އެންމެ ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ގަންނަ މެދުަފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން ހިންގާ އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ރަށްރަށުގައި ހައުސިން ޔުނިޓުތައް ތަރައްގީކޮށްދޭނެ ބަޔަަކު ހޯދަން ކޮންސްޓްރަކްޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް މޮޑެލްގެ ދަށުން ކޮންޓްރެކްޓަރުންގެ އަމިއްލަ ހަރަދުގައި (ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން) 13 ރަށެއްގައި ޖުމްލަ 2،100 ހައުސިން ޔުނިޓު ތަރައްގީކުރަން އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ފުރުސަތު ލިބެނީ 100 ޕަސެންޓު ދިވެހި ކުންފުނިތަކާއި ޖޮއިންޓް ވެންޗާތަކަށެވެ.
ސަރުކާރުން މި ޕްރޮޖެކްޓުތަކުގައި ކޮށްދޭ ކަމަކީ ފްލެޓު ތަރައްގީކުރާ ބިން ޑިވެލޮޕަރަުންނަށް ހިލޭ ދިނުމާއި، ޕްރޮޖެކްޓަށް އެތެރެކުރާ ހުރިހާ މުދަލަކުން ޑިއުޓީ ނުނެގުމާއި ހައުސިން ޔުނިޓުތައް ވިއްކާއިރު ޖީއެސްޓީ ނުނެގުމެވެ. އެހެން ހުރިހާ ކަމެއް ކުރަން ޖެހެނީ ޑިވެލޮޕަރެވެ. ޑިވެލޮޕަރުގެ ޒިންމާތަކުގެ ތެރޭގައި ޕްރޮޖެކްޓަށް ހުރިހާ ހަރަދެއް ކުރުމާއި، އިމާރާތްތައް ފަރުމާކުރުމާއި، ހައުސިން ޔުނިޓުތައް ވިއްކުމުގެ ޒިންމާއެއް ހިމެނެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައި ވަނި ބިން ހަވާލުކުރާ ތާރީހުން ފެށިގެން 24 މަސް ދުވަހުގެ ތެރޭގައި އިމާރާތްތައް ތަރައްގީކުރުމުގެ މަސައްކަތް ނިންމާ ހައުސިން ޔުނިޓުތައް ހަވާލުކުަރަން ޖެހޭ ކަމަށެވެ.
ރަށްރަށުގައި އެފޯޑަބަލް ހައުސިން ތަރައްގީކުރާއިރު، އިމާރާތްތަކުގައި އަގު ކޮންޓްރޯލްކޮށްފައި ހުންނަ "އެފޯޑަބަލް" ޔުނިޓުތަކާއި ޑިވެލޮޕަރުން ބޭނުންވާ އަގެއްގައި ވިއްކޭ ހައުސިން ޔުނިޓުތައް ވެސް ހުރެ އެވެ. އެކަމަކު އިމާރާތުގައި ތަރައްގީކުރާ ހައުސިން ޔުނިޓުތަކުގެ 60 ޕަސެންޓު ވާން ޖެހެނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ ހައުސިން ޔުނިޓުތަކަށެވެ. މި ޔުނިޓުތައް ވިއްކޭނެ އެންމެ މަތީ އަގަކީ 1.5 މިލިއަން ރުފިޔާ އެވެ.
ދެ ވަައްތަރުގެ ޔުނިޓުތައް ހިމަނައިގެން ތަރައްގީކުރާ މި ފްލެޓު އިމާރާތްތަކުގެ ގެ އެންމެ ތިރީ ފަންގިފިލާ އާއި ފުރަތަމަ ފަންގިފިލާ ހާއްސަކުރަނީ ވިޔަފަރީތަކާއި ޕާކިންއަށެވެ. ޕާކިން ޖާގަތަކުގެ ތެރޭގައި ކޮންމެ ހައުސިން ޔުނިޓަކަށް އެއް ސައިކަލު ޕާކުރެވޭނެ ޖާގަ ދޭން ޖެހެ އެވެ. ކާރު ޕާކިންއަށް ޖާގަތައް ވިއްކާ ނަމަ އަގު ނަގައިގެން ވިއްކެ އެވެެ.
ހައުސިން ޔުނިޓުތައް ގަނެވޭނެ މީހުން ކަނޑައަޅަނީ ސަރުކާރުންނެވެ. މި ގޮތަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓުތައް ވިއްކުމުގެ ހައްގު ޑިވެލޮޕަރަށް ލިބުނަސް މީހުންގެ ފައިސާ ޖަމާކުރަން ޖެހެނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ކޮންޓްރޯލުގެ ދަށުގައިވާ އެކްސްކްރޯ އެކައުންޓަކަށެވެ. މި އެކައުންޓުން ޑިވެލޮޕަރަށް ފައިސާ ދޫކުރަނީ އިމާރާތް ތަރައްގީކުރާ ވަރަކުން ބަައިބަޔަށް ބަހާލައިގެންނެވެ.
ކޮންސްޓްރަަކްޝަން މިނިސްޓްރީން ވަނީ ރަށްރަށުގައި ތަަރައްގީކުރާ ޔުނިޓުތަކަށް ބޭނުންވާ ވަރަށް އެފޯޑަބަލް ހައުސިންގެ ޝަރުތު ހަމަވާ މީހުން ނުވެއްޖެ ހާލަތެއްގައި އެހެން ބަޔަކަށް ފްލެޓު ވިއްކަން ޑިވެލޮޕަރުންނަށް ހުއްދަ ލިބޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު މި ގޮތަށް ވެސް ވިއްކެނީ ފުރަތަމަ ފަހަރަށް ބޯހިޔާވަހިކަމެއް ގަންނަ މީހުންނަށެވެ. މިއިން ޔުނިޓެއް ސަރުކާރުން ގަންނަން ބޭނުންވެއްޖެ ހާލަތެއްގައި އާންމުންނަށް ވިއްކާ އަގަށް ވުރެ ކުޑަ އަގެއްގައި ސަރުކާރަށް ވިއްކަން އެއްބަސްވާން ޖެހެ އެވެ. މި ގޮތަށް ސަރުކާރަށް ވިއްކާނެ އަގަކީ ހުށަހެޅުންތަކުގައި ކޮންމެހެން ހިމަނަން ޖެހޭ އަގެކެވެ.
ސަރުކާރުން ވަނީ ޑިވެލޮޕަރުންގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ހައުސިން ޔުނިޓުތައް 50 ޔުނިޓު ހިމެނޭ ޕެކޭޖުތަކަކަކަށް ބަހާލާފަ އެވެ. ބޭނުންނަމަ ކޮންމެ ޕެކޭޖަކަށް ވަކިން ނުވަތަ ބައިވަރު ޕެކޭޖުތަކަށް ކުރިމަތިލެވެ އެވެ.
ކުންފުނިތަކަށް ކަނޑައަޅާފައިވާ ޝަރުތަކުގައި ވަނީ 50 ހައުސިން ޔުނިޓު ތަރައްގީކުރަން ކުރިމަތިލެވޭނީ ވޭތުވި ތިން އަހަރުގެ ތެރޭގައި ކޮންމެ އަހަރެއްގައި އާމްދަނީގެ ގޮތުގައި މަދު ވެގެން 25 މިލިއަން ރުފިޔާ ލިބިފައިވާ ވިޔަފާރިތަކަށް ކަމަށެވެ. އެއް ޕެކޭޖަށް ވުރެ ގިނަ ޕެކޭޖުގެ ދަށުން 50 ހައުސިން ޔުނިޓަށް ވުރެ ގިނައިން އިމާރާތްކުރާ ނަމަ ތިން އަހަރު ދުވަސް ވަންދެން ކޮންމެ އަހަރަކު މަދު ވެގެން 50 މިލިއަން ރުފިޔާގެ އާމްދަނީގެ ލިބިފައިވާން ޖެހެ އެވެ. އަދި ކުރިން ބޮޑު ޕްރޮޖެކްޓެއް ނިންމާފައިވާ ނޫނީ މިހާރު ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏަކަށް ވާން ޖެހެ އެވެ.
އަތޮޅުތެރޭގައި އެފޯޑަބަލް ހައުސިން ޔުނިޓުތަކެއް އަޅަން ހުޅުވާލިއިރު، ސަރުކާރުން ބުނަނީ މި ޕްރޮޖެކްޓުގެ ބޭނުން އޮތީ މާލޭގެ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރަށްރަށުން މާލެއަށް ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި ރަށްރަށުގައި ދިރިއުޅޭނެ ތަންތަން ނެތުން ހިމެނެ އެވެ.
މި ފަހުން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ މި މޮޑެއްލެ ދަށުން މާލޭ ސަރަހައްދުގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރަން ފަސް ޑިވެލޮޕަރަކާ ހަވާލުކޮށްފަ އެވެ. މި ޔުނިޓުތައް ވިއްކަނީ "އާއިލީ ބޯހިޔާވަހިކަން" ސްކީމަށް ކުރިމަތިލައިގެން ޝަރުތު ހަމަވީ މީހުންނަށެވެ.
13 ރަށެއްގައި އެފޯޑަބަލް ހައުސިން ތަރައްގީކުރަން ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ