ބޮޑު ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ދެކޮޅު ހަދަން އެމްޑީޕީ އިން މިއަދު ހަވީރު ވެރި ރަށް މާލޭގައި ބޭއްވި ސައިކަލު ބުރަށް ފުލުހުން ހުރަސްއަޅައިފި އެވެ.
އިދިކޮޅު ޕާޓީގެ ސައިކަލު ބުރު ފެށީ ޗާންދަނީ މަގުގައި ހުންނަ އެ ޕާޓީގެ ހަރުގެ ކައިރިން ހަވީރު 4:30 ގަ އެވެ. ފުލުހުން ނުކުމެ ބެރިކޭޑު ޖަހައިގެން އެމްޑީޕީ މެންބަރުން ހުއްޓުވީ ބާޒާރުމަތިންނެވެ.
ސައިކަލު ބުރަށް ހުރަސްއެޅި ސަބަބު ފުލުހުން އެތަނުގައި ބަޔާންކޮށްދީފައެއް ނުވެ އެވެ. އެމްޑީޕީގެ ސައިކަލު ބުރަށް ހުރަސްއެޅި ފުލުހުންނާ ޕާޓީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވެސް ވާހަކަ ދެއްކެވި އެވެ. އެކަމަކު، ފުލުހުންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ދީފައެއްނުވެ އެވެ.
ސައިކަލު ބުރަށް ހުރަސް އެޅުމުން އެމްޑީޕީގެ މެންބަރުން ވަނީ މަޑުކުރުވި ހިސާބުގައި ސްޕީކަރު ބޭނުންކޮށްގެން ވާހަކަ ދައްކައިފަ އެވެ.
"ހަމަ ރީތިކޮށް ކުރިއަށް ދަނިކޮށް ސައިކަލު ބުރަށް ތި ހުރަސް އެޅީ މިވަގުތު މާލޭގައި އޮތް އެންމެ ފުޅާ މަގު. މިތަނުގެ ޓްރެފިކަކަށް ވެސް [ސައިކަލު ބުރުން] ހުރަސްއެޅެނީކީ ނޫން. އެހެން ނަމަވެސް ތިބޭފުޅުން [ފުލުހުން] ތިޔަ ހުރަސްއެޅުއްވީ،" އެމްޑީޕީ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވި އެވެ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނަގާ ވޯޓު އޮންނާނީ ކައުންސިލްތަކުގެ އިންތިހާބާއެކު އޭޕްރީލް 4، ގަ އެވެ. ރެފަރެންޑަމް ވޯޓު ބާއްވަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ބާތިލް ކުރުމާއެކު އެ ވޯޓު ހުއްޓުވަން އެމްޑީޕީ އިން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
އެމްޑީޕީގެ ސައިކަލު ބުރަށް ފުލުހުން ހުރަސް އަޅައިފި އެމްޑީޕީގެ ސައިކަލު ބުރަށް ފުލުހުން ހުރަސް އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ