ސްކޫލް ހިމެނޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސް ކުރައްވައިފި

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ޚާއްސަ ގޮތެއްގައި ބެލެހެއްޓުމުގެ މަސައްކަތް ޓްރެފިކް މެނޭޖްމަންޓް ޑިޕާރޓްމަންޓުގެ ފުލުހުން ފަށައިފިއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ޓްރެފިކް ބާރުބޮޑުވާ ސަރަހައްދުތަކުގެ ޓްރެފިކް ޚާއްސަ ގޮތެއްގައި ބެލެހެއްޓުމުގައި ޓްރެފިކް ފުލުހުންވެސް ހަރަކާތްތެރިވަމުންދާނެތީ މަގުތައް ބޭނުންކުރާ އެންމެހައި ފަރާތްތަކުން ސްކޫލް ހިމެނޭ ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި ޚާއްސަ ގޮތެއްގައި އެއްގަމު އުޅަނދުތަކުގައި ސްކޫލަށް ވަޑައިގަންނަވާ ބޭފުޅުން އުޅަނދުތައް ތަރުތީބުން ޕާކްކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ދަރިވަރުން ގޮވައިގެން ސްކޫލްތަކަށް ވަޑައިގަންނަވާ ބެލެނިވެރިންވެސް އުޅަނދުތައް ސީދާ ސްކޫލްތަކުގެ ގޭޓް ކުރިމައްޗަށް ހުއްޓުމުގެ ބަދަލުގައި ޓްރެފިކަށް ދަތިނުވާ ގޮތަށް މަގުގެ އެއްކައިރިއަކަށް މަޑުކުރުމަކީ އެދެވިގެންވާ ގޮތް ކަމުގައި ފުލުހުން ބުނެއެވެ.
ހަމައެއާއެކު މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދުތަކާއި އެއްގޮތަށް މަގުތައް ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ޢަމަލުތައް ބެހެއްޓުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
އެގޮތުން މާލޭގެ ސްކޫލްތަކުގެ ތެރެއިން ޓްރެފިކް ކާރޫބާރު ބޮޑު ސަރަހައްދުތައް ފާހަގަކޮށް އެސަރަހައްދުތަކުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިއާއި ދިމާކޮށް ކަނޑައެޅޭ ވަކި ގަޑިތަކަކަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭނެ ގޮތަށް ބައެއް ސަރަހައްދުތަކުގެ މަގުތައް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ