މާލޭގެ ބޮޑު ސަރަހައްދުން ކަރަންޓު ކެނޑި ބައެއް ހިދުމަތްތަކަށް ބުރުއަރައިފި

މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ވަގުތު މާލޭގެ ބޮޑު ސަރަހައްދުން ކަރަންޓު ކެނޑި، ގިނަ ހިދުމަތްތަކަކަށް ބުރުއަރައިފި އެވެ. ކަރަންޓް ދިޔުުގެ ސަބަބުން ޓީވީއެމް އާއި މީޑީއާނެޓް އަދި ދިރާގުގެ ބައެއް ހިދުމަތްތައް ގާތްގަނޑަކަށް 30 ހަކަށް މިނެޓަށް މެދުކެނޑުނެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ރައޫފް "އަވަސް" އަށް ވިދާޅުވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި މާލެގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށާއި މިހާރު އެމައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދެން އިތުރަށް ކަރަންޓް ކެނޑޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.
"މާލޭގެ ބޮޑުބަޔަކުން ކަރަންޓު ދިޔައީ މިކޮޅުން [ސްޓެލްކޯ] އިން ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން. ގާތްގަނޑަކަށް 45 މިނެޓު ތެރޭގައި މައްސަލަ ހައްލު ކުރެވޭނެ. މައްސަލަ ހައްލު ކުރާ ގަޑީ އިތުރަކަށް ނުކެނޑޭނެ،" ރައުފް ވިދާޅުވި އެވެ.
ކަރަންޓު ކެނޑުނުތާ ގަޑިއިރެއް ހާއިރު ފަހުން ކަރަންޓު އައި ނަމަވެސް އަދިވެސް ގިނަ ހިދުމަތްތަކެއް ނުލިބެ އެވެ. އެގޮތުން މީޑިއާ ނެޓްގެ ހިދުމަތާއި އާރްއޯއެލްގެ އިންޓަނެޓްގެ ހިދުމަތްތައް ވެސް ބައެއް ސަރަހައްދުތަކަށް އަދިވެސް ވަނީ ކެނޑިފަ އެވެ. އެފަރާތްތަކުން ވެސް ބުނަނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިއަދު ކަރަންޓުގެ ހިދުމަތް ކުއްލި އަކަށް ކެނޑިފައިވާ އިރު ފެން ކުންފުނި، އެމްޑަބްލިއުއެސްއީ އިން ބުނެފައި ވަނީ އެކުންފުނިން ކުރަމުން އަންނަ މަސައްކަތަކާއި ގުޅީގެން ފެން ދޫކުރާ ޕްރެޝަރު ދައްވާނެ ކަމަށެވެ. އެ ކުންފުނިން ބުނަނީ ޕެނަލް ބޯޑްތަކެއް ބަދަލު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ