'އަދަދު'އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ

'އަދަދު'އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ
ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަމުގައި، ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭރުގެ ނޫސްވެރިޔާ އަހުމަދު އަޒާން ކުރެއްވި ސުވާލު، އަނެއްކާވެސް ހަނދާނަށް މި އޮތީ އައިސްފަ އެވެ. އޭނާ ރައީސްއާ ދިމާލަށް ދޫކުރެއްވީ 'ޒިނޭ'ގެ ތުހުމަތެވެ. ރައީސްގެ ފޮޓޯތަކެއް އުޅޭ ވާހަކަ އެވެ.
އަޅުގަނޑު ހައިރާންވި އެވެ. އޭރު ނޫސްވެރިކަމުގައި އުޅޭތާ 30 އަހަރު ވެއްޖެ އެވެ. ދުވަހަކު ވެސް، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް، ގައުމުގެ ވެރިޔަކާ ދިމާއަށް ސީދަލަށް އެކަހަލަ ސުވާލެއް ކުރިތަނެއް ފެނިފައެއް ނުވެ އެވެ. ރާއްޖެއަކީ %100 މުސްލިމް ގައުމަކަށް ވެފައި، ދީނީ ގޮޮތުން ބަލާއިރު ވެސް އެފަދަ ތުހުމަތުތައް އެހާ ސީދާކޮށް ފާޅުކުރުމަކީ ބޮޑު ގޯހެކެވެ.
ނަމަވެސް ސޯލިހު ކޯފާއިސްވެ، އަޒާނާ ދެކޮޅަށް އެއްޗެކޭ ވިދާޅެއްނުވެ އެވެ. އެއާ ހިލާފަށް ފެނުނީ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އަޒާން ވެސް ހިމެނޭ ގޮތަށް މަޖާކޮށް ވާހަކަ ދައްކަވާތަނެވެ.
'ދިޔަރެސް'ގެ އޮފީހަށް ފުލުހުން ނުފޮނުވަ އެވެ. އޭގެ ބަދަލުގައި ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރޭގައި އަޒާންގެ މަގުބޫލުކަން ބޮޑުވެ، އޭނާގެ މަޝްހޫރުކަން ވެސް ދިޔައީ މައްޗަށެވެ. ރައްޔިތުންގެ  މަޖިލިހުގެ ގޮނޑި ކާމިޔާބުކުރައްވައި، މިއަދު ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި އެ ހުންނެވީ އޭރު ކުރެއްވި ނޫސްވެރިކަމުގެ ސަބަބުންނެވެ.
އެކަމަކު މިއަދު އަޒާން ވިސްނަވާނީ ކޮން ގޮތަކަށް ބާވަ އެވެ؟ ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް، 'އަދަދު' ނޫހުން ހެދި 'އައިޝާ' ޑޮކިއުމެންޓްރީއާ ގުޅިގެން ރޭ ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެ ފާސްކޮށް، ގިނަ އަދަދެއްގެ ސާމާނު ވެސް އެ ގެންދިޔައީ އެވެ. 'އަދަދު'ގެ ސީއީއޯ ހުސެން ފިޔާޒު މޫސާގެ ޕާސްޕޯޓް، ތިން މަސް ދުވަހަށް، ހިފަހައްޓަން ވެސް ކްރިމިނަލް ކޯޓުން އެ އޮތީ ފުލުހުންނަށް އަމުރުކޮށްފަ އެވެ.
މި ހުރިހާ ކަމެއް އައީ އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި 'އަދަދު'ގެ ނޫސްވެރިޔަކު އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން ރައީސް މުއިއްޒަށް ސުވާލުކުރި ހިސާބުންނެވެ. ޑޮކިއުމެންޓްރީ ނެރުނުތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ބަލައި ބަޔަކު ބަލައި، ދައްކާ ވާހަކައެއް ދައްކައިފި އެވެ. ރައީސް މުއިއްޒު ވެސް އަދި ފުލުހުން ވެސް އަޅައެއްނުލަ އެވެ.
ޒާތީ ކަންކަމާ ގުޅޭ ތުހުމަތުތައް މީޑިއާގެ ތެރެއަށް ވައްދައި، ފެތުރުމަކީ އޭގެ ޒާތުގައި ގޯހެކެވެ. ނަމަވެސް އެ ގޯސް ރާއްޖޭގައި އެބަ އޮތެވެ. ބައެއް ފަހަރަށް ރަސްމީ މީޑިއާއާ ހަމައަށް އެކަހަލަ ބައެއް މައްސަލަތައް ތިލަވަނީ ސޯޝަލް މީޑިއާގެ ތެރޭގައި މާ ބޮޑަށް މަޝްހޫރުވެ، އާންމުންގެ ބަހުސަކަށް ވުމުންނެވެ.
މިހާރު ދިމާވެގެން މި އުޅެނީ ވެ ނިމިފައި އޮތް ކަމެއް، އޭރު އެއްވެސް ފިޔަވަޅެއް ނާޅައި ތިބެފައި، ކުއްލިއަކަށް ރައީސް މުއިއްޒު ކޯފާއިސްވެ އިއްޔެ އެއްޗެކޭ ވިދާޅުވުމާ އެކު ފުލުހުންނާއި ކްެރިމިނަލް ކޯޓުން ތެޅިގަތުމެވެ. މިއީ ނުރައްކަލެކެވެ. ނުރައްކަލަކަށް ވަނީ ގައުމުގެ އެންމެ މަތީ ވެރިޔާ އަންގަވައިފި ނަމަ، ކޮންމެ ކަމެއް ކުރަން ވެސް އެހެން މުއައްސަސާތައް ތައްޔާރަށް އޮތްކަން އެނގޭތީ އެވެ. ވެރިޔާ ނާންގަވައިފި ނަމަ، ގައުމުގައި ކިތައްމެ ބޮޑެތި ގޯސްތަކެއް އޮތަސް އަޅާނުލާ ތިބޭނެތީ އެވެ.
'އަދަދު'ގެ ވަކީލު އަލީ ހުސެއިން ރޭ ދެއްކެވި އެއް ވާހަކައިން ވެސް، އެ ނުރައްކާ ސިފަވެ އެވެ. 
އެއް ކަމަކީ، އޭނާ ވިދާޅުވި ގޮތުގައި، ކޯޓު އަމުރުގައި ނެތް ބާރެއް ފުލުހުން ބޭނުންކުރުމެވެ. އެގޮތުން 'އަދަދު'ގެ ހުރިހާ ކޮންޕިއުޓަރުތަކެއް ކަހަލަ ގޮތަކަށް ފުލުހުން ވަނީ ގެންގޮސްފަ އެވެ. އެކަމަކު އެއީ ކޯޓު އަމުރުގައި ފުލުހުންނަށް ދިން ބާރެއް ނޫނެވެ.
"ކޯޓު އަމުރުގައި މި އޮންނަނީ ސާޗް ވޮރެންޓެއް، ބަލާފާސްކުރުމުގެ އަމުރެއް. އެއަކު އެއްގޮތަކަށް ވެސް ނެތް ތަކެތި ގެންދިއުމުގެ އަމުރެއް،" އަލީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބުނިން ބަލާފާސްކުރަންވިއްޔޭ 10 ގަޑިއިރު ވަންދެން ވެސް. ބަލާނެ ވަރަކަށް ބަލަންވިއްޔޭ. އެހެންނަމަވެސް އެއްވެސް އެއްޗެއް، ލެޕްޓެޕް ކަހަލަ، މިތަނުން ނުއެއް ގެންދެވޭނޭ. އެއީ ގެންދިއުމުގެ ބާރެއް ނެތޭ ކޯޓު އަމުރުން ދީފައެއް. އެއީ ކޯޓު އަމުރުގައި ނެތް ކަމެއް ނުކުރެވޭނޭ."
ކުރީގެ ރައީސް ސޯލިހުއާ އަޒާން ސުވާލުކުރެއްވި އިރު މިހާރުގެ ރައީސް މުއިއްޒު ގެންދެވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ މަސައްކަތް އަޑިއަޑިން ކުރައްވަމުންނެވެ. އަޒާންއަކީ ނޫސްވެރިކަމުގެ ތެރެއިން ޕީޕީއެމްގެ އެންމެ ބޮޑު އެއް މަދަދުގާރެވެ. އޭނާގެ މަސައްކަތަކަށް ވެފައި އޮތީ ކިތައްމެ ބޮޑު ދޮގެއް ހަދައިގެން ނަމަވެސް ސޯލިހުގެ ސަރުކާރާ ދެކޮޅަށް އާންމުންގެ ހިޔާލު ބަދަލުކުރުމެވެ. ތެދަށް ވުރެ ދޮގު މާ އަވަހަށް ހިނގައި، މާ ބޮޑަށް އާންމުންގެ ބޮލަށް ވަންނަކަން އެނގި ހުންނަވަ އެވެ.
ސޯލިހުގެ އިސްތަށިފުޅުމުގައި ތުހުމަތު އެޅުވި އިރު ޕީޕީއެމްގެ ވެރިން ތިއްބެވީ ހޭށެވެ. އެކަމަކު ނޫސްވެރިކަން ފިއްތަން ނުވަތަ ބިރު ދެއްކުމުގެ އެއްވެސް އަމަލެއް އެ ސަރުކާރަކުން ނުހިންގަ އެވެ. އެހެންކަމުން އެ ހިސާބުން އެ ވާހަކަ އޮބުނީ އެވެ.
އެއާ ހިލާފަށް ރައީސް މުއިއްޒުގެ ސަރުކާރުން ބޭނުންކުރަން އެ ފެށީ ފުލުހުންނާއި ކްރިމިނަލް ކޯޓެވެ. މިއީ ވަރަށް ބޮޑު ނުރައްކަލެކެވެ. މިއީ ހަމައެކަނި މިހާ ހިސާބުން ހުއްޓޭނެ ކަމެއް ކަމަށް ބަލައިގެން ވެސް ނުވާނެ އެވެ. އެގޮތަށް ރައްޔިތުންނަށް ހީކުރެވޭ ނަމަ އެއީ ގޯހެކެވެ.
ރައްޔިތުން ވިސްނާލާށެވެ! ނޫސްވެރިކަމާ ގުޅޭ މައްސަލަތައް ބަލަން އުފައްދާފައި އޮތް މުއައްސަސާއަށް 'އަދަދު'އާ ދެކޮޅަށް ފިޔަވަޅު އެޅިދާނެ އެވެ. އެކަމަކު މިހާރު މި ބޭނުންކުރަނީ މުޅިން ތަފާތު ބާރެކެވެ. އެންމެ ފަސޭހައިން ބިރު ދެއްކުމާއި އެންމެ ފަސޭހައިން މީޑިއާތައް ހުއްޓުވާލުމެވެ.
އަޒާންގެ 'ދިޔަރެސް'އަށް އެކަހަލަ ނުރައްކަލަކާ ކުރިމައްޗެއް ނުވެ އެވެ. ނޫސްވެރިކަމުގެ ތެރެއިން ގޮސް އޭނާ އެ ހުންނެވީ ސިޔާސީވެފަ އެވެ. ރަސްމީކޮށް ސިޔާސީވެވަޑައިގެންފަ އެވެ. އަޒާންގެ ތަޖުރިބާގައި ހެދުން އެޅިގެން އައީ ރައްޔިތުން އޭނާ ރައްޔިތުންގެ މަޖިލިހަށް ވައްދައިގެންނެވެ.
އެކަމަކު ދާދި އެއްކަހަލަ ކަމެއްގައި ދެ ސަރުކާރުގެ ސިޔާސަތު ތަފާތުވުމާއި ބާރު ބޭނުންކުރުމުގައި ހުރި ހުދުމުހުތާރު ގޮތްތަކާ ހެދި 'އަދަަދު' ނޫސް އެވަނީ ނުރައްކަލުގެ ތެރޭގަ އެވެ.
އަލީ ހުސެއިން ގަބޫލުކުރައްވާ ގޮތުގައި 'އަދަދު'ގެ ހުރިހާ އެއްޗެއް ފުލުހުން އެ ގެންދިޔައީ ނޫސް ހުއްޓާލުމުގެ ބޭނުމުގަ އެވެ.
"ބަލާފާސްކުރަން ކުރި ކަންތައްތަކުން ދޭހަވީ ކޮންމެހެން 'އައިޝާ'ގެ ޑޮކިއުމެންޓްރީއާ ބެހޭ ކަމެއް ކުރަން ނޫންކަން އަސްލު ފުލުހުން އައިސްގެން އުޅުނީ. 'އަދަދު' ނޫސް ހިންގުން ހުއްޓުވާލަންކަން،" އަލީ ވިދާޅުވި އެވެ.
"ހާއްސަކޮށް ދިވެހިރާއްޖޭގެ ފްރީ މީޑިއާ ނޫނީ ޖާނަލިޒަމް ހުއްޓުވާލުމުގެ ގޮތުން ނުވަތަ 'އަދަދު' ނޫހަށް ބިރު ދެއްކުމުގެ ގޮތުން ނުވަތަ 'އަދަދު' ނޫސް ކުރިއަށް ނުގޮސް ހުއްޓުވާލަން ކުރާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ. އެ ތަނުގައި ހުރިހާ ހުރި ލެޕްޓޮޮޕެއް، މާދަމާ ނޫހަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާތްގަނޑަކަށް ހިފައިގެން އެ ދިޔައީ."
އާނާ ވިދާޅުވި ގޮތުން ނަމަ ފުލުހުން އަމަލުކުރީ "ޖިނާއީ މައްސަލައަކާ ގުޅިގެން ކުރާ ތަހުގީގަކަށް ބޭނުންވާ ތަކެތި ހޯދާ ގޮތަކަށް ނޫނެ"ވެ. 
މި ސަރުކާރުން ހެދި މީޑިއާ ކޮންޓްރޯލްކުރާ ގާނޫނުގެ ފަހަތުގައި އޮތް މަގުސަދަކީ ބޭނުން އިރަކު މީޑިއާތައް ހުއްޓުވާލުންކަން، މަޖިލިހަށް ބިލް ވެއްދުމާ އެކު ވެސް، ރާއްޖޭގެ ބައެއް ނޫސްވެރިން ބުނެފައިވެ އެވެ. އެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޯޕަރޭޝަނަކީ، އެކަމުގައި ސަރުކާރަށް އެހީތެރިވާ މުއައްސަސާ އެވެ. ވަކި މީޑިއާއެއް ހުއްޓާލަން ބޭނުން ނަމަ ސަލާމަތީ ބާރުތަކުގެ އެހީތެރިކަން ހޯދައިގެން އެކަން ކުރެވޭނެ ފުރުސަތު ގާނޫނުގައި ލިބިދެ އެވެ.
މިއަދު މި އޮތީ އޭރު ނޫސްވެރިން ފާޅުކުރި ކަންބޮޑުވުމުގެ ހަގީގަތް ފެނިފަ އެވެ. 'އަދަދު' ނޫހަށް ފުލުހުން ވަންނަން ކޯޓަށް ހުށައެޅި 'ހެކިތަކު'ގެ ތެރޭގައި އެ ކޮމިޝަންގެ ސިޓީއެއް ވެސް ހިމެނެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގައި ދެ ސަރުކާރުގެ ތަފާތާ މެދު ވިސްނާލުން ހުއްޓެވެ. އެންމެ ބޮޑަށް ވިސްނަވަން ޖެހޭނީ އަޒާންއަށެވެ. އޭނާ ފެއްޓެވި ކަމެއްގައި އޭރުގެ ރައީސް އަޅާނުލައްވާ ހުންނެވީ އެވެ. އެކަމަކު އަޒާންގެ ސަރުކާރުން އެ ނެރުނީ ފުލުހުންނެވެ. ހުއްޓުވަން އެ އުޅެނީ ރާއްޖޭގެ މީޑިއާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ