މީގެކުރިން ފާޑުކިޔުންތެރިންގެ ވާހަކަތައް އަޑު ނޭހި ނަމަވެސް އެކަން މިހާރު ބަދަލުވެއްޖެ: އަބިޝޭކް

އިންޑިއާގެ މަޝްހޫރު އެކްޓަރު އަބީޝޭކް ބައްޗަންގެ އެކްޓިންގް ހުނަރު ބަލައިނުގަނެ އޭނާގެ މަސައްކަތަށް ފާޑުކިޔާ ގިނަ މީހުންނަކީ އެ މަސައްކަތް ފަހުމުނުވާ މީހުން ކަމަށާއި އެފަދަ ގިނަ ބައެއްގެ ކިބައިގައި ފާޑުކިޔުމުގެ ގާބިލުކަމެއް ނެތް ކަމަށް އެކްޓަރު ބުނެފިއެވެ. 'ކްރިޓިކްސް ޗޮއިސް އެވޯޑްސް 2026'ގައި ވާހަކަ ދައްކަމުން އަބިޝޭކް ބުނީ، އޭނާގެ ފިލްމުތަކަށް ކޮމެންޓްކުރާ ފާޑުކިޔުންތެރިންނާ މެދު އޭނާގެ ހިތުގައި އޮތް ޝުއޫރުތައް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އަބިޝޭކް ބުނި ގޮތުގައި އެ ދުވަސްވަރު އޭނާ ހުރީ ފާޑުކިޔުންތައް ގަބޫލުކުރަން ބޭނުންނުވާ ފަދަ ހާލަތެއްގައެވެ. "އަހަރެން އޭރު ގަބޫލުކުރީ ފާޑުކިޔާ މީހުންނަށް އަހަރެންގެ މަސައްކަތް ފަހުމް ނުވަނީ ކަމަށް، ނުވަތަ އެ މަސައްކަތަށް ފާޑުކިޔުމުގެ ގާބިލުކަން އެމީހުންގެ ކިބައިގައި ނެތީ ކަމަށް،" އަބީޝެކް ބުނެފައިވެއެވެ. ފިލްމު "ކާލީދާރު ލާޕަތާ"ގެ މަންޒަރެއްގައި އަބިޝޭކް--ފޮޓޯ/ބޮލީވުޑްހަންގާމާ ނަމަވެސް، މިހާރު ފާޑުކިޔުންތަކުގެ އަގު ވަޒަންކުރަން ދަސްވެފައިވާ ކަމަށާއި، އެފަދަ އިރުޝާދުތަކަށް ފުރަގަސްދިނުމަކީ މޮޔަކަމެއް ކަމަށް އަބިޝޭކް ވަނީ ސިފަކޮށްފައެވެ. އަދި އޭނާގެ ފިލްމީ ދަތުރު ބައްޓަންކުރުމުގައި މި ފާޑުކިޔުންތަކުގެ ދައުރު ބޮޑުކަމަށް ވެސް އޭނާ ބުންޏެވެ. އަބީޝެކް ބުނި ގޮތުގައި، ވިޔަފާރި އުސޫލުން ކުރިއަށްގެންދާ ފަންނީ މަސައްކަތެއްގައި ފާޑުކިޔުމަކީ ކޮންމެހެން މުހިންމު ބައެކެވެ. "މީހުން އެމީހުންގެ ވަގުތާއި ފައިސާ އަހަރެންގެ ފިލްމުތަކަށް ހޭދަކުރާނަމަ، އަހަރެން އެމީހުންނަށް ޖަވާބުދާރީވާން ޖެހޭނެ،" އެކްޓަރު ބުނެފައިވެއެވެ. އަދި ފާޑުކިޔުންތަކާއި އަގުވަޒަންކުރުންތަކަށް އޭނާ އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި، އޭގެ ސަބަބުން އެކްޓަރެއްގެ ގޮތުގައި ކުރިއެރުމަށް އެހީތެރިވެދޭކަން އޭނާ ގަބޫލުކުރާ ކަމަށް އަމީތާބް ބައްޗަންގެ ދަރިފުޅު ބުނެފައިވެއެވެ. ކެރިއަރުގެ ކުރީކޮޅު، އެހެން އާ ފަންނާނުންނެކޭ އެއްފަދައިން ހުރިހާ ކަމެއް ވަރަށް ފަސޭހައިން ހަމަޖެހިގެންދާނެ ކަމަށް ހީކުރެވުނު ކަމަށް ގަބޫލުކުރެވުނު ނަމަވެސް ހަގީގަތް ފެނިގެންދިޔައީ މުޅިން ތަފާތު ގޮތަކަށް ކަމަށް އަބިޝޭކް ބުނެފައިވެއެވެ. ފިލްމު "ރެފިއުޖީ"އިން ބޮލީވުޑަށް ތައާރަފްވި އަބިޝޭކް އަކީ ފިލްމީ ކެރިއަރުގައި އެކި ދުވަސްވަރު މާޔޫސްކަމާއި ކުރިމަތިލާން ޖެހުނު އެކްޓަރުންގެތެރެއިން އެކަކެވެ. ފިލްމު "ކާލީދާރު ލާޕަތާ"އިން ފެނިގެންދިޔަ އަބީޝެކް ދެން އެންމެ އަވަހަށް ފެންނާނީ ސިދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް"އިންނެވެ. މި ފިލްމުގައި ޝާހްރުކް ޚާން، ދީޕިކާ ޕަދުކޯން އަދި އަނިލް ކަޕޫރު ފަދަ މަޝްހޫރު ތަރިން ހިމެނެއެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ