އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމްގެ މާލެ އެޑިޝަން ނިންމާލައިފި

މުވާސަލާތީ ގުޅުމާ ބެހޭ ކުންފުނި, ދިރާގާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމްއިއްޔާ، ވިމެން އިން ޓެކް މޯލްޑިވްސް އިން ކޯޑިން ދަސްކޮށްދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ހިންގި ގާލްސް ޓު ކޯޑްގެ މާލެ އެޑިޝަން ކާމިޔާބުކަމާއެކު ނިންމައިލައިފިއެވެ. ދިރާގުން ބުނީ މި ޕްރޮގްރާމަކީ ކޯޑުކުރުމުގެ ދާއިރާއިން ކުރިން އެއްވެސް ތަމްރީނެއް ހާސިލުކޮށްފައިނުވާ، ދާއިރާއަށް މުޅިން އައު އަންހެން ޒުވާނުން، ޓެކްނޮލޮޖީގެ ދާއިރާއަށް ވަނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ ޕްރޮގްރާމެއް ކަމަށެވެ. މި އަހަރުގެ ގާލްސް ޓު ކޯޑް މާލެ އެޑިޝަން ޕްރޮގްރާމް 17 ބައިވެރިން ފުރިހަމަކޮށްފައިވާއިރު، މިހާތަނަށް 108 ބައިވެރިން މި ޕްރޮގްރާމް ފުރިހަމަކުރި ކަމަށް ދިރާގުން މައުލޫމާތު ދިނެވެ. ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ލާމު އަތޮޅު އަދި ހއ. ދިއްދޫގައި މި ޕްރޮގްރާމް ކުރިއަށްދިޔަ ކަަމަށް އެކުންފުނިން ބުންޏެވެ. ގާލްސް ޓު ކޯޑް މާލެ އެޑިޝަން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. އަދި، މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއީލް ރަޝީދާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޙައިދަރު ވިދާޅުވި ގޮތުގައި، ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާއެކު ތަރައްގީވަމުންދާ އަދި އެންމެ ބޮޑެތި އިންގިލާބީ ބަދަލުތައް ފެންނަމުންދާ ދާއިރާއަކީ ޓެކްނޮލޮޖީއެވެ. އެހެންކަމުން، ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށް، އެކަމަށް އަހުލުވެރިވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުވެފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "ހަމަހަމަ މުޖުތަމައެއް ބިނާކުރުމަށާއި، އަންހެނުން ބާރުވެރިކުރުމަށް ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ހިންގަމުންދާ "ގާލްސް ޓު ކޯޑް" ޕްރޮގްރާމް ފާހަގަކޮށް ދެ ފަރާތުން ކުރައްވާ މަސައްކަތަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން," މިނިސްޓަރު ޙައިދަރު ވިދާޅުވިއެވެ. ދިރާގުގެ އެމްޑީ އިސްމާޢީލް ވިދާޅުވީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި މި ޕްރޮގްރާމްގެ ސަބަބުން، ގިނަ އަދަދެއްގެ ޒުވާން އަންހެނުން މި ދާއިރާއަށް ޝައުގުވެރިވެ، ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އިތުބާރާއި ހިތްވަރު ލިބިގެންދާ ކަމަށެވެ. "މި ޕްރޮގްރާމްގެ ތެރެއިން ދަސްވި ހުނަރާއި މައުލޫމާތުގެ އެހީގައި، ބައިވެރިންގެ ތައުލީމީ އަދި މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކޮށް، އިތުރު ކާމިޔާބީތަކެއް ލިބޭނެ ކަމަށް އުންމީދުކުރަން،'' އިސްމާޢީލް ވިދާޅުވެފައިވެއެވެ. ދިރާގުން ބުނީ މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރާ ވަނީ 16 އަހަރާއި 30 އަހަރަށް އިތުރުކޮށްފައި ކަމަށެވެ. މިގޮތަށް އުމުރުފުރާ ކަނޑައެޅީ ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ، މި ދާއިރާއިން އިތުރަށް ކުރިއަށްދާން ބާރުއެޅުމަށް ކަމަށް ދިރާގުން ބުންޏެވެ. ހަމަ އެހެންމެ، ޕްރޮގްރާމްގެ މުހިންމު ބައެއް ގޮތުގައި މި އަހަރު ވަނީ “ޓެކް އެންޑް ބިޔޯންޑް" ގެ ނަމުގައި، ހާއްސަ ކެރިއާ ގައިޑެންސް ވޯކްޝޮޕްއެއް، ތައާރަފްކޮށްފައި ކަމަށް ދިރާގުން ބުންޏެވެ. އަދި، ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ރޯލް މޮޑެލްސް އާއި ކުދިންނާއި ބައްދަލުކުރުވައި، އެ ބޭފުޅުންގެ އަމަލީ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ދިރާގުން މައުލޫމާތުދިނެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް އަސާސީ ކޯޑިން ހުނަރުތައް ދަސްކޮށްދީފައިވާއިރު މިނީ ޕޯޓްފޯލިއޯ ވެބްސައިޓްތައް އުފެއްދުމުގެ ހުނަރު ވެސް ކުދިންނަށް ދަސްވި ކަމަށް ދިރާގުން ބުންޏެވެ. އަދި ލިބުނު ހުނަރު އަމަލީގޮތުން ބޭނުންކޮށް ކެޕްސްޓޯން ޕްރޮޖެކްޓް ތައްޔާރުކުރުމުގެ ފުރުސަތު ލިބުނު ކަންވެސް ދިރާގުން ފާހަގަކުރިއެވެ. މިއީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުގައި ހޭލުންތެރިކަން އިތުރުކޮށް ޝާމިލު ޑިޖިޓަލް އިގުތިސާދެއް ބިނާކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ