ޓެކްސީ ލައިންގެ ބައެއް ކާރު ވިލިމާލޭގައި ދަތުރުކުރާނެ

މާލޭގައި އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށާ ޓެކްސީ ލައިންގައި ހިމެނޭ ފަސް ކާރު ބޭނުން ކުރާނީ ވިލިމާލޭގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނުގައި ހިމެނެނީ އިލެކްޓްރިކް ކާރުތަކެއް ކަމަށްވުމުން އެ ކާރުތަކަކީ ވިލިމާލޭގެ މާހައުލާ ގުޅޭނެ ކާރުތަކެއް ކަމަށެވެ."ސަރުކާރުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފެށޭއިރުގައި މިރަށުގައި ވެސް އޭގެ ފަސް ޓެކްސީ ގެނެސް ރައްޔިތުންނަށް އެ ހިދުމަތް ދެވިގެންދާނެކަން. މިއީ އިލެކްޓްރިކް ޓެކްސީތަކަކަށްވާތީ މިރަށުގެ މާހައުލާއި މިރަށުގެ ރައްޔިތުންގެ ފަސޭހަކަމާއި މިރަށުގެ ތަރައްގީއަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ކަމެއްކަމީ ޝައްކެއް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ