ގއ. މާމެންދޫ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

ގއ. މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފަށާފައިފައިވަނީ 24 މާރިޗުގައެވެ.
ގއ. މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވްލޮމްމަންޓު ކޯޕަރޭޝަން، އާރްޑީސީއާއިއެވެ.
މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ ގެ ސްޓޭޓް މިނިސްޓަރ މުހުތާޒު މުހުސިން، ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހީން، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޡީމް އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަބީޙް އަފީފް ވެސް ބައިވެރިވެވަޑައިގަތެވެ.
މާމެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިމަޝްރޫޢު އާރްޑީސީއާއި ހަވާލުކުރައްވާފައިވަނީ 138.67 މިލިޔަން ރުފިޔާއަށެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރައްވާފައިވަނީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މާމެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 11 މަގެއްގައި 5.47 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުތަކުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވެއެވެ.
އަތޮޅު ތެރޭގެ ގިނަ ރަށްރަކުގެ މަގުތަކީ ވާރެވެހި ފެންބޮޑުވެއްޖެނަމަ މީހުންނަށް ހިނގައި ބިނގައި އުޅެން ދަތިމަގުތަކެވެ. މިއީ އެރަށްތަކުގެ ރައްޔިތުންގެވެސް ކަންބޮޑުވުމެކެވެ. މިފަދަ ރައްޔިތުން ބޭނުންވެފައިވާ މަޝްރޫއުތައް އެންމެ އެކަށޭނަ ގޮތުގައި ކޮށްދިނުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ ގެންދާ މަސައްކަތެކެވެ. މާމެންދޫ މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިޔުމަކީ އެރަށުގެ ރައްޔިތުންނާއި އެރަށައް އަރައި ފައިބާ ފަރާއްތަކަށް ފަސޭހަވެގެންދާނެ މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ