ޖަލުގައި ހޭދަކުރި ދުވަސްތައް ދަސްކޮށްދިނީ ކޮންމެ ހާލަތެއްގައިވެސް ދިރިއުޅެން: ރާޖްޕާލް ޔާދަވް
ޗެކެއް ބައުންސްވި މައްސަލައެއްގައި ޖަލުގައި ހޭދަކުރި ދުވަސްތަކަށްފަހު، ކޮންމެ ހާލަތެއްގައި ވެސް ދިރިއުޅެން ދަސްވެފައިވާ ކަމަށް އެކްޓަރު ރާޖްޕަލް ޔާދަވް ބުނެފިއެވެ. ފަރާ ޚާންގެ ޔޫޓިއުބް ވްލޮގްގައި މެހެމާނެއްގެ ގޮތުން ދާދިފަހުން ބައިވެރިވި ބޮލީވުޑްގެ ކޮމެޑީ އެކްޓަރު ބުނީ، ތިހާރު ޖަލުގައި ހޭދަކުރި ދުވަސްތަކަކީ އަހުލާގީ މިންގަނޑު ވަރަށް ބޮޑަށް ހިފަހައްޓަން ޖެހުނު ދުވަސްތަކެއް ކަމަށެވެ. އަދި ހަމައެއާއެކު ޖަލުގައި ހޭދަކުރާ ކޮންމެ މިނެޓެއްވެސް ހޭދަކުރަންޖެހެނީ ވަރަށް ވިސްނައިގެން ކަމަށާއި ވަގުތަށް ކަމޭހިތައި ކަންކަން އެ އޮންނަ ވަގުތަށް ނިންމަން ދަސްވި ކަމަށް ރާޖްޕަލް ވަނީ ބުނެފައެވެ. ރާޖްޕަލް ފަރާ ޚާންއާ އެކު--ފޮޓޯ/އިންސްޓަގްރާމް ޖަލުގައި ވަކި މުއްދަތެއް ވަންދެން ތިބޭ މީހުންނަށް އެކި ކަހަލަ ވަޒީފާތައް އަދާކުރުމުގެ ފުރުސަތުދޭ ނަމަވެސް ރާޖްޕަލް ޖަލުގައި ހޭދަކުރި މުއްދަތުގައި އެކަހަލަ ކަމެއް ތަޖުރިބާކުރަން ނުޖެހުނު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެހެންނަމަވެސް ކޮންމެފަދަ ހާލަތެއްގައި ވެސް ދިރިއުޅުމާއިގެން ކުރިއަށްގޮސް ލިބިފައިވާ ނިއުމަތްތަކަށް ފުދިގެން އުޅެން އެ މުއްދަތުގެތެރޭގައި ދަސްވި ކަމަށް ރާޖްޕަލް ވަނީ ބުނެފައެވެ. އެހެންވެ އެއީ ވަރަށް ރަނގަޅު ފިލާވަޅުތަކެއް ދަސްވި ދުވަސްތަކެއް ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. ޖަލުގައި ހޭދަކުރި ދުވަސްވަރުގެ ހަނދާންތައް އާކުރަމުން ރާޖްޕަލް ބުނީ ފިލްމު އިންޑަސްޓްރީގެ ރަހްމަތްތެރިން ކަމަށްވާ ސޯނޫ ސޫދު، ސަލްމާން ޚާން، ޑޭވިޑް ދަވަން އަދި ޕްރިޔާދަރުޝަން ފަދަ މީހުންގެ ފަރާތުން ލިބުނު އެހީތެރިކަން އޭނާ ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ. ރާޖްޕަލްއަށް ޖަލު ހުކުމެއް އައީ 2010ވަނަ އަހަރު އޭނާ އުފެއްދި ފިލްމަކަށް އަމިއްލަ ކުންފުންޏަކުން ނެގި ފަސް ކްރޯޑް ރުޕީސްގެ ލޯނެއް އަނބުރާ ނުދެއްކި މައްސަލައާ ގުޅިގެންނެވެ. އެ ފިލްމު ފްލޮޕްވުމާ ގުޅިގެން ލޯނު އަނބުރާ ދެއްކުމުގައި އޭނާއަށް ދަތިތަކާ ކުރިމަތިވެ، އޭނާ އަނބުރާ ދައްކަން ޖެހޭ އަދަދު ގާތްގަނޑަކަށް ނުވަ ކްރޯޑް ރުޕީސްއަށް އޭރު ވަނީ އަރާފައެވެ. ނަމަވެސް ފަހުން ދިއްލީ ހައިކޯޓުން ރާޖްޕަލް ކަފާލާތުގެ ދަށުން ދޫކޮށްފައި ވަނީ މައްސަލަ ރައްދުވާ ކުންފުނީގެ ބޭންކް އެކައުންޓަށް 1.5 ކްރޯޑް ރުޕީސް ޖަމާކުރުމުންނެވެ. ރާޖްޕަލްގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ބޮލީވުޑްގެ ބައެއް ތަރިންގެ އެހީތެރިކަން އޭނާއަށް ލިބިފައިވާއިރު އެކްޓަރުގެ ވަކީލު ކުރިން ބުނި ގޮތުގައި، ޖުމްލަ ދަރަނީގެ ބޮޑު ބައެއް މިހާރު ވަނީ ދައްކާ ނިމިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ