1،000 ކުޑަކުދިން ޝަހީދު، މިހާތަނަށް ޝަހީދުކޮށްލި ޖުމްލަ އަދަދު 2،670 އަށް އަރައިފި

އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ޣައްޒާއަށް ބޮން އަޅައި މިސައިލުން ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ޝަހީދުވި މީހުންނާއި، ހުޅަނގު އައްސޭރީގައި ބަޑިޖަހައި ޝަހީދުކޮށްލި މީހުންގެ އަދަދު 2،670 އަށް އަރައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު 9،600 އަށް އަރާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނެފައިވަނީ، އާންމުންގެ ގެތަކާއި، އާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮންއަޅައި ބިމާހަމަ ކޮށްލުމުގެ ސަބަބުން ޣައްޒާގެ 50 އާއިލާއެއްގެ ހުރިހާ މެމްބަރުން ޝަހީދުވެ، ސިވުލް ރަޖިސްޓަރީން އެ އާއިލާތައް އެއްކޮށް ފޮހެލަންޖެހިފައިވާ ކަމަށެވެ.
އިސްރާއީލުގެ ޓެރަރިސްޓު ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 1،000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާއިރު، މީގެތެރޭގައި އަލަށް އުފަންވި 320 ތުއްތު ކުދިންވެސް ހިމެނެއެވެ.
ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުން ކުޑަކުދިންނާއި، އަންހެނުންނާއި އާންމުންގެ ހަށިތައް ނެރުމުގެ މަސައްކަތް ވޮލަންޓިއަރުން ކުރަމުން ގެންދާއިރު، ޣައްޒާއަށް ބޮންއެޅުން މެދުނުކެނޑެއެވެ.
މިރޭވެސް ޣައްޒާގެ ގެތަކަށާއި، އާންމުން ދިރިއުޅޭ އެތައް އިމާރާތަށް ބޮންއަޅައި ސުންނާފަތި ކޮށްލާފައި ވެއެވެ.
މީގެއިތުރުން، ހުޅަނގު އައްސޭރީގެ އެކި ރަށްތަކުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދުވަނީ 56 އަށް އަރާފައެވެ. އަދި ޒަޚަމްވި މީހުންގެ އަދަދުވަނީ 1،200 އަށް އަރާފައެވެ.
އެމެރިކާއާއި، ޔޫރަޕްގެ އިއްތިހާދު، އިނގިރޭސިވިލާތާއި ހުޅަނގުގެ ވާގިވެރިން ބުނަނީ، ހަމަލާދިނުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށެވެ.
އެމެރިކާއިން ގެންދަނީ އިސްރާއީލަށް އަވަސް އެހީގެގޮތުގައި ހަތިޔާރު ފޯރުކޮށްދެމުންނެވެ.
ހަމާސްއިންވެސް ގެންދަނީ އިސްރާއީލަށް ހަމަލާދެމުންނެވެ. ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން މަރުވި މީހުންގެ އަދަދު 1،400 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި އިސްރާއީލުގެ ޓެރަރިސްޓު ސިފައިންގެ 286 މީހުންވެސް ހިމެނެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ހަމާސްއިން އިސްރާއީލުގެ ތެރެއަށް ވަދެ ދިން ހަމަލާތަކުގައި 155 މީހުން އަސީރުންގެ ގޮތުގައި ހައްޔަރުކޮށް ޣައްޒާއަށް ގެންގޮސްފައިވާ ކަމަށެވެ.
ހަމާސްއިން އިއްޔެ ބުނެފައިވަނީ، އިސްރާއީލުން ޣައްޒާއަށް ބޮންއެޅުމުގެ ސަބަބުން ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލު އަސީރުންގެ ތެރެއިން 14 މީހަކު މަރުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ