ބަޖެޓަށް ވުރެ ބޮޑު އަންދާސީ ހިސާބު ހުށަހަޅާތީ، އޮޅުހިޔާ މަރާމާތު ކޮށްދޭނެ ބަޔަކު އަނެއްކާވެސް ހޯދަނީ
އޮޅުހިޔާ މަރާމާތުކޮށްދޭން މީގެ ކުރިން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ ބޮޑުކަމަށް ބުނެ، އަނެއްކާވެސް އޮޅުހިޔާ މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ. ހުޅުމާލެ ފަރުކޮޅުފުށީގައި އިމާރާތްކޮށްފައިވާ އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓާއި ޖެނެރަލް ހޯލްޑިން އޭރިއާއާއި ފާޚާނާއާއި ފާރަވެރިންގެ ކޮޓަރިއާއި އޮފީސް މަރާމާތުކޮށްދޭނެ ބަޔަކު ހޯދުމަށް ފުރަތަމަ އެ މިނިސްޓްރީން އިއުލާނުކުރީ، މިދިޔަ މަހު 29ގައެވެ. އެ އިއުލާނު ބާތިލުކޮށް މި މަހު ހަތަރެއްގައި ވެސް އޮޅުހިޔާ މަރާމާތު ކުރާނެ ބަޔަކު ހޯދިއެވެ. އެކަމަކު، އެ އިއުލާނު ވެސް މިހާރު ވަނީ ބާތިލުކޮށްފައެވެ. އޭގެފަހުން، މި މަހު ނުވައެއްގައި ވެސް އެ މަސައްކަތަށް ބަޔަކު ހޯދަން އިއުލާނުކުރިއެވެ. އެއީ، މަސައްކަތު ސްކޯޕަށް ބަދަލު އައިސްފައިވާ ކަމަށް ބުނެއެވެ. https://sun.mv/217302 އެކަމަކު، އެ މިނިސްޓްރީން މިއަދު އަނެއްކާވެސް ވަނީ އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ. އެއީ، ކުރީގެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބަކީ، ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ ބޮޑު އަދަދެއް ކަމަށް ބުނެއެވެ. މިދިޔަ އަހަރުގެ މެއި މަހު އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި ގޮތުގައި، އެ ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ އަދި އަހަރަކު 5،416 ރުފިޔާ ޚަރަދުވާނެއެވެ. އަދި އެ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ