ބެޑްމިންޓަން އެސޯސިއޭޝަނަށް 10 މިލިއަން ރުފިޔާގެ ބަޖެޓެއް، މައިގަނޑު ފޯކަސް ޑިވެލޮޕްމަންޓަށް ބެޑްމިންޓަން އެސޯސިއޭޝަނަށް 10 މިލިއަން ރުފިޔާގެ ބަޖެޓެއް، މައިގަނޑު ފޯކަސް ޑިވެލޮޕްމަންޓަށް

ދެ އަހަރެއްހާ ދުވަހު އެކި މައްސަލަތަކުގައި ތާށިވެފައި އޮތުމަށް ފަހު، އާ ހިންގާ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކުރިއަށްގެންދަން މަސައްކަތް ފަށާފައިވާ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މި އަހަރަށް 10 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
ހެންވޭރު ބޯޅަ ގޭގައި، ބުދަ ދުވަހުގެރޭ ބޭއްވި ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި، މި އަހަރަށް ފާސްކުރީ، 10،465،012 ރުފިޔާގެ ބަޖެޓެކެވެ.
މި ބަޖެޓުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަކީ، 2،999،220 ރުފިޔާ އެވެ. ބަޖެޓްގައި ހިމަނައި، ކަލަންޑަރު ކޮށްފައި ހުރި ކަންކަން ފުރިހަމަ ކުރުމަށްޓަކައި، ބެޑްމިންޓަން އެސޯސިއޭޝަނުން އިތުރަށް ހޯދަން ޖެހޭ ފައިސާގެ ޖުމްލަ އަކީ، 7،465،792 ރުފިޔާ އެވެ.
އަހަރީ އާންމު ޖަލްސާގައި، 10 ކްލަބުން ބައިވެރިވިއިރު، ކޮމިޝަނާ އޮފް ސްޕޯޓްސް އާއި ސްޕޯޓްސް ކައުންސިލްގެ މަންދޫބުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އިން މި އަހަރު ބަޖެޓްކޮށްފައިވާ އިވެންޓްތަކަށް ބަލާއިރު، ބޮޑު ފޯކަސް އެއް ބަހައްޓާފައިވަނީ ޑިވެލޮޕްމަންޓް އަށެވެ. އެ ގޮތުން، "ރާއްޖެ ބެޑްމިންޓަން" ގެ ނަމުގައި އުމުރުފުރާ މުބާރާތްތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމުގެ އަމާޒުގައި ގިނަ އިވެންޓްތަކެއް ވަނީ ރާވައިފަ އެވެ. އެކަަމަކު، މި ހުރިހާ ކަމެއް ކުރެވެން އަންނަނީ ބަޖެޓްގައި އިތުރަށް ހޯދަން ހިމަނާފައިވާ ފައިސާ ލިބިގެންނެވެ.
އެހެންކަމުން، ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ސްޕޮންސަރުން ހޯދުމުގެ މަސައްކަތް އެކި ގޮތްގޮތުން ކުރަމުންނެވެ. އަދި، އެކި ޕްލޭންތަކަކާ އެކު ކުރިއަށްދާން ވިސްނާއިރު، ލޯންގް ޓާމް ޕްލޭނަށް ބަލައިގެން ވެސް ސްޕޮންސަރުން ހޯދުމުގެ މަސައްކަތް ބެޑްމިންޓަން އެސޯސިއޭޝަނުން އަންނަނީ ކުރަމުންނެވެ.
ބީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވަނީ މިދިޔަ އަަހަރުން އަމަލުކުރަން ފަށާފައިވާ ކުޅިވަރު ގާނޫނާއި އެއްގޮތަށް ހިންގާ ގަވާއިދަށް ގެނެސްފައިވާ ބަދަލުތަކަށް އެސޯސިއޭޝަންގެ މެމްބަރުން އަހުުލުވެރިކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މައުލޫމާތުތައް ފޯރުކޮށްދީފަ އެވެ. އަދި، ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި ހަރަދު ރިޕޯޓް ފާސްކުރުމުގެ އިތުރުން، މި އަހަރުގެ ކަލަންޑަރާއި މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރި އެވެ.
މިދިޔަ އަހަރުގެ މެއި މަހު، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކުރި އެވެ. އަދި، ހަތް މަސް ދުވަހު ރާއްޖެ ސަސްޕެންޝަނެއްގައި އޮތްއިރު، އެ އުވާލީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެއީ، ބީއޭއެމްގައި ހުރި މައްސަލަަތައް ހައްލުކޮށް، އާ އިންތިހާބެއް ބޭއްވުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ