އެކްސިޑެންޓް 5

"ސޯޝަލްމީޑިއާގައި ކުރާ ކޮންމެ ޕޯސްޓަކީ ސަދަގާތެއް ނޫނީ ފާފައެކެވެ. ޕޯސްޓެއްކުރުުގެ ކުރިން އަމިއްލަ ނަފުސާއި ސުވާލުކޮށްލަން ވާނެއެވެ. މިއީ ﷲ ތައާލާ ރުހިވޮޑިގަންނަވާނެ އަމަލެއް ހެއްޔެވެ؟ ނޫނީ އަޒާބު ލިބިދާނެކަމެއްހެއްޔެވެ؟ ފިތުނަ އުފެދޭ ކަމެއް ހެއްޔެވެ؟ މީހެއްގެ އަބުރަށް އަރައިގަނެވެނީހެއްުޔެވެ؟ ދޮގުވެރި އެއްޗެއް ހެއްޔެވެ؟ ނޫނީ މިއިން މީހަކަށް ފައިދާ ކުރާނެހެއްޔެވެ؟ މިއިން މީހަކަށް އެހީތެރިވެވޭހެއްޔެވެ؟ މިއޮތީ ތެދާއި ދޮގުވެސް ވަކިނުވެވޭވަރަށް ފިތުނަވެރި ޒަމާނެއް އައިސްފައެވެ. ކޮންމެފަދަ ނިޔަތެއްގައި ކުރިޔަސް ކޮންމެވެސް ދުވަހަކުން މަރުވެގެން ހެއްދެވި ފަރާތުގެ ހަޟުރަތަށް ދާން ޖެހޭނެއެވެ. ފިތުނަތަކުން ސަލާމަތްވެވޭނީ ޒިކުރުކޮށް ގިނައިން ދުޢާކޮށްގެންނެވެ." *** އާދައިގެ ކުޑަ ކުޑަ އެޕާޓްމެންޓްގެ ކޮޓަރިއެކެވެ. ހިމޭންވެފައި ދިރުމެއްނެތެވެ. ފަޅު ފުއްޓަރެއްފަދައެވެ. އިވޭ ހަމައެކަނި އަޑަކީ އޭގެ ވާޖިބު އަދާކުރުމުގައި ބުރު ޖަހަމުން ދިޔަ ފަންކާގެ އަޑެވެ. ބޮލާއެކު ރަޖާ އަޅައިގެން، ބުޅި އިސްތަށިގަނޑު ބާލީސްމަތީ ފަތުރާލައިގެން އޮތް އަންހެންކުއްޖާ ދޭތެރެއަކުން މަޑުމަޑުން ފައިން އެނދުގައި ޖަހައިލަނީ ކޮންމެވެސް އުދަގޫތަކެއްވެގެންނެވެ. "ކޮންމެވެސް މީހަކު ނޮކް އެބަކުރޭ........ހުޅުވަންވީތަ؟"ކާ މޭޒުދޮށުގައި ރޮށްޓާއި ރިހާކުރު ޖަހައިގެން ކާން އިން ކުޑަ ފިރިހެންކުއްޖަކު ގޮވައިލިއެވެ. "ނާހާ ހަމަ އެވަރު ކަމެއްވެސް ނުވަނީތަ؟ ކިހާ ދެރަކަމެއް...."އެ އަޑުގައި ރުންކުރުކަމެއްވިއެވެ. ފިރިހެންކުއްޖާ ތެދުވެގެންގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރީ ބީރައްޓެހި ޒުވާނެކެވެ. ދެމީހުންގެ ލޯ ގުޅުނެވެ. "ޔެސް؟" ފިރިހެންކުއްޖާ އެހިއެވެ. ކާދިންގެ ކަރުތެރެއަށް ބާރުވެލިއެވެ."އަހަރެން... މީހަކު ނުފެނިގެން..." "ކާކު..." "ތިއީ މުރުޝިދާގެ ދަރިފުޅު؟" "އާނ ތިބުނީ ރަގަޅަށް..އަހަންނަށް ކިޔަނީ އިޔާރް..."އެކުއްޖާ ތައާރަފުވެލިއެވެ. ލޮލުން ފެނުނީ ސީރިޔަސްކަމާއި ބީރައްޓެހިކަމެވެ. "އަހަރެން މިއައީ މާފަށް އެދެން...." "ކޮންކަމަކާއިތަ؟" "އެކްސިޑެންޓްގައި ކާރު ދުއްވީ އަހަރެން......." ޖުމްލައަކަށްވުރެ ބޮޑަށް ކުށުގެ ބަޔާނެކެވެ. އޭނައަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އިޔާރްވެސް ހުރީ ބަލަހައްޓައިގެންނެވެ.އިޔާރް ހަޅޭއްލަވައިގެންފާ މޫނުމަތީގައި ޖަހާފާނެކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއްނެތެވެ. ޑްރާމާވެގެން އޭނަ ކުށްވެރިކޮށް އެއްޗެހި ކިޔުމެއްނެތެވެ. ލޮލުން ފެންނަން ފެށީ ވޭނާއި ތަދެވެ. "ޢައިމް ސޮރީ..."އޭނައަށް ބުނެވުނެވެ. އެ ލަފުޒުތައް ހީކުރިވަރަށް ވުރެ ބަލިކަށްޓެވެ. "ސޮރީއަކުން މަންމަ އަނބުރާ ނުގެނެވޭނެ..." އިޔާރް ބުނެލިއެވެ. "ޢަހަންނަށް އެނގޭ..." "އެނގޭއިރުވެސް ތިހެން ބުނަނީ.........ތިއީ މުއްސަންޖެއްގެ ދަރިއެއް. ޕެންޓްހައުސްއެއްގައި ދިރިއުޅެނީ..އެހެން މީހުން އުޅޭނެ ހާލެއް އިމޭޖިން ނުކުރެވޭނެ.......އަހަރެމެންނަށް އަންނަ މަހުވެސް މި އެޕާޓްމެންޓްގެ ކުލި ދެއްކޭނެގޮތެއް ނެތިގެން......." އެއިން ކޮންމެ ލަފުޒެއް އޭނަގެ ގައިގާ ޖެހުނު އެތިފަހަރަކަށްވިއެވެ. އެވަގުތު އިޔާރްގެ ގާތުގައި ހުއްޓުނީ އެއުމުރުގެ އަންހެންކުއްޖެކެވެ. " ދެރަވެގެން ތިއައީ؟" އަންހެންކުއްޖާ އެހިއެވެ. "ކީއްކުރަން އަހަރެމެން ގާތަށް އައީ؟" އިޔާރް ސުވާލުކުރިއެވެ. އެ ސުވާލުތަކުން ކާދިންގެ ހިތަށް އިތުރު އަނިޔާއެއް ލިބުނެވެ. އެއާއެކު އޭނައަށް ކަކޫމައްޗަށް ތިރިވެވުނެވެ. ހަގީގަތުގައި އެކަމުގެ ސަބަބުން އޭނަގެ އުފާވެރި ދިރިއުޅުން ރޫޅި ކުށުގައި ވާގިއުވެވިއްޖެއެވެ. އޭނަގެ ސަބަބުން މި ކުދިންގެ ބޯމަތިން މަންމަގެ އަތުގެ ހިމާޔަތް ނެގިއްޖެއެވެ. އަޑުވީއްލާ ރޮވުނީ އަމިއްލަ ނަފުސްވެސް ސިއްސުވާލާފައެވެ. އެދެކުދިންނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. "އަހަންނަށް އެފަހުން ހަމަ ނޭވާއެއް ނުލެވޭ. ކަމެއްނުވާކަމަށް ހަދާފައި ދިރިއުޅުން ކުރިއަށް ނުގެންދެވުނު. އަހަރެން ބޭނުންވަނީ އޭނަގެ ގައިގާ ކާރުން ގަސްތުގައި ޖެއްސީ ނޫންކަން އެނގެން...އައި ޑިޑްންޓް މީން ޓު ހާޓް ހާ..." ކޮރިޑޯއަށް ހިމޭންކަން ވެރިވިއެވެ. "އޭނައެކޭ ނޫން ކިޔަނީ....މަންމަ.." އަންހެންކުއްޖާ ގެ އަޑުގައިވީ ރުޅިވެރިކަމެވެ. "މުރުޝިދާ....."އޭނައަށް ބުނެވުނެވެ. ހިތާމައާއި ކުށުގެ ލޯތައް ބައްދަލުވިއެވެ. "އަހަރެން މާފެއް ނުދޭނަން...."އިޔާރް ބުނެލީ މިނިޓްތަކެއް ފަހުންނެވެ. "އަހަރެންވެސް އެކަމަށް އުއްމީދެއްނުކުރަން.." "އެކަމަކު ސޮރީއޭ ބުނީ މާނަކޮށްފައި ކަމަށް ވަންޏާ....މަންމައަށްޓަކާ ހެޔޮ ދުޢާކުރޭ...އެއީ މިއަދު މަންމައަށް ބޭނުންވާ އެއްޗަކީ.." "ކުރަން...."އޭނަ އެއްބަސްވިއެވެ."ކޮންމެ ރެއަކު...." އިޔާރްގެ ލޮލުގައިވި ޝުއޫރުތަކަށް ބަދަލެއް އައެވެ. "އެކަމަކު ދެން އަހަރެމެންނާއި ބައްދަލުކުރަން ނާންނާތި....އައީމަ ހައްތާ އުދަގޫވާނީ..."އިޔާރް ގެ އުމުރަށްވުރެ ހަރުގޮތެއް ހުރިހެން ހީވެއެވެ. ކާދިންއަށް ވިސްނުނެވެ. އޭނަ ބިންމަތިން ތެދުވުެގެން ދާން ހިނގައިގަތްއިރު އިހުސާސްވީ އެހެން ގޮތެކެވެ. އަދިވެސް ކުށުގެ އިހުސާސް ހިތުގެ ކޮންމެވެސް ދިމާލަކުން ނުފިލާ ދާއިމަށް ހަރުލާފައިވިއެވެ. އަދި އެކުށަކީ ހައްގު ހޯދާ އަޑަކަށްވިއެވެ. ޒިންމާވެސް ނަގާ އެއްޗެކެވެ. ގެއަށް ވަންގޮތަށް އޭނަ ބައްޕަގާތުން އެދުނީ މުރުޝިދާގެ އާއިލާގެ މައުލޫމާތު ހޯދާފައި އެކުދިންނަށް ނާންގާ އެކުދިންނަށް އެހީވާން އެދުނެވެ. ބޯ ހިޔާވަހިކަމާއި ތައުލީމް އަދި ކެއުމާއި ބުއިމުގެ ކަންތައް ހަމަޖައްސައިދޭން އެދުނެވެ. ލޯނެއްގެ ގޮތުގައެވެ. އޭނަ ކިޔަވާ ނިމިގެން ބައްޕައަށް އެބައި އަނބުރާ ދައްކާނެކަމުގެ ޔަގީންކަން ދިނެވެ. އެހުރިހާކަމެއް ކޮށްދޭންވާނީ އިތުރު މީހަކަށް ނާންގައެވެ. ހެޑްލައިން އަޅައިގެން ނުވާނެއެވެ. އެއްވެސް މައުލޫމާތެއް ނޫސްތަކާއި ހިއްސާނުކޮށް ސިއްރިއްޔާތުގައެވެ. އޭނަދެކުނީ ވާޖިބެއްގެ ގޮތުގައެވެ. އެމީހުން ކޮންމެހެން ނަގަން ޖެހޭ މަސްއޫލިޔަތެއްކަމުގައެވެ. ނަމަވެސް އެވަރުންވެސް ހިތަށް ފުރިހަމަ ހަމަޖެހުމެއް ނުލިބުނެވެ. ސަބަބަކީ މަންމައެއްގެ ލޯތްބާއި އަޅާލުމަކީ ފައިސާއިން މިނެކިރޭނެ އެއްޗަކަށްނުވާތީއެވެ. އެކުރެވުނު ކުށުގެ ބަދަލު އޭނައަކަށް ނުދެވޭނެއެވެ. *** ކާދިންއަށް ކުރެވުނު ކުށުގެ ބަދަލު ދޭން ކުރި މަސައްކަތުގެ ސަބަބުން އޭނައަށް ނޭގުނަސް ދިރިއުޅުމަށް ރަގަޅު ބަދަލެއް އަންނާންފެށިއެވެ. ކުދި އަދި ނޭގޭފަދަ ގޮތަކަށެވެ. ފަތިސް ނަމާދަށް ހޭލެވެންފެށީއެވެ. ކުރީކޮޅު އެކަން ކުރަން ދަތިވެ ނަފުސާއި ދެކޮޅަށް ޖިހާދެއްކުރަން ޖެހުނެވެ. ނިދި ގަދަވެގަންނަން އުޅުނެވެ. އޭނައަށް ޖެހުނީ ހަށިގަނޑު ގަދަކަމުން ތަންމަތިން ނަގާށެވެ. މާނައެއް ނޭގުނަސް އެނގޭ ކުދި ސޫރަތްތައް ކިޔަވާން ފެށިއެވެ. މާނަ ނޭގުނަސް ލަފުޒުތައް އަތުރާފައި ހުންނަގޮތުން ތަސައްލީ ލިބެއެވެ. މާނަ ބަލައިގެން ކިޔަވާއިރު ތައުބާއާއި ފާފަތަކުގެ އާޔަތެއް އޮވެއްޖެއްޔާ އޭނައާއި މުޚާތަބުވާފަދައެވެ. "ތިޔަބައިމީހުން ﷲގެ ރަހުމަތުން އުއްމީދު ކަނޑާނުލާށެވެ."އައް ޒުމަރު ސޫަރަތުގެ ފަންސާސް ތިންވަނަ ސޫރަުގައިވާ މި އާޔަތް އޭނައަށް ތަކުރާރުކޮށް ކިޔެވެއެވެ. ދިރިހުރުމުގެ އުއްމީދަކީ ގުރުއާނުގެ އާޔަތްތަކެވެ. ﷲގެ ވަހީބަސްފުޅުތަކެވެ. އެނޫންނަމަ މިއަދު އޭނަ މޮޔަވީސްކަން ނޭގެއެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲމަތިން ހަނދުމަކުރުމުންނެވެ. *** އިޔާރް އާއި އާރާ އަކީ އެއްމާބަނޑު ދެބެންނެވެ. ދެކުދިންގެ ފަހަތުގައި އެއްފަރާތުގައި ހުރި ކަންޒާއަށް އެތާގައި ދެކެވުނު ވާހަކަތައް އިވުނެވެ. އޭނަ ކަޅި އަޅާލައިގެން އަތް މުށްކަވާލައިގެން ހުރީ އެބުނާ ފިރިހެނާގެ އަނގަމަތީގައި ޖަހާ ފަޅާލަން ބޭނުންވާފަދައަކުންނެވެ. ދުނިޔެއިން އިންސާނަކު ދެކެ ނަފްރަތުކުރާން ފެށުނީ އަލަށެވެ. އެ ސުންޕާ ސޫރަ ނުދެކެ އެމީހެއްގެ ނަން ނޭގި އެމީހަކު ދެކެ އިންތިހާއަށް ރުޅި އާދެވިއްޖެއެވެ. ނަފްރަތުއަކީވެސް ވަރުގަދަ ޖަޒުބާތެކެވެ. ހިތް އެދެނީ ހަމަ ބަދަލު ހިފުމަށެވެ. ސޯޝަލްމީޑިއާގައި މަންމައާއި ބެހޭގޮތުން ހިތް ބަންޑުންކޮށްލަން ޕޯސްޓެއް ލިޔުނުފަހުން އޭނަ އެއްވެސް ވަރަކަށް ބަލާފައެއްނުވެއެވެ. މަންމައަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. ހުރިހާ ސިއްރުތައް ކިޔާދޭ ފަރާތެވެ. އޭނަގެ އުމުރުން އެހިސާބަށް އައިއިރުވެސް ނިދާ އުޅުނީ މަންމައާއި އެއް އެނދެއްގައެވެ. ކައި އުޅުނީ މަންމަގެ އަތުންނެވެ. ބޮޑު ބަތްތަށްޓެއް މޮޑެގެން ތިން ބެއިންގެ އަނގައިގާ ލައްވާ ކާންދިނެވެ. އިސްތަށިގަނޑުގައި ފުނާ އަޅާދެއެވެ. ކުޑައިރުފަދައިންނެވެ. މަންމަ ނެތުމުގެ އުނިކަމާއި ފަޅުކަން އިންތިހާއަށް އިހުސާސްކުރެވުނެވެ. މަންމަ ދިޔައީ އޭނަގެ ހިތުގެ އެއްބައި ހިފައިގެންނެވެ. މިހާ ދުވަސްވީއިރުވެސް އެހިތާމަ ތާޒާކަންމަތީގައިވިއެވެ. ނުކައި ނުބޮއި ހިތާމަކުރަމުންގޮސް އެކުއްޖާ އިންސާނެއްގެ ކަށިގަނޑެއްފަދައެވެ. "އިޔާ. އެމޮންސްޓާގެ ގައިގާ ނުޖެހީ ކީއްވެތަ؟" "ދޮންތާ..."އިޔާރް އެއްޗެކޭ ބުނަން އުޅުނެވެ. "އެނެމީއާއި ޑީލްކުރާ ގޮތަކަށްނޫން ވާހަކަ ދެއްކީ..ޔޫ ފެއިލްޑް. އިޔާރް......" "އޭނަ އިޔާމެނަށްވުރެ ބާރުގަދަކަން ޔަގީން...ޓަވަރެއްހާ ދިގު....އަނެއްކާ އޭނަ އައީ މާފަށް އެދެން..މާފެއްނުކުރަން..ދެން ނާންނަން ބުނިން..އެވަރު އޯކޭނޫންތަ؟ މީހަކު ކުރި ކުށަކަށް އެހާ ދެރަވެ....ހީ ކްރައިޑް ދޮންތާ...." "ޢަޑުއެހިން...އަންހެންދުޅާ މީހެއް...ދެން ފަހަރަކު އައިއްޔާ ހަނދާންކޮށް އަނގަމަތި ފަޅާލަންވާނެ.......ކަރާއެއްހެން.." "އޯކޭ...."އިޔާރް ބޯ ޖަހައިލިއެވެ. "އެއީ ފުރޭތައެއް..ބޮޑު ދުޝްމިނެއް...ގަސްތުގައި މަންމަގެ ގައިގާ ކާރުޖެއްސީ....އަހަރެމެން މާފުކޮށްފިއްޔާ މަންމައަށް ހައްގު ހޯދާނުދެވުނުކަމަށްވާނީ...ހަނދާންކުރައްޗޭ...ނޯ މާސީ.....އޭނަގެ މޫނުގައި ތަފާލެއްޖަހާފައި އަސްލު ނެރެންވީ...ދޮންތަ ކުރިމައްޗަށް ނުދިޔައީ ހަމަ ކެތްތެރިކަން ނުހުންނާނެތީ...އެމީހާ ހިތަށް އެރިޔަސް ލޭ ކެކޭ. އޮޅުވައިލަންވެގެންނޭ ރުއީ...އެކަހަލަ މީހުން ރިގްރެޓް ނުކުރާނެ.މަކަރެއް އެއީ..." "އައިމް ހަންގްރީ...ރިހާކުރު ކައިކައި އަނގަ ފާރުވެއްޖެ..."އާރާ ޝަކުވާކުރިއެވެ. "އޭނަ ގާތު ބުަނަންވީ ބަދަލުދޭން...."އިޔާރް ބުނެލިއެވެ. "އިޔާ ތިކަހަލަ އެއްޗެއް ހިތަށް އަރުވަންވެސް ލަދެއްނުގަނޭތަ؟ މަންމަގެ ގާތިލްއަތުން އެންމެ ބައިރުފިޔާވެސް ބޭނުމެއްނޫން..ބަނޑަށް މަރުވިޔަސް ހެޔޮ.....ހިތަށް ކިރިޔާވެސް ހަމަޖެހުމެއް ލިބޭނީ އޭނަ މަރުވީމަ.އެ މޮންސްޓާ މަރުވާތޯ ދުޢާކުރާނަން ނަމާދުކުރާ ކޮންމެ ފަހަރަކު..." އިޔާރްގެ ހިތްވެސް އެކަމަށް އެއްބަސްވިއެވެ. ދުޝްމިނެއްގެ އަތުން އެކައްޗެއްވެސް ބޭނުމެއްނޫނެވެ. އެބުނާހެން އެކުދިން މަންމައާިއ ވަކިކުރީ އެ ނުލަފާ އިފްރީތެވެ. އެއީ އިންސާނެއްނޫނެވެ. *** ކާދިން ތަހައްޖުދު ނަމާދަށްފަހު އެކަނިމާ އެކަނި އަނދިރީގައި އިށީދެލައިގެން އިނެވެ. "އެއްވެސް އިންސާނަކަށް މިހިތް ބޭނުންވާފަދައިން މާފުކޮށެއްނުދެވޭނެ...އޮންލީ ޔޫ ކެން ޗޭންޖް ވަޓްސް އިންސައިޑް މީ..." އޭނަ ބޭނުންވީ ބަދަލެކެވެ. މި ކުށުގެ އިހުސާސްތަކަށް ފިލުމަށް އާދޭސްކުރެވުނެވެ. ކާދިންއަށް ނޭގުނީ އޭނަގެ ހަޔާތަށް ހައިރާންވާފަދަ ލޮޅުމެއް އަރަން އުޅޭކަމެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ