ހަތަރު އަނބީންނާ ކާވެނިކުރަން ލާޒިމްކޮށް ގާނޫނެއް ހަދަންވީ ސަބަބުތައް ހަތަރު އަނބީންނާ ކާވެނިކުރަން ލާޒިމްކޮށް ގާނޫނެއް ހަދަންވީ ސަބަބުތައް

ދައްކަން މިއުޅެނީ ދަރިން ތިބި އެކަނިވެރިންނަށް މިހާރު ދޭ އެލަވަންސްއިން ހަގީގީ އިޖުތިމާއީ އަދި ދީނީ މައްސަލަ ހައްލުނުވާތީ އެވާހަކަ އެވެ. އެކެނިވެރި މައިންގެ މައްސަލަ ހައްލުކުރާނެ ގޮތުގެ ވާހަކައެވެ. އިސްލާމީ މުޖުތަމައެއްގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެކަންކުރެވެން އޮތް ވާހަކައެވެ. އަމުދުން ރާއްޖެ ފަދަ އިސްލާމީ ވެރިއަކު ލިބިފައިވާ ގައުމެއްގައި އެކަމަކީ ނިކަން ފަސޭހައިން އިސްލާމީ އުސޫލުތަކުގެ އަލީގައި ހައްލުކުރެވެން އޮތް ކަމެކެވެ.
އެކެނިވެރިންނަށް ދެވޭ އެލެވެންސްއިން ހަގީގީ މައްސަލަ ހައްލުނުވާކަމަށް ދަންނަވަންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. ދިވެހި ދައުލަތުގެ ބަޖެޓަކީ ދަރާފައި އޮންނަ ބަޖެޓެކެވެ. އެބަޖެޓުން އިތުރު ހަރަދެއް ހިނގާ ހަމަ ކޮންމެ ފަހަރަކީ އޭގެ ބުރަ މުޅި ރައްޔިތުން އުފުލަންޖެހޭ ގޮތަށް އޮންނަ ކަމެކެވެ.
އެކެނިވެރިންނަށް ދެވޭ އެލެވެންސެއް މިދެވެނީ ކާވެނި ރޫޅިފައި އަދި ދަރިޔަކު ހުންނަ ހާލަތުގަ އެވެ. ދަރިން ނުލިބި ކާވެނި ވެސް ރޫޅި އަލުން މީހުންނާ އިނުމުގެ ހިތްވަރު ނެތް، ނުވަތަ ކޮންމެވެސް ޒަރޫރީ ސަބަބަކާހުރެ މީހަކާ ނީނދެވިފައި ތިބި ކިތަންމެ ބަޔަކު އެބައުޅެ އެވެ. އެއިން މީހަކަށް ދައުލަތުގެ ބަޖެޓުން ލޯލާރިއެއް ދިއްކޮށްނުލައި ކާވެންޏެއްގައި ދަރިޔަކު ލިބިފައިވާތީ އެކަނިވެރިންނަށް އެކަނި ދެވޭ އެލެވެންސްގައި މާބޮޑު އިންސާފުވެރިކަމެއް ހަމަހަމަ ކަމެއްވެސް ނެތެވެ. އަދި ޒިންމާދާރުކަމެއް ނެތް ބަފައިންނަށް އެކަމުން ލިބޭ ނާޖާއިޒު މަންފާއެއް ނޫނީ ނެތެވެ.
މީގެ އިތުރުން ޖިންސީ ޣަރީޒާ ފުއްދަންޖެހޭ ގޮތަށް ފުދުމަކީ ވަރަށް ބޮޑު އަދި މުހިންމު އިންސާނީ ހައްގެކެވެ. މިހައްގަކީ ދެވޭ އެލެވެންސަކުން ލިބިގަނެވޭ އެއްޗެއް ނޫނެވެ. އެލެވެންސެއް ދިނަސް ޖިންސީ ޣަރީޒާއަށް ފަރުވާ ނުދެވޭނަމަ ނުކުންނަމުންދާނެ ނަފްސާނީ އަދި ޖިސްމާނީ އެތައް މައްސަލަތަކަކަށް އަނެއްކާވެސް ހަމަ އާސަންދައިން ފަރުވާދީ ދައުލަތުން ހަރަދުތަކެއް ކުރަންޖެހޭނެ އެވެ.
އަނެއްކޮޅުން ބަލާއިރު، އެކަނިވެރިންނަށް މިގޮތަށް ދެވޭ އެލެވެންސްއިން ހިތްވަރުލިބެނީ ދެން އިތުރު ކާވެންޏެއް ނުކުރުމަށެވެ. އެހެންވީމާ އެއީ އެފަދަ މީހަކު ޖިންސީ ޣަރީޒާ ފުއްދަން ވިސްނައިފިނަމަ، ޒިނޭއަށް ހުޅުވޭ ބޮޑު ދޮރެކެވެ. އަދި ނަހަލާލު މަގުތަކަށް ލެވޭ ބާރަކާއި ހިތްވަރެކެވެ. މިހައްލަކީ އިސްލާމީ ހައްލަކަށް ނުވެ އެވެ.
އެކެނިވެރި މައިންގެ މައްސަލަ ރާއްޖޭގައި މިހާ ބޮޑުވުމީ އެއް އަނބީންނަށްވުރެ ގިނަ އަނބީންނަށް ކާވެނިކުރުމުގެ މުހިންމު އިސްލާމީ ސަގާފަތް ދިވެހިން ދޫކޮށްލާފައިވާތީ އެވެ. ދިވެހި ފިރިހެނުންނަށް އެންމެ އަންހެނަކުން ފުދެނީހެއްޔެވެ؟ އިތުރު އަންހެނަކު ބޭނުން ނުވަނީހެއްޔެވެ؟ ދެއަތްނބަށް ކާވެނިކުރުމުގެ ގާބިލުކަން ގިނަ ފިރިހެނުންނަށް ލިބިގެން ނުވަނީ ހެއްޔެވެ؟ މާލީ ގާބިލުކަމާއި ޖިންސީ ގާބިލުކަމެވެ. ނުވަތަ އެއީ މިޒަމާނުގެ ޒަމާނީ އުސޫލުތަކާ މާބީރަށްޓެހިކަމެއްކަމަށް ހަމަ ގިނަ ދިވެހީން ގަބޫލުކުރަނީހެއްޔެވެ؟ ނަމަވެސް މިއީ ހުސް ބަހަނާ އެވެ. ހަގީގަތެއް ނެތް ހިޔާލީ ވާހަކަތަކެވެ.
ދިވެހި ފިރިހެނުން ގިނަ އަންހެނުންނަށް ބޭނުން ނުވާނަމަ، ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި މާލެ ތެރޭން ހަށިވިއްކުމުގެ ހިދުމަތްދޭ ނުވަދިހައެއްހާ ތަން ބަންދުކުރިކަމަށް މި ގައުމުގެ ވަލިއްޔުލް އަމުރު ވިދާޅުވާން ޖާގަ ލިބުނީސް ހެއްޔެވެ؟ އަދި ވާހަކައެއް ބުނެފާނަމެވެ. މިހާރު އެތަން ތަން އަލުން ހުޅުވައިފި އެވެ. މިހާރު އިޝްތިހާރު ކުރަނީ ފޭސް މަސާޖާއި ބޯކޮށުމެވެ. ޚިދުމަތް ދެނީ ބަންދު ކޮޓަރިތަކުގަ އެވެ. ހަމަ ތައިލެންޑް އަންހެން ކުދިންނެވެ. މި ލިޔުމުގައި މިއޮތް ގޮތަށް ނޫނީ މައްސަލަ ހައްލުނުވާނޭ މިދަންނަވަނީ މިކަހަލަ ސަބަބުތަކާހުރެ އެވެ.
ދެން އޮތީ ގާބިލުކަމުގެ ވާހަކައެވެ. މާލީ ގާބިލުކަމުގެ ވާހަކަ ދައްކަންޏާ އަނބިން ތިބި ފިރިން ހިލޭ އަންހެނުންނަށް ހަރަދުކުރާ މިންވަރު ދެނެގަތުމުގެ ދިރާސާއެއް ހެދިދާނެއެވެ. ދިވެހިންގެ ތެރޭގައި ފަގީރުން އެހާ ގިނައެއް ނޫނެވެ. ބޮޑެތި މުއްސަނދިން މަދަސް މުއްސަނދިން މަދެއް ނޫނެވެ.
ޖިންސީ ގާބިލުކަމަށް ބަލަންޏާ އެކަމާމެދު ގޮތެއް ނިންމާނީ އަނބީންނެވެ. ފިރިންގެ އެ ގާބިލުކަން ނެތިއްޔާ ވަރިވާނީއެވެ. އަދި ވަރިވާން ކޯޓަށް ވެސް ދާނީ އެވެ. އަދި އެކަން އޮންނަންވާނީ ނިޒާމުގެ ތެރެއިން ފަސޭހަކޮށްދީފައެވެ. އާންމު އުސޫލަކީ އަސްލަކީ އެގާބިލުކަން ނެތުން ކަމަށް ބެލުމެއް ނޫނެއްނޫންތޯއެވެ. އެގާބިލުކަން ހުންނާނެކަމަށް އެސިޔުމްކުރުން ނޫންތޯ އެވެ.
ގިނަ އަނބީންނާ ކާވެނިކުރުން އެހާ އާންމު ނޫން ހަގީގީ ސަބަބަކީ، ދިވެހިރާއްޖޭގައި މިހާރު ފިރިހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ ބަޔަކު ނެތުމެވެ. އަދި ދިވެހި ފިރިހެނުން އެމީހުންގެ ހައްގުތަކުގެ ވާހަކަ ދައްކަން ގަންނާކުރައްވާ ބިރާއި ގަންނަ ލަދެއްގެ ބޮޑުކަމެވެ. މިކަމުގެ ހެއްކެއް ދަންނަވާލާނަމެވެ. ހަރަދުލިބުމަކީ އަނބީންގެ ހައްގެކެވެ. އެކަނބަލުން ވަޒީފާއަށް ދިޔަސް އެ ހަރަދުދިނުމަކީ ފިރިން އަދާކުރަންޖެހޭ އަނބީންގެ ހައްގެކެވެ. މި ހައްގުގެ ވާހަކަ ދެއްކުމަކީ ލަދު ކަމަކަށް ނުވެއެވެ. ބިރު ގަންނަންޖެހޭ ކަމަކަށް ވެސް ނުވެ އެވެ.
އެކަމަކު ހަތަރު އަނބީންނަށް ކާވެނިކުރުމުގެ ހައްގަކީ ފިރިހެނުންގެ ހައްގެކެވެ. އެ ހައްގުގެ ވާހަކަދައްކަން ފިރިހެނުން ލަދުގަނެވެ. ބިރުގަނެ އެވެ. ޖެހިލުންވެ އެވެ. ގާނޫނެއް ހަދަންޖެހެނީ މިހެންވެގެންނެވެ. އޭރަށް ލަދުން އަދި ބިރުން އުޅޭ ފިރިހެނުންނަށް ގާނޫނު އެއީ ސަބަބެއްކަމުގައި ހަދައި، ބިރުވެރިކަމާއި ލަދުވެތިކަން ފިލުވައިލެވިދާނެ އެވެ. އަނެއްކޮޅުން ދިވެހިރާއްޖެއަކީ ގާނޫނު ތަންފީޒުވާ ތަނެކެވެ. މިހާރަކު ގައިމު މީހަކު ސިގިރޭޓެއް ވެސް ނުބޮޔެއް ނޫންތޯ އެވެ.
އަޅުގަނޑަށް ވެސް އެނގެ އެވެ. އިސްލާމްދީނުގައި ހަތަރު އަނބީންނަށް ކާވެނިކުރުމަކީ ހުއްދަ ކަމަކެވެ. އެކަން ލާޒިމްކޮށް ގާނޫނެއް ހެދިދާނެތޯ އެއީ އުފެދިދާނެ ސުވާލެކެވެ. އޭގެ ޖަވާބަކީ، ޓެކްސް ނެގުމަކީ ހުއްދަ ކަމެކެވެ. ބައެއް މީހުން ބުނާ ގޮތުގައި ހަރާން ކަމެކެވެ. އެކަމަކު ގާނޫނުން ލާޒިމްކުރަނީ ޓެކްސް ދެއްކުމަށެވެ. ކޯޓުން ބޭރުން ކާވެނިކުރުމަކީ އޭގެ ޒާތުން ދީނީ ގޮތުން ހުއްދަ ކަމެކެވެ. އެކަމަކު އެކަން އެހެން ދޫކޮށްލުމުން ނުކުންނަ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ގާނޫނުން ލާޒިމްކޮށްފައިވަނީ ކޯޓާ ނުބައްސާ ކާވެނިވަރި ނުހިންގުމަށެވެ. އެހެންވީމާ ހުއްދަ ކަންކަން ލާޒިމްކޮށް ގާނޫނު ހެދުމަކީ ރާއްޖެއަށް އައު ކަމެއް ނޫނެވެ.
މިފަދަ ގާނޫނެއް އެކުލަވާލުމުގައި، ޓެކްސް ނެގުމުގެ ގާނޫނު މިސާލަކަށް ވެސް ބެލިދާނެ އެވެ. ވަކި އަދަދަކުން ފެށިގެން މަތީ އިންކަމް ލިބޭ މީހުން ދެއަތްނބަށް އޭގެ މަތީ ބުރެކެޓް މީހުން ތިން އަތްނބަށް އެޔާ ޖެހުނު ބުރެކެޓްމީހުން ހަތަރު އަތްނބަށް މިގޮތަށެވެ.
ގާނޫނު ބުނާ ޝަރުތުތައް ހަމަވެ އެކަމުން މަނާވެގަންނަ މީހުން އަތުން އެއް އަނބި ޓެކުހުގެ ނަމުގައި އިތުރު ޓެކުހެއް ނަގާނީ އެވެ. އެއީ ކާވެންޏެއް ނުކުރެވޭ މީހުންނަށް ދައުލަތުން އެލެވެންސްދޭ ފަންޑަށް ނަގާ ޓެކުހެކެވެ. އޭރަށް ކޮންމެހެން އިތުރު ކާވެންޏެއް ނުކޮށް ދުނިޔަވީ އުފަލެއް ނުހޯދާ ހަމައެކަނި ލާރި ހޯދަން ދުނިޔޭގައި އުޅޭ މީހުންނަށް ވެސް ކޮންމެވެސް މަގެއް ވެސް ދެއްކުނީ އެވެ. އަދި މިދަންނަވާ ފަންޑު އެހެން އޮންނާތީ، ހަގީގީ ފަގީރު ފިރިހެނުންނަށް ކާވެނި ކުރެވޭނެ މަގު ދެއްކޭނެ ނިޒާމެއް ވެސް ގާއިމުކުރެވުނީ އެވެ. މިވަރު ކުރީމާ ވެސް ފަގީރުކަމުގައި ފިރިހެނުން އުޅެންދިމާކުރާނަމަ، މަސައްކަތެއް ކޮށްގެން ލާރި ހޯދަން އެއްބަސްވަންދެން އޭނާ ޖަލަށްލާނީ އެވެ.
މިކަންކަން މިގޮތަށް ތަރުތީބުކުރީމާ، ހައްލުވާނީ ދަރިންތިބި އެކަނިވެރިންގެ އިޖުތިމާއީ މައްސަލަ އެކަންޏެއް ނޫނެވެ. މުޖުތަމައުން ޒިނޭގެ ފާޙިޝް އަމަލު ވެސް މިތަނުން ނެތިގެންދާނެ އެވެ. އަދި ދައުލަތުގެ ބަޖެޓުން ކުރާ ބޮޑު ޚަރަދެއް ވެސް ލުއިކުރެވިގެންދާނެ އެވެ. އަދި ޖިންސީ ޣަރީޒާ ފުއްދުމުގެ ހައްގު މިކަމުން ނެގެހެއްޓޭތީ ނަފްސާނީ އަދި ޖިސްމާނީ އެތައް ބައްޔަކަށް އާސަންދައިން ކުރާ ހަރަދުތަކެއް ވެސް މީގެ ތެރެއިން މަދުކުރެވިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ