ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރު ރަސްމީކޮށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފައްޓަވައިފިއެވެ.
"އާ މިސްރާބަކަށް އުމަރު" ގެ ނަމުގައި މި ކެމްޕެއިން ފަށާފައިވަނީ ރޭ ސަލްޓަން ޕާކުގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އާންމުގޮތެއްގައި އުމަރު ނަސީރާއި އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ބޭފުޅުން ތިއްބެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރައްޔިތުން ސިޔާސީ ޕާޓީތަކަށް ފުރުސަތު ދީފިކަމަށާއި، ނަމަވެސް ރައްޔިތުން އެދެވޭ ބަދަލެއް އެފަރާތްތަކަށް ގެނެވިފައި ނުވާކަމަށެވެ. އެހެން ކަމުން ރައްޔިތުން މިފަހަރު ހިޔާރުކުރަންވީ އެބޭފުޅާކަމަށް އުމަރު ވިދާޅުވިއެވެ.
އަދި އެ ބޭފުޅާގެ ވެރިކަމެއްގައި ދިވެހިންގެ ހިތްތައް އަލިކޮށްދޭނީ އިސްލާމީ ނޫރުން ކަމަށާއި ދީނީ ތައުލީމުން ދިވެހި މުޖުތަމައު ފައްކާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ އެބޭފުޅާގެ ވެރިކަމެއްގައި ދިވެހި ދައުލަތުގެ ތެރޭގައި އިސްލާމްދީނުގެ ދައުރު، މުޅިން އެހެން ހަރުފަތަކަށް އުފުލާލާނެ ކަމަށެވެ. އެގޮތުން އިސްލާމީ އުސޫލުތަކާއި އިސްލާމީ ޝަރީއާގެ ހަމަތައް ވެގެންދާނީ އެ ދައުލަތުގެ އެންމެ މަތީ އުންސުރަށް ކަމުގައި ވިދާޅުވިއެވެ.
ރޭގެ ވާހަކާގައި އުމަރު ވަނީ މަސްތުވާތަކީ އެތެރެކުރާ މީހުންނަށް މަރުގެ އަދަދު ދޭނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި ރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އުމަރު ނަސީރު ވަނީ މީގެ ކުރިންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައެވެ. 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އުމަރުގެ ޕާޓީ (އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ) ގެ ފަރާތުން އުމަރު ކުރިމަތިލެއްވިއެއެވެ. ޖުމްލަ 6 ބޭފުޅުން ވާދަކުރެއްވި އެ އިންތިހާބުގައި އުމަރަށް ލިބިވަޑައިގަތީ 2472 ވޯޓެވެ. އެ އިންތިހާބުގެ ދެވަނަ ބުރުގައި، އުމަރު އެއްވެސް ފަރާތަކަށް ތާއީދު ކުރައްވާފައިނުވެއެވެ. އެފަހުން އުމަރު ވަނީ ރައީސް މައުމޫންގެ ޑީއާރުޕީއާއި ގުޅިވަޑައިގެން ފަހުން ޕީޕީއެމްއާއިވެސް ގުޅިވަޑައިގެންފައެވެ. އަދި 2013 ވަނަ އަހަރު އޮތް ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީގައި ރައީސް ޔާމީނާއި ވާދަކުރައްވައި ނާކާމިޔާބު ވެވަޑައިގަތެވެ. އެހެން ނަމަވެސް ފަހުން އުމަރު ހުންނެވީ ރައީސް ޔާމީންގެ ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައެވެ.
2018 ވަނަ އަހަރުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އެހެން ނަމަވެސް ފަހުވަގުތު އަނބުރާ ނަން ގެންދެވިއެވެ.
އުމަރު ރަސްމީކޮށް ރިޔާސީ ކެމްޕެއިން ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ