަދާފައި އޮތް، އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތް ކުޑޫސް ގަތުމަށް މަދުވެގެން 80 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވެސްޓް ހޭމް އިން އޭރު ބުނެފައިވެ އެވެ.
ކުޑޫސްގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފީއެއްގެ ގޮތުގައި، ވެސްޓް ހޭމް އިން ކަނޑައަޅާފައި އޮތީ 100 މިލިއަން ޑޮލަރެވެ. އެކަމަކު، އެ އަގު ދަށްކޮށްލައި، މިހާރު ވެސްޓް ހޭމް އިން ވަނީ ޓޮޓެންހަމާ އެކު ޑީލެއް ހެދުމަށް އެއްބަސްވެފަ އެވެ.
މީގެ އަހަރެއް ކުރިން، 50 މިލިއަން ޑޮލަރަށް، އަޔަކްސް ދޫކޮށް ވެސްޓް ހޭމް އަށް ބަދަލުވި ކުޑޫސް ފުރަތަމަ ސީޒަނުގައި ވަނީ 48 މެޗުން 18 ގޯލު ޖަހައިދީ 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެހެން ނަމަވެސް މިދިޔަ ސީޒަނުގައި ކުޅުނު 35 މެޗުން ކުޑޫސް އަށް ޖެހުނީ އެންމެ ފަސް ގޯލެވެ.
ޓޮޓެންހަމްގެ ކޯޗު ތޯމަސް ފްރޭންކްގެ ޕްލޭނަށް މަސައްކަތް ކުރަން، ކުޑޫސް ހުރީ ޓޮޓެންހަމްއާ ގުޅެން ހުރިހާ ގޮތަކުން ނިންމައިގެންނެވެ. ކުޑޫސްގެ އިތުރުން، ފްރޭންކް އަންނަނީ އޭނާއާ އެކު، ބްރެންޓްފޯޑްގައި މަސައްކަތްކުރި، ކެމަރޫންގެ ފޯވާޑް، ބްރަޔާން އެމްބުއޭމޯގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ އަންނަނީ، މެންޗެސްޓާ ޔުނައިޓެޑާ އެކު ވެސް މަޝްވަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ