އޯޓީޕީގެ ރައްކާތެރިކަން ވަރުގަދަކޮށް، އެންޑްރޮއިޑް 17 ބީޓާ2 ނެރެފި

އޯޓީޕީ ބޭނުންކޮށްގެން ހިންގާ ސްކޭމްތަކުން ޔޫޒަރުން ސަލާމަތްކުރުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އެންޑްރޮއިޑް 17ގެ ދެވަނަ ބީޓާ ވާޝަން ގޫގުލްއިން ނެރެފިއެވެ. މި އައު އަޕްޑޭޓަކީ ފޯނުގެ ރައްކާތެރިކަމާއި، ހަލުވިމިނާއި، އަދި ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ނެރުނު މުހިންމު އަޕްޑޭޓެކެވެ. މި އަޕްޑޭޓްގައި އެންމެ އިސްކަމެއް ދީފައިވަނީ "އޯޓީޕީ ހައިޖެކް" ކުރުން ނުވަތަ މެސެޖު މެދުވެރިކޮށް ލިބޭ ސިއްރު ކޯޑުތައް ވަގަށް ނެގުން ހުއްޓުވުމަށެވެ. އެގޮތުން، އޯޓީޕީ މެސެޖުތައް ބެލުމުގެ ރަސްމީ ހުއްދަ ނެތް އެޕްތަކަށް، އެ މެސެޖެއް ލިބޭތާ ތިން ގަޑިއިރު ނުވަނީސް އެ މަޢުލޫމާތެއް ދެން ނުފެންނާނެއެވެ. މީގެ ސަބަބުން ހެކަރުން ވަގުތުން ވަގުތަށް އޯޓީޕީ ބޭނުންކޮށްގެން އެކައުންޓުތަކަށް ވަނުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ހުރަހެއް އެޅިގެންދާނެއެވެ. މި ވާޝަންގައި ތަޢާރަފުކޮށްފައިވާ "ބަބުލް" ފީޗާގެ އެހީގައި ކޮންމެ އެޕެއްވެސް ފްލޯޓިން ވިންޑޯއެއްގެ ގޮތުގައި ބޭނުންކުރެވޭނެ --- ސަލާމަތީ ކަންކަމުގެ އިތުރުން، މި ވާޝަންގައި ތަޢާރަފުކޮށްފައިވާ "ބަބުލް" ފީޗާގެ އެހީގައި ކޮންމެ އެޕެއްވެސް ފްލޯޓިން ވިންޑޯއެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. މިއީ ފޯނުން އެއްފަހަރާ ގިނަ މަސައްކަތްތަކެއް ކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ފަސޭހައެކެވެ. އަދި "ހޭންޑްއޮފް" ފީޗާ މެދުވެރިކޮށް، ފޯނުން ކުރަމުންދާ މަސައްކަތެއް ވަގުތުން ޓެބްލެޓަކަށް ނުވަތަ އެހެން އެންޑްރޮއިޑް ޑިވައިސްއަކަށް ބަދަލުކޮށްލައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތުވެސް މިހާރު ވަނީ ފަހިކޮށްދީފައެވެ. މީގެ އިތުރުން، ސްކްރީންގައި ހުންނަ ކުލަތައް ނެގުމަށް ބޭނުންކުރާ "އައިޑްރޮޕާ" ފަންކްޝަން ބޭނުންކުރާއިރު، ސްކްރީން ރެކޯޑް ކުރުމުގެ ހުއްދަ ދޭން ނުޖެހޭ ގޮތަށް ސިސްޓަމްގެ ޕްރައިވަސީ ވަނީ ވަރުގަދަކޮށްފައެވެ. އަދި ކޮންޓެކްޓްސް ޕިކާ މެދުވެރިކޮށް ހަމައެކަނި ބޭނުންވާ މައުލޫމާތެއް ހިއްސާކުރެވޭ ގޮތް ހަދައި، އެޕްތަކަށް ދޭންޖެހޭ ހުއްދަތައް ވަނީ މަދުކޮށްފައެވެ. ގޫގުލްގެ ޕިކްސެލް ފޯނުތަކަށް މިހާރު ދޫކޮށްލާފައިވާ މި އަޕްޑޭޓްގެ މަސައްކަތްތައް މުޅިން ނިންމައިލެވޭނެ ކަމަށް ލަފާކުރެވެނީ އަންނަ މަހުގެ މެދުތެރޭގައެވެ. އޭރުން މި އައު ފީޗާތައް އެންމެ ފުރިހަމަ ގޮތުގައި ޔޫޒަރުންނަށް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ