ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިވެހިން ވަޒަންވެރިވަމުންދާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މިގޮތުން އަވަށްޓެރި ސްރީލަންކާއަކީ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ އެއް ޤައުމެވެ. ތަޢުލީމު ހާސިލްކުރުމަށާއި، ބޭސްފަރުވާއަށް އަދި ވިޔަފާރީގެ އެކި ބޭނުންތަކަށް ލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު ގިނައިރު އެ ޤައުމުގައި ދާއިމީކޮށް ދިރިއުޅޭ ދިވެހި އާއިލާތައްވެސް ގިނައެވެ.
ދިވެހިން އަމިއްލަ ވަޒަނާއި ދުރުގައި، ބޭރު ޤައުމެއްގައި ދިރިއުޅުނު ކަމުގައިވީނަމަވެސް، ދިވެހިވަންތަކަމާއި، ދިވެހިންގެ ރީތި އާދަކާދަތަކާއި ސަޤާފަތް ދެމެހެއްޓުމަށް އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއެވެ. އެގޮތުން މިއަހަރުގެ ފިތުރު ޢީދު ސްރީލަންކާގައި އުޅޭ ދިވެހިން ފާހަގަކޮށްފައިވަނީ ވަރަށް ކުލަގަދަ އަދި އެކުވެރި މާޙައުލެއްގައެވެ.
ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ބެލުމުގެ ދަށުން ހިންގާ "ސޯސަންވިލާ" ނުވަތަ މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމް.އީ.ސީ.ސީ) ގައެވެ. ޢީދު ދުވަހުގެ ހެނދުނު ބޭއްވި ޢީދު ނަމާދަށްފަހު، އެ ސެންޓަރުގައި ވަނީ ޚާއްޞަ ޢީދު ސައެއް ބާއްވާފައެވެ. މި ސައިގެ ތެރެއިން އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ޢީދުގެ ތަހުނިޔާ ބަދަލުކުރުމުގެ ފުރުޞަތު ދިވެހިންނަށް ލިބިގެންދިޔައެވެ.
މީގެ އިތުރުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ލަކީ ޑްރޯއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވެ، މުޅި ސޯސަންވިލާ އޮތީ ދިވެހިވަންތަ އުފާވެރިކަމަކުން ފުރާލާފައެވެ.
އަމިއްލަ ޤައުމާއި އާއިލާއާ ދުރުގައި އުޅޭ މީހަކަށް ޢީދު ފަދަ ބޮޑު މުނާސަބަތެއްގައި އަމިއްލަ ދިވެހި އަޚުންނާއި އުޚުތުންނާއެކު ވަގުތު ހޭދަކޮށްލަން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު އުފާވެރިކަމެކެވެ. ސޯސަންވިލާއަކީ ހަމައެކަނި މިފަދަ ހަރަކާތްތައް ބާއްވާ ތަނެއް ނޫނެވެ. އެއީ ލަންކާގައި ދިރިއުޅޭ ހުރިހާ އުމުރުފުރައެއްގެ ދިވެހިން ކުޅިވަރާއި މުނިފޫހިފިލުވުމަށް ޖަމާވާ މަރުކަޒެކެވެ. އަދި ރާއްޖޭގެ ތަޢުލީމީ މުޤައްރަރާ އެއްގޮތަށް ދިވެހި، އިސްލާމް އަދި ޤުރުއާން ފަދަ މާއްދާތައް ކިޔަވައިދީ، ދިވެހި ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙު ދިރުވައިދޭ މުހިންމު ބިނާއެކެވެ.
މިއަހަރުގެ ފިޠުރު ޢީދު ސްރީލަންކާގައި ފާހަގަކޮށް ނިމިގެންދިޔައީ، ދުރުގައި އުޅުނަސް ދިވެހިންގެ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަން ދައްކުވައިދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ