އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު: މިދިޔަ އަހަރަށްވުރެ 8 ޕަސެންޓު މަދު

އިންޑިއާގެ ބަޖެޓުން، އެކި ގައުމުތަކަށް ދޭ ހިލޭ އެހީގެ ދަށުން އެ ގައުމުގެ 27-2026 ޔޫނިއަން ބަޖެޓުން ޖުމްލަ 60 މިލިއަން ޑޮލަރު ރާއްޖެއަށް ދޭން ބަޖެޓުކޮށްފިއެވެ. އިންޑިއާގެ ކުރިއަށް އޮތް މާލީ އަހަރު ކަމަށްވާ 27-2026 ބަޖެޓު މިއަދު ވަނީ އެ ގައުމުގެ ޔޫނިއަން ފިނޭންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން، ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެ ގައުމުގެ 27-2026 ޔޫނިއަން ބަޖެޓު މިއަދު ހުށަހަޅައިފައިވާއިރު، ބަޖެޓުގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ލިބޭ މިންވަރު ވަނީ، މީގެ ކުރިން ލިބުނު ވަރާ އަޅައިބަލާއިރު އަށް ޕަސެންޓު ދަށްވެފައެވެ. އެގޮތުން މި ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް އިންޑިއާއިން ހިލޭ އެހީގެ ގޮތުގައި ދޭނީ 550 ކްރޯޑް ރުޕީސްއެވެ. އެއީ 59.9 މިލިއަން ޑޮލަރެވެ. މިހާރު ހިނގަމުން އަންނަ 26-2025 ގެ ޔޫނިއަން ބަޖެޓުގައި ރާއްޖެއަށް ޖުމްލަ 63 މިލިއަނެއްހާ ޑޮލަރުގެ ހިލޭ އެހީ ދޭން އިންޑިއާއިން ހިމަނައިފައި އޮތެވެ. އިންޑިއާގެ ނެއިބާހުޑް ފަސްޓް ޕޮލިސީގެ ދަށުން އެ ގައުމުން އަވައްޓެރި ގައުމުތަކުގައި އެކި ދާއިރާތަކުން އެހީވުމަށް ހިލޭ އެހީ ދިނުމުގައި އިސްކަން ދެއެެވެ. މި ގޮތަށް އެހީ ދިނުމުގައި އިންޑިއާއިން އެ ގައުމެއްގައި ހިންގާ މަޝްރޫއުތަކަށް ވެސް ބަލައެވެ. މަޝްރޫއުތައް ނިމޭ މިންވަރަކުން ހިލޭ ލިބޭ މިންވަރު ކުޑަވާ ނަމަވެސް، އާ ޕްރޮޖެކްޓްތަކާއެކު ހިލޭ އެހީ ލިބޭ މިންވަރު އާންމު ގޮތެއްގައި އިތުރުވެއެވެެ. މިއީ އިންޑިއާއިން ވަކި ގައުމަކާ މެދު ގެންގުޅޭ ސިޔާސަތު ބަދަލުވުން ނޫން ކަމަށް ވެސް އެ ގައުމުގެ ޚާރިޖީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. އިންޑިއާއިން އެހީ ދޭ އަވައްޓެރި ގައުމުތަކަށް ބަލާއިރު، މިފަހަރު އެންމެ ބޮޑަށް ދަށްވީ ބަންގްލަދޭޝަށް ފޯރުކޮށްދޭ އެހީއެވެ. އެގޮތުން އެންމެ ފަހުން 120 ކްރޯޑް ރުޕީސް ދިންއިރު މިފަހަރު އެހީގެ ގޮތުގައި ދޭން ހިމަނައިފައި އޮތީ އޭގެ 50 އިންސަތަ މަދުކޮށް، 60 ކްރޯޑެވެ. އެހާ ބޮޑަށް އަދަދު އުނިވިއިރު، އިންޑިއާއާއި ބަންގްލަދޭޝާ ދެމެދު ޚާރިޖީ ގުުޅުން ވެސް ވަނީ ކޮންމެވެސް ވަރަކަށް ގޯސްވެފައެވެ. އެންމެ ބޮޑު އެހީއެއް އިންޑިއާއިން ލިބެނީ ބޫޓާނަށެވެ. އެ ގައުމަށް ވަނީ އެންމެ ފަހުން ލިބުނު އެހީއަށްވުރެ ހަ ޕަސެންޓު އިތުރަށް، ޖުމްލަ 2،289 ކްރޯޑް ހަމަޖައްސައިފައެވެ. މީގެ އިތުރުން ނޭޕާލަށާއި، ސްރީލަންކާއަށް ވެސް އިންޑިއާއިން ދޭ ހިލޭ އެހީގެ އަދަދުވަނީ އިތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ