ގާނޫނީ ދާއިރާގެ އިސްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރަން ފަށައިފި

ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި، އަދުލު އިންސާފު އަދި ގާނޫނީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އިސްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ މަތީން ފަށައިފިއެވެ.
އޭޖީ އޮފީހުން ބުނީ މި މަސައްކަތުގެ މަގްސަދަކީ އަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިހާތަނަށް ހުށަހަޅާފައިވާ ކަންކަން ދިރާސާކޮށް، އެދާއިރާގައި ހިމެނޭ އެކިއެކި މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅު ތަންފީޒުކޮށްފައިވާ މިންވަރު ދެނެގަތުމާއެކު، އެކަންކަން ތަންފީޒުކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަތުން ކަމަށެވެ. އަދި، އެކަމުގައި ހައްލު ހޯދުމަށްޓަކައި ބޭނުންވާ ފަންނީ އަދި އެނޫންވެސް އެހީތެރިކަން ދެނެގަނެ، ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.
މިމަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި، އަދުލު އިންސާފުގެ ދާއިރާއާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް ދިރާސާކޮށް، އެ ހުރިހާ ފިޔަވަޅުތަކެއް އެނގޭނެ ކަރުދާހެއް ތައްޔާރުކުރެވޭނެ ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.
ދެވަނަ މަރުހަލާގައި، އެކަރުދާހުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ވަކިވަކި ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުންތައް ބާއްވައި، ފިޔަވަޅުތައް ތަންފީޒުކުރެވިފައިވާ މިންވަރު ދެނެގަތުމާއެކު، ތަންފީޒުކުރުމުގެ މަސައްކަތުގައި ހުރި ދަތިތައް ދެނެގަނެ، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެވޭނެއެވެ.
އަދި ތިންވަނަ މަރުހަލާގައި، ތަންފީޒުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ޕްލޭނެއް އެކުލަވާލައި އެ ޕްލޭނަށް ބިނާކޮށް، ބައިނަލްއަގްވާމީ ފަރާތްތަކުގެ ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކަންކަން ދެނެގަނެ، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އަދި ގާނޫނީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެކި އެކި ބައިނަލްއަގްވާމީ ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވާނެ ކަމަށްވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން މައުލޫމާތު ދެއެވެ.
އެއޮފީހުން ބުނީ މިމަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިމަސައްކަތް ކުރިއަށް ގެންދަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކެޑެމީއާއި، ހުރިހާ ކޯޓުތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލާއި، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ އަދި ގާނޫނީ ދާއިރާގައި ހިމެނޭ ޖަމްއިއްޔާތައް ޝާމިލުވާ ގޮތުގެ މަތީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ