''ދިވެހި ކުޅުންތެރިންނަށް ސަޕޯޓުކޮށްދީ، މި ޕްރޮސެސްއަށް ވަގުތުނަގާނެ''
ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމަށް ސަޕޯޓުކޮށްދިނުމަށް އެދޭކަމަށާއި ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދިނުން ހުއްޓާލުނުލުމަށް ގައުމީ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ. މުބާރާތުގައި މިރޭ ރާއްޖެގަޑިން 20:30 ގައި ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗާ ކުރިމަތިލާއިރު، އުރުބާނީ ވަނީ ސަޕޯޓަރުންގެ އެހީތެރިކަމަށް އެދި ހާއްސަ މެސެޖެއް ސަޕޯޓަރުންނަށް ދީފައެވެ. "ސަޕޯޓަރުން ޖެހޭނެ މި ޒުވާން ކުދިންނަށް ހިތްވަރުދޭން. މި ކުދިންގެ ކިބައިން ކުއްލިއަކަށް ބޮޑު ކަމެއް ހާސިލްކުރަން ޕްރެޝަރުދިނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. މިއީ ޕްރޮސެސްއެއް. ވަގުތު ނަގާނެ ކަމެއް. މި މެޗު (ލަންކާ މެޗުގެ) ފަހު ހައެއް ނޫނީ ފަސް މިނިޓް ތެރޭގައި އެ ފެނުނީ، އެ ކުދިން ކުރާނެ ހިތްވަރު. އެއަށް އަހަރެމެން އެހީވެދޭންވީ،" އުރްބާނީ ބުންޏެވެ. ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު--- ސަން ފޮޓޯ: މުޙައްމަދު ޝާތިއު ޢަަބްދުﷲ ބޫޓާނު ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ވަނީ ނޭޕާލް އަތުން 2-1 އިން ބަލިވެފައެވެ. އަދި ރާއްޖެ ވަނީ ފުރަތަމަ މެޗުގައި ލަންކާ އަތުން ހިތްދަތިގޮތަކަށް 3-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. މެޗުން ލަންކާ މޮޅުވީ ރާއްޖެ ޓީމު ދެ ލަނޑުގެ ލީޑެއްގައިވަނިކޮށް ފަހަތުންއަރާ ތިން ލަނޑު ޖަހައިގެންނެވެ. މިއަދު ހަވީރު ނޭޕާލާއި ލަންކާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވާއިރު، މިތޭ ރާއްޖެ އާއި ބޫޓާން ކުޅޭ މެޗުން ބަލިވާ ޓީމެއް މުބާރާތުން ގާތްގަނޑަކަށް ވަކިވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ