ޕީއެންއެފްގެ މުޒާހަރާ ލައިވް ނުކުރަން ޗެނަލް 13 އަށް އަންގައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީއެންއެފްއިން ކޮންމެ ރެއަކު ބާއްވާ މުޒާހަރާތައް ލައިވްނުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން 'ޗެނަލް 13'އަށް އަންގައިފި އެވެ.އާޓިފިޝަލް ބީޗު ސަރަހައްދުގައި ކޮންމެ ރެއަކު ބާއްވާ މުޒާހަރާތަކާ ގުޅޭ ގޮތުން އެމްއެމްބީސީގެ އެސްޖީ ސޮއި ކުރައްވާ ޗެނަލް 13 އަށް ފޮނުއްވި ސިޓީގައި ބުނެފައި ވަނީ އެ މުޒާހަރާ އިން ފެންނަ މަންޒަރުތަކާއި އެކިއެކި މީހުން ދައްކާ ވާހަކަތަކުގައި އާންމު އިޖުތިމާއީ މިންގަނޑާއި މީޑިއާގެ ސުލޫކީ މިންގަނޑާއި ހިލާފު ކަންކަން ހިމެނޭ ކަމަށެވެ.އެ މައްސަލަ މީޑިއާ ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން، މި މަހުގެ 20 ވަނަ ދުވަހު ވަނީ މުޒާހަރާ ލައިވްކުރުމުގައި އެއް މިނެޓުގެ "ޑިލޭ" އެއް ބޭނުންކުރުމަށް ޗެނަލް 13 އަށް އަންގާފައެވެ. މީގެ އިތުރުން، އެ އެންގުމަށް އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން ދެ ފަހަރެއްގެ މަތިން ފޯނުން ގުޅައި، އެސްޓޭޝަނުގެ ވެރިންގެ ސަމާލުކަމަށް އެކަން ގެނައި ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.ނަމަވެސް، ކޮމިޝަންގެ އެންގުންތަކާ ތަކުރާރުކޮށް ހިލާފުވެ، އެއްވެސް ޑިލޭއަކާ ނުލައި މުޒާހަރާ ލައިވް ބްރޮޑްކާސްޓް ކުރަމުންދާތީ، ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން ޕީއެންއެފްގެ މުޒާހަރާތައް ލައިވްކުރުން މެދުކަނޑާލަން މިހާރު ވަނީ އަންގައިފަ އެވެ.އެމްޑީޕީ އާއި ޕީއެންއެފް އިން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއަށްފަހު އެވެ. އެމްޑީޕީ އާއި ޕީއެންއެފް އިން ބުނަނީ ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވައި، އިންތިގާލީ ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރަންޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ