ޝްރެޔާގެ 'އޯލް ހާޓްސް' ވޯލްޑް ޓުއާގެ ފުރަތަމަ ލައިވް އަލްބަމް ބާޒާރަށް ނެރެނީ

އިންޑިއާގެ ކާމިޔާބު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝާލްގެ "އޯލް ހާޓްސް" ވޯލްޑް ޓުއާގެ ފުރަތަމަ ލައިވް އެލްބަމް ނެރެން ނިންމިކަން އިއުލާނުކޮށްފިއެވެ. "އޯލް ހާޓްސް ޓުއާ - ލައިވް އަލްބަމް"ގެ ނަމުގައި ނެރޭ މި އަލްބަމަކީ މުމްބާއީ، ލަންޑަން، ނިއުޔޯކް އަދި އެމްސްޓަޑަމް ފަދަ ސިޓީތަކުގައި ޝްރެޔާ ހުށަހަޅާފައިވާ ހުށަހެޅުންތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އަލްބަމެކެވެ. ސޮނީ މިއުޒިކް އިންޑިއާ މެދުވެރިކޮށް ނެރޭ މި އަލްބަމްގައި ދުނިޔޭގެ ނަން މަޝްހޫރު ސްޓޭޖްތައް ކަމަށްވާ އޯވީއޯ އެރީނާ ވެމްބްލީ، އޯކްލޭންޑް އެރީނާ އަދި ވުލްފް ޓްރެޕް ފަދަ ތަންތަނުގައި ޝްރެޔާ ހުށަހަޅާފައިވާ ހުށަހެޅުންތައް ހިމަނާފައިވާނެއެވެ. ފޮކްސް ތިއޭޓަރުގައި ޕާފޯމްކުރި ދެވަނަ އިންޑިއާގެ ފަންނާނަކަށް ޝްރެޔާ ވެފައިވާއިރު، އެ ތިއޭޓަރުގައި މީގެ ކުރިން ޕާފޯމްކޮށްފައި ވަނީ ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރެވެ. މީގެ އިތުރުން، ޑޮލްބީ ތިއޭޓަރުގައި މައި ޕާފޯމަރެއްގެ ގޮތުގައި މިހާތަނަށް ހުށަހަޅައިދީފައިވާ ހަމައެކަނި އިންޑިއާގެ ފަންނާނަކީ ވެސް ޝްރެޔާއެވެ. ޝްރެޔާ ލައިވް ކޮންސެޓެއްގައި ލަވަ ހުށަހަޅައިދެނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ މި އަލްބަމްގައި ހިމެނޭ ބައެއް މަޝްހޫރު ލަވަތަކުގެ ތެރޭގައި 'އޯމްކާރާ'ގެ "އޯ ސާތީ ރޭ"، 'ބާޖީރާއޯ މަސްތާނީ'ގެ "ދީވާނީ މަސްތާނީ"، 'އަގްނީޕަތު'ގެ "ޗިކްނީ ޗަމޭލީ" އަދި 'ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ'ގެ "ސަމްޖާވަން" ހިމެނެއެވެ. "އޯލް ހާޓްސް ޓުއާ - ލައިވް އަލްބަމް އަކީ އަހަންނަށް ވަރަށް ހާއްސަ އަލްބަމެއް. މިއީ ކޮންސެޓް ރެކޯޑިންގްތަކެއް އަހަރެން ނެރޭ ފުރަތަމަ ފަހަރު. މީގެ ބޭނުމަކީ އަޑުއަހާ ފަރާތްތަކަށް އެ ވަގުތުގެ އިހުސާސްތައް އަލުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުން. މިއީ މިވޭތުވެދިޔަ އަހަރުތަކުގައި އަހަރެންގެ ދަތުރުގައި ބައިވެރިވި އެންމެންނަށް - އަޑުއެހުންތެރިންނަށާއި، ފޭނުންނަށާއި، ޓުއާގައި ބައިވެރިވި އަދި ބައިވެރިނުވެވުނު ފަރާތްތަކަށް އަހަރެން ދޭ ހަދިޔާއެއް،" އިންޑިއާގެ ނޫހެއް ކަމަށްވާ ވެރައިޓީއަށް ދިން އިންޓަވިއުގައި ޝްރެޔާ ބުނެފައިވެއެވެ. ޝްރެޔާގެ މިއުޒިކީ ދަތުރު ފެށުނީ އުމުރުން އެންމެ ހަތަރު އަހަރުގައި ކްލެސިކަލް މިއުޒިކުންނެވެ. އޭނާ މުޅި އިންޑިއާއަށް މަޝްހޫރުވެގެންދިޔައީ ޓީވީ ޝޯ "ސާ ރޭ ގާ މާ" ކާމިޔާބު ކުރުމާ ގުޅިގެންނެވެ. ފިލްމީ ދާއިރާއަށް އޭނާ ފުރަތަމަ ތައާރަފްވީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އުފެއްދި "ދޭވްދާސް"ގެ ލަވަތަކުންނެވެ. އެ ފިލްމުން އޭނާއަށް އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ ނެޝަނަލް އެވޯޑް ވެސް ވަނީ ލިބިފައެވެ. މިހާތަނަށް ޖުމްލަ ފަސް ނެޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ކުޅަދާނަ ލަވަކިޔުންތެރިޔާ އަކީ މިއުޒިކްގެ ދާއިރާގައި ވަކި ޖިންސަކަށް ނުބަލައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ސްޕޮޓިފައިއިން ހިންގާ "އީކުއަލް ގްލޯބަލް އެމްބެސެޑަރު"ގެ މަގާމަށް އައްޔަންކުރި ފުރަތަމަ އިންޑިއާގެ ފަންނާނުވެސް މެއެވެ. ޝްރެޔާ ގޯޝާލްގެ 'އޯލް ހާޓްސް' ވޯލްޑް ޓުއާގެ ފުރަތަމަ ލައިވް އެލްބަމް ނެރެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ