އާޒިމާ ޝުކޫރަށް: އަޒަލްނުކޮށް އެގޮތަށް މުއިއްޒު ވެސް ވަކިކުރެވިދާނެ!

ތެދެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބާ އެކުގައި ނުބޭއްވޭނެ ކަމަކަށް ގާނޫނެއްގައި އެ އިބާރާތުން ބުނެފައެއް ނެތެވެ. އުއްތަމަ ފަނޑިޔާރު ކޯޓުގައި އިންދާ ސިފައިން ފޮނުވައިގެން ނެރެ ޖަލަށް ލެވޭނެ ކަމަކަށްވެސް ގާނޫނަކު ނޯވެއެވެ. ހުޅުލޭ އެއަރޕޯޓް ޖީއެމްއާރަށް ކުއްޔަށް ނުދެވޭނެ ކަމަކަށްވެސް ގާނޫނަކު ނޯވެއެވެ. އެހެނެކޭ ކިޔާފައި ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކުރީމާ ވެފައިހުރި ގޮތްގޮތުގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. 
އާޒިމާއެވެ. ގާނޫނީ ހައިބަތު ފުރިބާރުވެ ގޮނޑިއަށް ޖެހިފައި އޮތަސް ރެއަކު ތިޔަ އެޅިއްޔަކީ ގާނޫނީ ހަމައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބާ އެކުގައި ނުބޭއްވޭނެ ގާނޫނީ ހަމައެއް ފެންނަ ވަރަށްވުރެ ފުސް ބޯވީމާ އާޒިމާއަށް ނުފެނުމަކީ ނުވަތަ ފެންނަ ކަމަށް ނުހެދުމަކީ ދެ އިންތިހާބު އެއްކުރުމުގައި ގާނޫނީ ހަމައެއް ނެތުމެއް ނޫނެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި މިހާރު ބާއްވަން ހިފާފައި ތިޔަ ތިބިއްޔަކީ ގާނޫނާ އެއްގޮތަކަށް ނޫނެވެ. ރާއްޖޭގެ ގާނޫނު އަސާސީގެ އެންމެ އަސާސީ ސިފައަކީ ރައްޔިތުންގެ ބާރެވެ. ދައުލަތުގެ ކަންކަން ހިންގަން ރައްޔިތުން މީހުން ހޮވަނީ އެހެން ވެގެންނެވެ، ފަސް އަހަރަށް ރައްޔިތުން އިންތިހާބުކުރާ ރައީސަކާއި ފަސް އަހަރަށް ދާއިރާތަކުގެ ރައްޔިތުން އިންތިހާބުކުރާ މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންނެވެ. 
އިންތިހާބީ މަގަމުތަކުގައި ތިބޭ މީހުން ހޮވޭގޮތާއި މުއްދަތާއި މަގާމު ގެއްލޭނެ ގޮތްތައް ހުރީ ކަނޑައެޅިފައެވެ. އެއިން އެއްވެސް ކަމެއް ދިމާނުވެ ފަހުންގެންނަ ބަދަލަކުން ރައީސާއި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ނުވަތަ މުއްދަތުން ބައެއް ކުރުވާގޮތަށް ގެންނަ ބަދަލަކީ ގާނޫނީ ބޮޑު މައްސަލައެކެވެ. 
އަންނަ ރިޔާސީ އިންތިހާބު އޮންނަ ދުވަހު ދެން އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުކޮށް 2028 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 01 ގައި އައު މަޖިލިސް ހުވާކުރަންޏާ ފަސްއަހަރަށް އިންތިހާބުކޮށް ހިނގަ ހިނގާ އޮތް ރައްޔިތުގެ މަޖިލީހުގެ އުމުރުން ބައެއް ކުރުވެގެން ދިޔުމަކީ ގާނޫނީ ބޮޑު މައްސަލައެވެ. 
މައްސަލައިގެ ބޮޑުކަމާ ނުރައްކާތެރިކަން އެނގިގެންދާނީ ޕީއެންސީއަށް މިހާރު މަޖިލީހުގައި އޮތް ބޮޑު މެޖޯރިޓީ ބޭނުން ކޮށްގެން ރައީސް މުއިއްޒުގެ ދައުރުން ބޮޑު ބައެއް ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލެއްގެނެސް ތަސްދީގު ކޮށްލުމުންނެވެ. އޭރުން އަތްފޮޅާލާފައި ރައީސް މުއިއްޒުވެސް ހަމަ ގެއަށް ދާނީ ހެއްޔެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ