2025 ވަނަ އަހަރު ދުނިޔޭގައި އެންމެ މަޤްބޫލު 10 ސްމާޓްފޯނު
ނިމިގެން މިދާ 2025 ވަނަ އަހަރަކީ ސްމާޓްފޯނު އުފެއްދުމުގެ ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ފީޗާތައް ފޯނުތަކުގެ ތެރެއަށް ވަދެ، މެދުފަންތީގެ ފޯނުތަކުގެ މަޤްބޫލުކަން އިތުރުވެގެން ދިޔައެވެ. މި އަހަރުގެ ސްމާޓްފޯނު މާކެޓަށް ބަލާއިރު، ދެ ކުންފުންޏެއްގެ ބާރުގަދަކަން ފާހަގަކުރެވެއެވެ. އެގޮތުން އެޕަލް އާއި ސެމްސަން އިން ވަނީ އެންމެ މަޤްބޫލު 10 ފޯނުގެ ތެރެއިން ފަސް ފޯނު ހިއްސާކޮށްފައެވެ. އެޕަލްގެ އައިފޯނުތަކުގައި އެޕަލް އިންޓެލިޖެންސް ގެ ނަމުގައި އާ ފީޗާތަކެއް ތަޢާރަފްކުރިއިރު، ސެމްސަންގެ މެދުފަންތީގެ ފޯނުތަކުގައި ވެސް އޭއައިގެ ފީޗާތައް ހިމަނާފައިވެއެވެ. މިއީ ކުރިން ހަމައެކަނި ފްލެގްޝިޕް ފޯނުތަކުގައި ހިމެނޭ ފީޗާތަކެކެވެ. އެޕަލްގެ އައިފޯނު 16 ސީރީޒް ވަނީ މާކެޓުގެ އެންމެ ކުރީގައި ހިފަހައްޓާފައެވެ. ޚާއްޞަކޮށް އައިފޯނު 16 އަކީ ހަތަރު އިންސައްތައިގެ މާކެޓު ހިއްސާއާއެކު އެންމެ ގިނައިން ވިކުނު ފޯނެވެ. އަނެއްކޮޅުން ސެމްސަންގެ އެންމެ މަޤްބޫލު ފޯނުތައް ހިމެނެނީ ގެލެކްސީ އޭ ސީރީޒުންނެވެ. މި ފޯނުތަކަކީ ޚާއްޞަކޮށް ދެކުނު އެމެރިކާއާއި މެދުއިރުމަތީގެ އަދި އެފްރިކާ ފަދަ ތަރައްޤީވަމުން އަންނަ މާކެޓުތަކުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ފޯނުތަކެކެވެ. ކައުންޓަޕޮއިންޓް ރިސާޗްގެ މައުލޫމާތުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ދުނިޔޭގައި އެންމެ ގިނައިން ވިކުނު 10 ސްމާޓްފޯނުގެ އެންމެ ކުރީގައި އޮތީ އެޕަލް އައިފޯނު 16 ސީރީޒެވެ. ރިޕޯޓްތައް ބުނާގޮތުން އައިފޯނު 16 ސީރީޒްގެ މަޤްބޫލުކަމުގެ އެންމެ ބޮޑު ސިއްރަކީ އެޕަލް އިންޓެލިޖެންސްއެވެ. މި ސިސްޓަމްގެ ސަބަބުން ފޯނުގެ ޕާފޯމަންސް ވަރަށް ބޮޑަށް ރަނގަޅުވެފައިވެއެވެ. 1. އެޕަލް އައިފޯން 16: ސްޓޭންޑަޑް އައިފޯނު 16 އަކީ 2025 ވަނަ އަހަރު ގިނަބަޔަކަށް އެންމެ މަޤްބޫލުވި މޮޑެލެވެ. މި ފޯނުގައި އޭ18 ޗިޕް ހިމެނޭއިރު، މިއީ ބޭސް މޮޑެލަށް އެޕަލް އިންޓެލިޖެންސް ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ. އާ ކެމެރާ ކޮންޓްރޯލް ބަޓަނާއި 48އެމްޕީ ފިޔުސަން ކެމެރާގެ ސަބަބުން މަތީ ފެންވަރުގެ ފޮޓޯ ނެގުމުގެ ފުރުޞަތު ލިބިގެންދެއެވެ. އަދި މި ފޯނުގެ ރީތި ކުލަތަކާއި ސުޕާ ރެޓީނާ އެކްސްޑީއާރު ޑިސްޕްލޭގެ ސަބަބުން ވެސް މި ފޯނު ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. އަގާއި ޕާފޯމަންސްގެ މެދުގައި ހަމަޖެހޭ ބެލެންސެއް ހުރުމުގެ ސަބަބުން މި ފޯނު ވަނީ ދުނިޔޭގެ މާކެޓުގެ ލީޑަރަކަށް ވެފައެވެ. 2. އެޕަލް އައިފޯން 16 ޕްރޯ: އައިފޯނު 16 ޕްރޯ ޑިޒައިންކޮށްފައިވަނީ ކޮމްޕެކްޓް ސައިޒެއްގައި ޕްރޮފެޝަނަލް ފެންވަރުގެ ފީޗާތައް ބޭނުންވާ ފަރާތްތަކަށެވެ. މި ފޯނަށް ބާރުދެނީ އޭ18 ޕްރޯ ޗިޕުންނެވެ. މިއީ މަތީ ސްޕީޑާއި އިތުރުކުރެވިފައިވާ އޭއައި ގާބިލިއްޔަތުތައް ގެނެސްދޭ ޗިޕެކެވެ. ޕްރޯ މޮޑެލްގައި ޚާއްޞަ ޓެލެފޮޓޯ ލެންސަކާއެކު ޓްރިޕަލް ކެމެރާ ސިސްޓަމެއް ހިމެނޭއިރު، 120ހާޓްޒްގެ ޕްރޯމޯޝަން ޓެކްނޮލޮޖީގެ ސަބަބުން ޑިސްޕްލޭގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށްދެއެވެ. ޓައިޓޭނިއަމް ބިލްޑުގެ ސަބަބުން ފޯނު ވަރަށް ވަރުގަދަވެފައި، ބަރުދަން ލުއިކޮށްދެއެވެ. 3. އެޕަލް އައިފޯން 16 ޕްރޯ މެކްސް: އައިފޯން 16 ސީރީޒްގެ އެންމެ މަތީ ފަންތީގެ މޮޑެލްގެ ގޮތުގައި ހިމެނޭ، އައިފޯނު 16 ޕްރޯ މެކްސް އަކީ 6.9-އިންޗީގެ އެންމެ ބޮޑު ޑިސްޕްލޭއާއި އެންމެ ލައިފް ދިގު ބެޓެރީ ލިބިފައިވާ ފޯނެވެ. މިއީ މީޑިއާ ބޭނުންކުރުމަށާއި ޕްރޮފެޝަނަލް މަސައްކަތްތަކަށް އެންމެ އެކަށީގެންވާ ފޯނެވެ. ޕްރޯ މޮޑެލްގައި ހިމެނޭ އޭ18 ޕްރޯ ޗިޕް މި ފޯނުގައި ވެސް ހިމެނޭއިރު، ބޮޑު ސައިޒުގެ ސަބަބުން ހޫނުވުން ކޮންޓްރޯލްކުރުމަށް ފަސޭހަވެފައިވެއެވެ. ބޮޑު ސްކްރީނާއި އެޑްވާންސްޑް ކެމެރާ ފީޗާތަކުގެ ސަބަބުން މި ފޯނު ވަނީ ޓެކްނޮލޮޖީއަށް ޝައުޤުވެރިވާ ފަރާތްތަކުގެ މެދުގައި މަޤްބޫލުވެފައެވެ. 4. އެޕަލް އައިފޯން 16އީ: އައިފޯނު 16އީ ތަޢާރަފްކުރެވުނީ އައިފޯނު 16 ގެ އިކޯސިސްޓަމަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އަގުހެޔޮ ފުރުޞަތެއް ދިނުމުގެ ގޮތުންނެވެ. މި ފޯނުގައި އެޕަލް އިންޓެލިޖެންސާއި އޭ18 ޗިޕް ހިމެނޭއިރު، ފަހަތުގައި ހަމައެކަނި އެއް ކެމެރާ އާއި ކުޑަ 6.1-އިންޗީގެ ޑިސްޕްލޭއެއް ފަދަ ބައެއް ހާޑްވެއާ ފީޗާތައް ވަނީ ސާދާކޮށްފައެވެ. ޖަޕާނާއި އެމެރިކާ ފަދަ މާކެޓުތަކުގައި މި ފޯނު ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އެއީ އެންމެ ފަހުގެ ސޮފްޓްވެއާ ތަޖުރިބާ އަގުހެޔޮކޮށް ލިބޭތީއެވެ. 5. ސެމްސަން ގެލެކްސީ އޭ16 5ޖީ: ސެމްސަންގްގެ ގެލެކްސީ އޭ16 5ޖީ އަކީ 2025 ވަނަ އަހަރުގެ މެދުފަންތީގެ މާކެޓުގެ ރަސްގެފާނެވެ. މި ފޯނުން 6.7-އިންޗީގެ ސުޕާ އެމޯލެޑް ޑިސްޕްލޭއަކާއި 90ހާޓްޒްގެ ރިފްރެޝް ރޭޓެއް ލިބިގެންދެއެވެ. މިއީ ހެޔޮ އަގެއްގައި ޕްރީމިއަމް ފެންވަރުގެ ތަޖުރިބާއެކެވެ. 5000މިލީ އެމްޕަޔާގެ ބެޓެރީއަކާއި 50އެމްޕީ ގެ މައި ކެމެރާއަކާއެކު، ދުވާލުގެ ބޭނުންތަކަށް ބޭނުންވާ ހުރިހާ ކަމެއް މި ފޯނުން ފުއްދައިދެއެވެ. ސެމްސަންގުން މި މޮޑެލަށް 6 އަހަރު ދުވަހުގެ ސޮފްޓްވެއާ އަޕްޑޭޓް ދިނުމަށް ވެފައިވާ ވައުދުގެ ސަބަބުން، މި ފޯނުގެ ދިގު މުއްދަތުގެ އިތުބާރު ވަނީ ހިފެހެއްޓިފައެވެ. 6. ސެމްސަން ގެލެކްސީ އޭ60: މިފޯނަކީ ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ މާކެޓުތަކުގައި، އަގުހެޔޮ ފޯނެއް ބޭނުންވާ ފަރާތްތަކަށް ސެމްސަންގުން ހުށަހަޅާފައިވާ މޮޑެލެވެ. މި ފޯނުގެ މައިގަނޑު ސިފަތަކަކީ އިތުބާރު ހިފޭ ގޮތަކަށް މަސައްކަތްކުރުމާއި، ބެޓެރީގެ ދިގު ލައިފެވެ. އަގުބޮޑު ފޯނުތަކުގައި ހިމެނޭ އޭއައި ފީޗާތައް މި ފޯނުގައި ނުހިމެނުނު ނަމަވެސް، މި ފޯނުގެ އަގުހެޔޮކަމާއި ސެމްސަންގް ބްރޭންޑަށް އޮތް އިތުބާރުގެ ސަބަބުން، ލެޓިން އެމެރިކާ އާއި އެފްރިކާ ފަދަ ސަރަޙައްދުތަކުގައި އެންމެ ގިނައިން ވިކޭ ފޯނުތަކުގެ ތެރޭގައި މި ފޯނު ހިމެނެއެވެ. 7. ސެމްސަން ގެލެކްސީ އޭ36: ގެލެކްސީ އޭ36 އަކީ "އޯސަމް އިންޓެލިޖެންސް" ގެ ފީޗާތައް ގިނަ ބަޔަކަށް ގެނެސްދިން ފޯނެވެ. މި ފޯނުގައި "ބެސްޓް ފޭސް" އާއި "ނައިޓޯގްރަފީ" ފަދަ އޭއައި އިން މަސައްކަތްކުރާ ކެމެރާ ފީޗާސްތައް ހިމެނެއެވެ. މި ފޯނު އޮތީ ބަޖެޓު ފޯނުތަކާއި ޕްރީމިއަމް މެދުފަންތީގެ ފޯނުތަކާ ދެމެދުގައެވެ. ގާބިލު ޕްރޮސެސަރަކާއި މަތީ ފެންވަރުގެ ޑިސްޕްލޭއަކާއެކު، މި ފޯނަކީ މެދުފަންތީގެ މާކެޓުގައި ވަރަށް ވަރުގަދަ ވާދަވެރިއެކެވެ. 8. ސެމްސަން ގެލެކްސީ އޭ56: ގެލެކްސީ އޭ56 އަކީ އޭ-ސީރީޒްގެ އެންމެ ބާރުގަދަ މޮޑެލެވެ. މި ފޯނު ބައެއް ފަހަރު މެދުފަންތީގެ ފޯނުތަކާއި ފްލެގްޝިޕް ފޯނުތަކާ ދެމެދުގައިވާ ފޯނެއްގެ ގޮތުގައި ވެސް ސިފަކުރެވެއެވެ. އޭ36 އާ އަޅާބަލާއިރު، މި ފޯނުގައި އިތުރަށް އެޑްވާންސްޑް ޕްރޮސެސަރަކާއި ރަނގަޅު ކެމެރާ ސެންސަރުތަކެއް ހިމެނެއެވެ. އަދި އޭއައި އިން މަސައްކަތްކުރާ ފީޗާސްތައް ވެސް އިތުރަށް ވަރުގަދަކޮށްފައިވެއެވެ. އެސް-ސީރީޒްގެ އަގުބޮޑުކަމެއް ނެތި، ފްލެގްޝިޕް ފޯނެއްގެ ތަޖުރިބާ ބޭނުންވާ ފަރާތްތަކަށް އޭ56 އަކީ އެންމެ އެކަށީގެންވާ ފޯނެވެ. 9. ސެމްސަން ގެލެކްސީ އޭ16 4ޖީ: ދުނިޔޭގައި 5ޖީ ޓެކްނޮލޮޖީއަށް ބަދަލުވަމުންދާ ނަމަވެސް، 5ޖީ ގެ ނެޓްވޯކް ނުފޯރާ ސަރަޙައްދުތަކަށް ގެލެކްސީ އޭ16 4ޖީ އަކީ ވަރަށް މުހިންމު މޮޑެލެކެވެ. މި ފޯނުގައި 5ޖީ މޮޑެލްގައި ހިމެނޭ ގިނަ ފީޗާތައް (6.7-އިންޗީގެ އެމޯލެޑް ޑިސްޕްލޭއާއި ދިގު ބެޓެރީ ލައިފް) ހިމެނެއެވެ. ނަމަވެސް 4ޖީގެ ސަބަބުން އަގު އިތުރަށް ހެޔޮވެފައިވެއެވެ. އެންމެ މަޤްބޫލު 10 ފޯނުގެ ތެރޭގައި މި ފޯނު ހިމެނުމުން ދައްކުވައިދެނީ، މަތީ ފެންވަރުގެ 4ޖީ ސްމާޓްފޯނުތަކަށް އަދިވެސް ބޮޑު ޑިމާންޑެއް އޮތް ކަމެވެ. 10. އެޕަލް އައިފޯން 17 ޕްރޯ މެކްސް: ނިމިގެން މިދާ 2025 ވަނަ އަހަރުގެ ފަހުކޮޅު ނެރުނު އައިފޯނު 17 ޕްރޯ މެކްސް ވަނީ ވަރަށް އަވަހަށް އެންމެ ގިނައިން ވިކުނު ފޯނުތަކުގެ ތާވަލަށް އަރާފައެވެ. މި ފޯނުގައި އޭ19 ޕްރޯ ޗިޕް ތަޢާރަފްކޮށްފައިވާއިރު، 8އެކްސް އޮޕްޓިކަލް ޒޫމްއާއެކު އާ 48އެމްޕީ ޓްރިޕަލް ކެމެރާ ސިސްޓަމެއް ހިމެނެއެވެ. 6.9-އިންޗީގެ ޑިސްޕްލޭއާއި އިތުރުކުރެވިފައިވާ އެޕަލް އިންޓެލިޖެންސް ފީޗާސްތަކާއެކު، މިއީ 2025 ވަނަ އަހަރުގެ ފަހުކޮޅުގެ ޓެކްނޮލޮޖީގެ އެންމެ މަތީ ފެންވަރުގެ ފޯނެވެ. މިއަހަރުގެ ސްމާޓްފޯނު މާކެޓަށް ބަލާއިރު، ޓެކްނޮލޮޖީގެ ކުރިއެރުން ވަނީ ފްލެގްޝިޕް ފޯނުތަކުން މެދުފަންތީގެ ފޯނުތަކަށް ވެސް ފޯރާފައެވެ. އެޕަލްގެ އައިފޯނު 16 ސީރީޒްގެ އެޕަލް އިންޓެލިޖެންސް އާއި، ސެމްސަންގްގެ އޭ ސީރީޒްގެ އޯސަމް އިންޓެލިޖެންސް އަކީ މި އަހަރުގެ އެންމެ ބޮޑު ދެ އިންގިލާބީ ބަދަލެވެ. މިއީ ސްމާޓްފޯނު ބޭނުންކުރާ ކޮންމެ މީހަކަށް ވެސް އޭގެ ފައިދާ ކުރާނެ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ