އީރާނާއެކު ސިއްރު މަޝްވަރާތަކެއް ކުރާކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިންމުމަށް މަޝްވަރާތައް ކުރިއަށްދާކަމަށް އަނެއްކާ ވެސް ބުނެފިއެވެ.
ޓްރަމްޕްގެ ވާހަކަތައް އީރާނުން ދޮގުކޮށްފައިވީ ނަމަވެސް، ޓްރަމްޕް ބުނީ އީރާނުން އޮތީ އެއްބަސްވުމަކަށް އަންނަން ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށެވެ. އަދި އެމެރިކާއިން ވާހަކަދައްކަމުން ދަނީ "ރަނގަޅު މީހުންނާ" ކަމަށާއި، ތެލާއި ގޭހާ ގުޅޭ "ވަރަށް ބޮޑު ހަދިޔާއެއް" އީރާނުން ދީފައިވާކަމަށް އަންގާރަ ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ބުންޏެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި އީރާނުން ބޭނުންވަނީ އެމީހުން ބޭނުންވާ ގޮތަކަށް ހަނގުރާމަ ނިންމާށެވެ. އެގޮތުން، ޣައްޒާ، ލުބުނާން ނުވަތަ ސޫރިޔާއަށް ވެފައިވާ ގޮތް ނުވުމަށާއި، އެމެރިކާގެ އެހީއާއެކު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބޭނުންހާ އިރަކު ޙަމަލާ ނުދެވޭނެކަން ކަށަވަރުކުރުން ހިމެނެއެވެ. މީގެ އިތުރުން ހުރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމާއި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ހޯދުމާއި، އެމެރިކާއާއި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުން އީރާނުން ބޭނުންވެއެވެ.
އީރާނުގެ ބޫޝެހެރް ނިއުކްލިއަރ ޕަވަރ ޕްލާންޓް ހުންނަ ސަރަޙައްދަށް އަންގާރަ ދުވަހުގެ ރޭ ޙަމަލާއެއް އެރިނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް އެ ޤައުމުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަނުން ބުނެއެވެ. އަނެއްކޮޅުން އީރާނުން އިސްރާއީލަށް ދެމުންދާ ޙަމަލާތައް ވަނީ ވަރުގަދަކޮށްފައެވެ. އަންގާރަ ދުވަހު އީރާނުން ދިން ޙަމަލާތަކުގައި ތުއްތު ކުއްޖަކާއެކު އިސްރާއީލުގެ 7 މީހަކު ވަނީ ޒަޚަމްވެފައެވެ. އީރާނުގެ ޙަމަލާތަކުން ސަލާމަތްވުމަށް ދުވާލަކު އެތައް ފަހަރަކު އިސްރާއީލުގެ އެތައް މިލިއަން ބަޔަކު ވަނީ ބިންގަރާސްތަކަށް ވަންނަން މަޖުބޫރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ