އީރާނުން ޕާކިސްތާން މެދުވެރިކޮށް ފޮނުވި އައު ސުލްޙައިގެ ހުށަހެޅުމާއި ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންނާއި މަޝްވަރާ ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އަލްޖަޒީރާއިން ބުނީ ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހަޅާފައިވާ ހުށަހެޅުމަކާ މެދު މަޝްވަރާ ކުރެވެމުންދާކަން ވައިޓް ހައުސްއިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވިދާޅުވީ، އެ ހުށަހެޅުމާ މެދު ވިސްނަމުންދިޔަ ނަމަވެސް، ވޮޝިންޓަނުން ކަނޑައަޅާފައިވާ ރަތް ރޮނގަށް ބަދަލެއް ނާންނާނެ ކަމަށެވެ.
ކޮންމެ އެއްބަސްވުމެއްގައި ވެސް އެމެރިކާގެ އެންމެ މުހިންމު ޝަރުތަކީ އީރާނަށް ނިއުކްލިއަރ ހަތިޔާރު ނުލިބުން ކަމަށާއި، އެއީ ވަރަށް ސާފު ކަމެއް ކަމަށް ވެސް ޓްރަމްޕް ވަނީ އާދިއްތަ ދުވަހު ވެސް ބުނެފައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ މިހާރު ގެންދަވަނީ ރަޝިޔާއަށް ދަތުރުފުޅެއް ކުރައްވަމުންނެވެ. އޭގެ ކުރިން އޭނާ ވަނީ މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ޕާކިސްތާނާއި އޮމާނަށް ވެސް ޒިޔާރަތް ކުރައްވާފައެވެ.
މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް މީހުން މަރުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެ ސަބަބުން އިންފްލޭޝަން ބޮޑުވެ، ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.
އެކްސިއޯސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ޕާކިސްތާން މެދުވެރިކޮށް އެމެރިކާއަށް ފޮނުވި އައު ހުށަހެޅުމުގައި ހިމެނެނީ ހޯރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާއި ހަނގުރާމަ ނިންމުމެވެ. އެކަމަކު ނިއުކްލިއަރ މަޝްވަރާތައް ފަހުގެ ތާރީޚަކަށް ފަސްކުރުމަށް އެ ހުށަހެޅުމުގައި ބުނެފައިވެއެވެ.
ރަޝިޔާގައި ހުންނަވާ އީރާނުގެ ސަފީރު ކާޒިމް ޖަލާލީ ވިދާޅުވީ، ވަޒީރު އަރާޤްޗީގެ މި ދަތުރަކީ ޤައުމުގެ މަސްލަޙަތު ކުރިއެރުވުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އީރާނާއި ރަޝިޔާ ތިބީ ދުނިޔޭގެ ބާރުތަކާ ދެކޮޅަށް އެއް ފްރަންޓެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.
އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއާން ވިދާޅުވީ، ބިރުދެއްކުމާއި ބްލޮކޭޑުގެ ދަށުގައި ތިބެގެން މަޝްވަރާއަކަށް އީރާނު ނުވަންނާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޝްވަރާ ކުރުމުގެ ކުރިން އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑު ނަގަން ޖެހޭނެއެވެ.
އީރާނުން ހުށަހެޅި ހުށަހެޅުމާއިމެދު އެމެރިކާއިން މަޝްވަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ