ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން: ދެއްވީ މަޝްރޫޢުތައް ނުހުއްޓޭނެކަމުގެ ޔަޤީންކަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިފަދައިން މިދިޔަ ހަފްތާގެ ހޯމަ ދުވަހުވެސް އެމަނިކުފާނު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ޤައުމުގައި ޙާލަތާއި ސަރުކާރުން ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާ ބައެއް ކަންކަމުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އަދި ނޫސްވެރިން ކުރި ސުވާލުތަކަށް އެމަނިކުފާނު ވަނީ ފުރިހަމައަށް ޖަވާބުދާރީވެފައެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސްގެ ވާހަކަފުޅު އެންމެ ފުރަތަމަވެސް ފެއްޓެވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއެކު ރާއްޖެއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުންނެވެ. ޚާއްސަކޮށް އެކަމުގެ އަސަރު ރައްޔިތުންނަށް ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މެދުއިރު މަތީގެ ހަނގުރާމައާ ގުޅިގެން އެންމެ ބޮޑު އަސަރެއް ކުރަމުން އަންނަނީ ދުނިޔޭގެ ދެލުގެ ބާޒާރަށެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން އަންނައިރު ރާއްޖެއަށް މެދު ނުކެނޑި ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ހަނގުރާމަ ފެށުނުއިރުންފެށިގެން ވެސް އައީ މަސައްކަތް ކުރަމުންނެވެ. މިކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރުތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
ދުރު ރާސްތާއަށް ވިސްނަވައި، ދިވެހިރާއްޖޭގައި ނެޝަނަލް އޮއިލް ރިޒަރވެއް ގާއިމުކުރުމަށްޓަކައި ކުރެވޭނެ ކަންތައްތަކުގެ ދިރާސާ ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި، ތިން ފިޔަވައްސަކަށް ބަހާލައިގެން، ދޮޅު އަހަރު ނުވަތަ ދެ އަހަރުން ފިޔަވައްސެއް ނިންމޭގޮތަށް، ތެލުގެ ރިޒަރވެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
"ތެލުގެ މި ރިޒަރވް ގާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް. މިއީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުފަދަ ފަންޑެއް، އެހެންނަމަވެސް އެއީ ތެލުގެ ރިޒަރވެއް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖޭގައި ކާޑުގެ ދަތިކަމެއް ނެތި ކުރީގައިވެސް އޮތްގޮތަށް، ހަނޑޫ، ހަކުރު، އަދި ފުށް އެތެރެކުރެވި، ސްޓޮކް ބެލެހެއްޓެމުންދާކަން ރައީސް ފާހަގަކުރެއްވުއެވެ. އަދި ކާޑުގެ ބާވަތްތަކުގެ އަގުތައްވެސް އެއް ހަމައެއްގައި ހިފެހެއްޓޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އިންތިޒާމީ އަދި ޚާރިޖީ ކަމެއްގައިވެސް، މެދުއިރުމައްޗާއި ގަލްފުގައި މިހާރު ކުރިއަށްދާ ހަނގުރާމައަށް، ދިވެހިރާއްޖެ ބޭނުންކުރުމުގެ ފުރުޞަތު ނުދެއްވާނޭކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ.
ހަނގުރާމައާ ގުޅިގެން މިހާރު ފައިސާ ހަމަޖެހިފައިވާ މަޝްރޫޢޫތަކާއި ފަށާފައި ހުރި މަޝްރޫޢުތައް ނުހުއްޓޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ރައީސް ވިދާޅުވީ މިހާލަތުގައި ފަށަންހުރި މަޝްރޫޢުތަކުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމަށާއި ޞިއްޙީ ދާއިރާއަށްކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައަށްފަހު ދެން އަމަނިކުފާނު އަލިއަޅުވާއްލެއްވީ ސަރުކާރުން މިހާރު ކުރިއަށްގެންދާ އެކި މަސައްކަތްތަކަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ޖާގަލިބި ދޫކޮށްލަންޖެހޭ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ނުޖެހޭގޮތަށް ބޯހިޔާވަހިކަމުގެ އުސޫލު ބަދަލުކުރައްވަން ނިންމަވާފައިވާކަން އިޢުލާންކުރެއްވިއެވެ.
"މިހާރު އޮންނަގޮތުން 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތިއްޔާ ދައުލަތަށް އެ ބިނާކޮޅު ދޫކޮށްލަންޖެހޭ. އަދި އެ އުސޫލު ބަދަލުކުރާނީ އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނޫނީ ދަރިން ނުވަތަ އެއްބަނޑު އެއްބަފާ އެމީހަކު ބޭނުންވާ މީހަކަށް ދޫކޮށްލެވޭ ގޮތަށް. ސަރުކާރަށް އެތަން ދޫކޮށްލަން ނުޖެހޭނެ. ސަރުކާރަށް ދޫކޮށްލަންޖެހޭނީ ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިންގ ފްލެޓެއް ދޫކޮށްލާފައި ދާންޖެހޭ ޙާލަތެއްގައި އެ ފްލެޓެއް." ރައީސުލްޖުމްހޫރޮއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މަރުގެ ޙުކުމް ތަންފީޒުކުރުމުގެ ޚާއްޞަ ބިލު، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ހުށަހެޅުވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ މަރުގެ ޙުކުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކޮށްފައިވާ ފަރާތަކަށް މަރުގެ އަދަބު ނުދީ ބެހެއްޓުމަކީ، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ އެންމެ މަތީ ވެރިއަކަށް އޮތް އިޚުތިޔާރެއް ނޫންކަމަށެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރުމަކީ، ޤާނޫނީ އޮނިގަނޑުގެ ތެރެއިން، ސްޓްރީމްލައިންކޮށް ކަށަވަރުކޮށްގެން ކުރަންޖެހޭ ކަމެއްކަން ސަރުކާރުން ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މި ފެށޭ މަހު ބާއްވާ ފެންނަ ނުފެންނަ އިންތިޚާބުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި، މުހިންމު ޤާނޫނީ އިޞްލާޙުތަކެއް ހުށައެޅުއްވުމަށް ނިންމަވާފައިވާކަންވެސް ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަށް ރައްޔިތުން ނިންމަވައިފިނަމަ، ސަރުކާރުގެ ރީފޯމް ޕެކޭޖުގައި ހިމެނޭ އެހެނިހެން އިޞްލާޙުތަކެއްވެސް ހުށަހެޅުއްވުމަށް ގަސްދުކުރައްވާކަމަށް ވިދާޅުވިއެވެ.
އެގޮތުން، އާބާދީ އިތުރުވާ މިންވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވާ ގޮތަށް އޮތް އޮތުން އިޞްލާޙުކުރެއްވުމަށް ހުށަހެޅުއްވުމަށް ވަނީ ނިންމަވާފައެވެ. އެ އިޞްލާޙާއެކު، މަޖިލީހުގެ ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައަޅައި ވަކި އިންސައްތައެއް އެއީ އަންހެނުންކަމުގައި ކަނޑައެޅުމަށް އަންނަނީ ދިރާސާ ކުރަމުންނެވެ.
މީގެ އިތުރުން، އެއްބުރުން ރިޔާސީ އިންތިޚާބު ބޭއްވުމާބެހޭ ޕްރިފަރަންޝަލް ވޯޓިންގ ސިސްޓަމްގެ ދިރާސާވެސް ކުރައްވަމުން ގެންދަވާ ކަމަށާއި، ރިޔާސީ ދައުރު ފެށޭ ދުވަހަކީ ނޮވެންބަރު މަހުގެ އެގާރަވަނަ ދުވަސްކަމުގައި ކަނޑައެޅުއްވުމާ ގުޅޭ އިޞްލާޙާ ބެހޭ މަސައްކަތްތައްވެސް، ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުޅި ނިޒާމަށް ގެންނަންޖެހޭ އިޞްލާޙުތަކުގައި ހިމެނިގެން، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން އިތުރުކުރުމަށާއި، ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ކަށަވަރު ކުރުމަށް، ޤާނޫނުތަކަށް ގެނެވޭ އިޞްލާޙުތައްވެސް ހުށަހަޅުއްވާނޭކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި ސިޓިޒެންސް ކޮމްޕްލެއިންސް ބިއުރޯގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، ޖުލައިމަހު، އެ އިދާރާ އުފައްދަވާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ