އިނގިރޭސިވިލާތު ބޮޑުވަޒީރުކަމުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި، އެޤައުމުގެ މެމްބަރ އޮފް ޕަރލަމެންޓް، ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު، ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމާ މަތިކުރެވުނު އައު މަސްއޫލިއްޔަތުތައް އަދާކުރުމުގައި ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ޑިމޮކްރެޓިކް އުޞޫލުތައް ނެގެހެއްޓުމާއި، އިންސާނީ ހައްގުތައް ޙިމާޔަތްކުރުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތައް ކުރިއެރުވުމުގެ މަތީގައި ބިނާވެފައިވާ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ޒަމާންވީ ތާރީޚީ ރަޙުމަތްތެރިކަމާއި އެއްބާރުލުން ދިނުމުގެ، ދޭދޭ ގުޅުމަށް ދިވެހި ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ފާއިތުވީ އަހަރުތަކުގައި ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިގްތިސާދީ ތަރައްގީގައި އިނގިރޭސިވިލާތުގެ މުހިންމު ޙިއްޞާ ފާހަގަކުރައްވާ، ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހަމަމިއާއެކު، ދެ ގައުމުގެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ބޮޑުވަޒީރު، ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމާއެކު ގާތުން މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ދެ ޤައުމުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ބޮޑުވަޒީރާ ބައްދަލުކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައި ވެސް ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ރައީސްގެ މި ސިޓީފުޅު ނިންމަވާލައްވަމުން، ބޮޑުވަޒީރު ދަ ރައިޓް އޮނަރަބަލް އެންޑްރޫ ބަރނަމަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އިނގިރޭސިވިލާތުގެ އެކުވެރި ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙަޔާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ