ރިވައިވަލް ސްޕޯޓްސް އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި މުހައްމަދު ހަލަފް އިމްރާން އާއި ހޫދު ބިން ހާމިދު، ތައިލެންޑްގެ ބެޑްމިންޓަން ސްކޫލެއްގައި ޓްރެއިނިން ފަށައިފި އެވެ.
އެ ގޮތުން، ރިވައިވަލް އިން ބުނީ، ހަލަފް އާއި ހޫދު، ތައިލެންޑްގެ ބަން ތޮން ޔޮޑް ބެޑްމިންޓަން ސްކޫލުގައި މި މަހުގެ 22 އިން ފެށިގެން އަންނަ މަހުގެ 30ގެ ނިޔަލަށް ޓްރެއިނިން ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ، ރިވައިވަލް އިން އެ ކްލަބްގައި ޓްރެއިނިން ފުރިހަަމަ ކުރަމުން އަންނަ ކުޅުންތެރިން އިތުރަށް ތަމްރީނު ކުރުމުގެ ގޮތުން ރަނގަޅު ލެވަލްގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ބޭނުމުގައި ހަމަޖައްސައިދީފައިވާ ޓްރެއިނިން ކޭމްޕެކެވެ. ރިވައިވަލް އިން ދެކޭ ގޮތުގައި، އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް މި ފަދަ ބޭނުންތެރި ފުރުސަތު ތަނަަވަސްކޮށްދިނުމުން، މުސްތަގުބަލުގައި ރާއްޖޭގެ ބެޑްމިންޓަނަށް ކާމިޔާބު ހޯދައިދެވޭނެ ލެވަލްގެ ކުޅުންތެރިން އުފެދިގެން ދާ ނިސްބަތް އިތުރުވާނެ އެވެ.
"އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ހަލަފް، 19، ބުނީ، ރިވައިވަލްގައި ފަރިތަކުރަމުން އަންނަތާ އެއް ގާތްގަނޑަަކަށް އަހަރެއްވާން ގާތްވެފައިވާއިރު، ޖުމްލަކޮށް ބަލާއިރު ސީނިއާ ޓީމާ އެކު ވެސް ފަރިތަކުރުންތައް ކުރިއަށްގެންދަން ލިބޭތީ އޭގެ ފައިދާ ވެސް ބޮޑު ކަމަށެވެ.
ވަރަށް ބޮޑަށް އަމިއްލަ އިމްޕްރޫވްމަންޓަށް ފަރުވާ ބަހައްޓަައި ކޯޗު ބުނެފަައި އޮންނަ ގޮތަށް ދުވެލަން ދިއުމާއި ގޭގައި ވެސް މަސައްކަތް ކުރާ ކަމަށް ހަލަފް ވަނީ ބުނެފަ އެވެ.
ހަލަފް ބުނީ ރާއްޖޭން ބޭރުގައި ޓްރެއިނިން ފުރިހަމަ ކުރުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ލިބިގެންދިިއުމަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. އަދި، ރިވައިވަލް ކަހަލަ ބޮޑު ކްލަބެއްގެ ފަރާތުން މި ކަހަލަ ފުރުސަތު ލިބުމަކީ ކެރިއަރަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަަމެއްގެ ގޮތުގައ ހަލަފް ދެކެ އެވެ.
"އަސްލު ވަރަށް އުފާވޭ މި ކަހަލަ އޮޕޮޗިއުނިޓީ ބައިވަރު ކުދި ޕްލޭޔާސް (އުމުރުން ހަގު ކުޅުންތެރިންނަށް) ވެސް ދޭތީވެ، އަސްލު ބުނެލަން ބޭނުންވަނީ، ބައިވަރު ހަރަދުތައް ކޮށްފައި ކްލަބުން ޕްލޭޔަރުން ބޭރަށް ފޮނުވާލީ އަސްލު ވަރަށް ހެޕީ. ވަރަށް ބައިވަރު ނިއު ސްކިލް އެބަ ދަސްވޭ، މިކޮޅުގައި އުޅޭއިރު ވެސް) (މާލޭގައި ޓްރެއިނިން ހަދާއިރު ވެސް). ދެން ބޭރަށް ގޮސް ބައިވަރު އެއްޗެހި ދަސްކުރަން އުންމީދަކީ،" ހަލަފް ބުންޏެވެ.
ހޫދު، 20، ބުނީ، ރިވައިވަލްގައި ޓްރެއިނިން ކުރަމުން އަންނަތާ ނުވަ ވަރަކަށް މަސް ވެފައިވާ ކަމަށެެވެ. ރިވައިވަލްގައި އޭނާގެ ޓްރެއިނިންގެ ކަންތައްތައް ދާ ގޮތާ މެދު ހިތްހަަމަޖެހޭކަން ފާހަަގަކޮށް ހޫދު ބުނީ، ހައި ޕާފޯމަންސް ޓްރެއިނިން އެއް ކޮންމެ ދުވަހަކު ލިބުމަކީ އޭގެ ފައިދާ ބޮޑު ކަމެއް ކަމަށެވެ.
"އިމްޕްރޫވްމަންޓް ހަމަ ވަރަށް ބޮޑަށް ފެނޭ، އެއީ، ކުރިން އެސޯސިއޭޝަންގައި ކުޅެމުން އައިއިރާ ބަލާފައި މިހާރު ހަމަ ރިވައިވަލްގައި ވަކިން ޕްލޭޔަރަށް ކޯޗުމެން ފޯކަސް ކުރާލެއް ބޮޑުވީމަ ހަގީގަތުގައި ކުޅުމުގެ ހަމަ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ފެނޭ ހަމަ،" ހޫދު ބުންޏެވެ.
އޭނާ ބުނީ، ރާއްޖޭން ބޭރުން ޓްރެއިނިން ފުރުސަތު ލިބިގެންދިއުމަކީ މުސްތަގުބަލުގައި ވެސް ކުޅިވަރުގެ ދާއިރާއިން ކުރިއަށްދިއުމުގެ ވިސްނުމުގައި ހުރުމާ އެކު ލިބިގެންދާ ބޮޑު ތަޖުރިބާއެއް ކަމަށެވެ.
ބެޑްމިންޓަނުން ކުރިއަށްދާން ބޭނުންވާ ކުޅުންތެރިންނަށް ރިވައިވަލް އިން މި ފަހިކޮށްދެނީ އެންމެ ރަނގަޅު ފުރުސަތުތައް ކަމަށާއި ޓީމުގައި ވަރަށް ގިނަ ރަނގަޅު ޗެލެންޖިން ކުޅުންތެރިންތަކެއް ތިބެ، އެ ކުޅުންތެރިންނާ އެކު ޓްރެއިނިން ކުރިއަށް ގެންގޮސް ރާއްޖޭން ބޭރުން މިހެން ފުރުސަތެއް ލިބުމަކީ ވެސް އުފަލެއްގެ ގޮތުގައި ހޫދު ދެކެ އެވެ.
ރިވައިވަލް އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަލަފް އާއި ހޫދު ތައިލެންޑުގެ ބެޑްމިންޓަން ސްކޫލަކަށް ރިވައިވަލް އިން ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަލަފް އާއި ހޫދު ތައިލެންޑުގެ ބެޑްމިންޓަން ސްކޫލަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ