ޓޮރީނޯ ބަލިކޮށް އިންޓާއިން ފެށުން ރަނގަޅުކޮށްފި

އިޓާލިއަން ސެރީއާގައި އިންޓާ މިލާނާއި ޓޮރީނޯ ބައްދަލުކުރި މެޗު އިންޓާއިން ކާމިޔާބުކޮށް، ލީގުގައި އެ ޓީމުގެ ފެށުން ރަނގަޅުކޮށްފިއެވެ. އިންޓާގެ ދަނޑުގައި ކުޅުނު މި މެޗު އިންޓާއިން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާ އެކު 5-0 އިންނެވެ. އިންޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ 18 ވަނަ މިނެޓުގައި އެލެސަންޑްރޯ ބަސްޓޯނީ ޖަހައިދިން ލަނޑުންނެވެ. މެޗުގައި އިންޓާގެ ދެވަނަ ލަނޑު 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކަސް ތުރާމެވެ. މެޗުގައި އިންޓާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒެވެ. އިންޓާގެ ހަތަރުވަނަ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ލަނޑު ވެސް ޖަހައިދިން ތުރާމެވެ. އަދި، ފަހު ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންޖޭ ޔޮއާން ބޮނީއެވެ. މި ކާމިޔާބީއާ އެކު އިންޓާއިން ފެށުން ރަނގަޅުކޮށްފައިވާއިރު ސެރީއާގެ އާ ސީޒަންގެ ފުރަތަމަ ހަފުތާގެ ކުޅުމަށް ބަލާއިރު ފުރަތަމަ މެޗު ކާމިޔާބުކުރެވިފައިވަނީ ހަ ޓީމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޓާގެ އިތުރުން އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ، ކޯމޯ، ޔުވެންޓަސް، ކްރެމޮނޭސޭ އަދި އޭއެސް ރޯމާއެވެ. އަދި، އެންމެ ހައިރާން ކުރުވަނިވި ނަތީޖާއަކަށްވީ އޭސީ މިލާންގެ މައްޗަށް ކްރެމޮނޭސޭ ހޯދި ކާމިޔާބީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ