އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު: އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔެއްކަން ކަށަވަރުކުރެވިގެން ދާނެ

ޕޮލިސީ ލެވެލްއެއްގައި ނޭޝަނަލް ޕޮލިސީ އޮން އޭޖިންއެއް ތައްޔާރުކުރެވި، އެ ޕޮލިސީ އެކްޝަން ޕްލޭންއަކަށް ވެސް ބަދަލުކުރެވިފައިވާ ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އޮފީހުގައި ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި އެކްޝަން ޕްލޭނަކީ ކުރިއަށް އޮތް 5 އަހަރު އިސްރަށްވެހިންނަކީ ޝަރަފުވެރި، އަބުރުވެރި އަދި ހިތްހަމަޖެހިގެން އުޅޭ، މުޖުތަމަޢުގެ ބައިވެރިންގެ ގޮތުގައި އެމީހުންގެ ދިރިއުޅުން ބައްޓަން ކުރުމަށްޓަކައި ކަމާ ބެހޭ ހުރިހާ މުއައްސަސާތައް އަމަލުކުރަމުންގެންދާނެ ގޮތުގެ އެކްޝަން ޕްލޭނެއް ކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އާބާދީއަށް އަންނަމަންދާ ބަދަލުތައް ދުރާލާ ދެނެގަނެ، އިސްރަށްވެހިން ދުޅަހެޔޮކަމާއި އަބުރުވެރިކަމާއެކު މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ދިރިއުޅުމަށް މަގުފަހިކުރުމަށްޓަކައި އެކުލަވާލެވުނު، "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު" އެންޑޯސްކުރެވި، ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ ޤައުމީ އެކްޝަން ޕްލޭން ތައްޔާރުކެރެވި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރެވި 2025 ވަނަ އަހަރު ތެރޭގައިވަނީ މި އެކްޝަން ޕްލޭން ވެލިޑޭޓް ކުރެވިފައެވެ.
"އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު" ނުވަތަ "ނެޝަނަލް ޕޮލިސީ އޮން އޭޖިން" ގައި ހިމެނޭ މުހިންމު ބައެއް ސިޔާސަތުތަކުގެ ތެރޭގައި، އުމުރުން ދުވަސްވީ މީހުންނަކީ ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމަށް، އެމީހުންގެ އުމުރާ އެކަށީގެންވާ، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި ދިގު މުއްދަތުގެ ފަރުވާގެ ޚިދުމަތްތައް ހަމަހަމަކަމާއެކު ލިބޭކަން ކަށަވަރުކުރުމާއި، އަދި އެފަރާތްތަކަށް ދިގުމުއްދަތައް ދެމިގެންދާ ތަޢުލީމާއި ހުނަރު ތަރައްޤީކުރުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަކީ މާލީ ގޮތުން ފުދުންތެރި ބައެއްކަން ކަށަވަރުކުރުމަށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، ޕެންޝަންތަކާއި، އިޤްތިޞާދީ ގޮތުން ބައިވެރިވުމުގެ ފުރުޞަތުތައް ހިމެނޭގޮތަށް އާމްދަނީގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ފުޅާކުރުމަކީ ވެސް މި ޕޮލިސީގައި ހިމެނޭ މުހިންމު ސިޔާސަތުތަކެވެ.
އޯގާތެރި މުޖުތަމަޢެއް ބިނާކޮށް, އުމުރުން ދުވަސްވީ މީހުންނަކީ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި، ދުޅަހެޔޮކަންމަތީގައި ދިރިއުޅޭ ބައެއްކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަޞައްވުރެކެވެ. އެގޮތުން، "އިސްރަށްވެހިންގެ ނާދީ" ގެ ނަމުގައި ދޮށީ އުމުރުގެ މީހުންގެ އިޖުތިމާޢީ މަރުކަޒުތައް ޤާއިމުކުރެވިގެންދިއުމަކީ ރައީސުލްޖުމްހީރިއްޔާގެ މި ތަޞައްވުރު ފުރިހަމަކުރެއްވުމަށް ކުރެވިގެންދިޔަ ވަރަށް މުހިންމު އެއް މަސައްކަތްކަތެވެ.
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ