އެފްއޭއެމް އިންޓާ ސްކޫލް މުބާރާތުގެ ޗެމްޕިއަންކަން ސީއެޗްއެސްއީއަށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފިއެވެ. ސީއެޗްއެސްއީއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކެޔޮދޫ ސްކޫލް ބަލިކުރުމަށްފަހުއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލުގައި ކެޔޮދޫ ސްކޫލުގެ މައްޗަށް ސީއެޗްއެސްއީއިން ކުރި ހޯދީ 1-4ގެ ނަތީޖާއަކުންނެވެ. މެޗުގައި ސީއެޗްއެސްއީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މުހައްމަދު ފައިޒާން ފަޒީންއާއި އަހްމަދު ޔަޒިން މަހްދީގެ އިތުރުން އަބްދުﷲ ޝަޔާންއެވެ. ފައިޒާން ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ. މެޗުގައި ކެޔޮދޫ ސްކޫލްއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޝާއިގް އާދަމް މުހައްމަދު އެވެ. މެޗުން ބަލިވެ މުބާރާތުގެ ރަނަރަޕް ކަން ލިބުނު ނަމަވެސް، ކެޔޮދޫ ސްކޫލުން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި، އެ ބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. ސީއެޗްއެސްސީން ޗެމްޕިއަންކަން ހޯދީ ސެމީ ފައިނަލުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ މައްޗަށް ކުރިހޯދައިގެން ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމަށްފަހުއެވެ. ޖުމްލަ ފަސް ސްކޫލަކުން ބައިވެރިވި މި މުބާރާތުގެ ޗެމްޕިއަންކަން ސީއެޗްއެސްއީއިން އަދި ރަނަރަޕް ކަން ކެޔޮދޫ ސްކޫލުން ހޯދިއިރު، ފެއާ ޕްލޭ ޓީމަކީ ވެސް ކެޔޮދޫ ސްކޫލެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސީއެޗްއެސްއީއަށް އިރުޝާދުދިން އަހްމަދު ސުޒެއިރުއެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ޓޮޕް ސްކޯރާގެ މަގާމު ހޯދީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ޖާޒީ ނަމްބަރު 12، މުހައްމަދު އައިހަމް އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސީއެޗްއެސްއީގެ ޖާޒީ ނަމްބަރު 11، ދައްޔާން އަހްމަދު އެވެ. މުބާރާތުގައި ބައިވެރިވި ޓީމު ތަކަކީ، ޗެމްޕިއަން ސީއެޗްއެސްއީ، ރަނަރަޕް ކެޔޮދޫ ސްކޫލް، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އަދި އަރަބިއްޔާ ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ