ލ. ހިތަދޫގައި ދިމާވި ކަރަންޓުގެ މައްސަލަ ޙައްލުކޮށްފިއެވެ.
ފެނަކައިން ބުނީ ލ. ހިތަދޫގައި ބޭނުންކުރަމުންދިޔަ ޖެންސްޓަކަށް މައްސަލައެއް ދިމާވެ، އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެރަށުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ، އެރަށަށް ކަރަންޓު ދިނުމަށް ހިންގާފައިހުރި 2 ޖެންސެޓްގެ ތެރެއިން 600 ކިލޯވޯޓުގެ ޖެންސެޓަށް މައްސަލައެއް ދިމާވުމުގެ ސަބަބުން، ހިންގާފައި ހުރި ދެވަނަ ޖެންސެޓަށް ހުރިހާ ލޯޑެއް ދިޔުމުގެ ސަބަބުން ކަމަށެވެ.
ފެނަކައިން ބުނީ މުޅި ރަށުން ކަރަންޓު ކެނޑުނުތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި ބާކީ ހުރި އިންޖީނު ހިންގައި، ރަށުގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ކަރަންޓު ޚިދުމަތް ދޭން ފެށިކަމަށެވެ. އަދި މައްސަލައަށް ޙައްލު ގެނައުމަށް މެދުކެނޑުމެއް ނެތި ކުރެވުނު މަސައްކަތުން، 600 ކިލޯވޯޓުގެ އައު ޖެންސެޓެއް އިންސްޓޯލްކޮށް، މިއަދުގެ މެންދުރު ކުރިން މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އަލަށް އިންސްޓޯލް ކުރެވުނު ޖެންސެޓަކީ، ދެމެހެއްޓެނިވި ގޮތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ކުރެވޭ ޚާއްސަ މަސައްކަތުގެ ތެރެއިން، އަލަށް ފެނަކައިން ގެނައި ޖެންސެޓްތަކުގެ ތެރެއިން އެރަށަށް ގެންގޮސްފައިވާ ޖެންސެޓް ކަމަށާއި އެ ޖެންސެޓް އިންސްޓޯލް ކުރެވުމާއެކު، ލ. ހިތަދޫގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިވަގުތު ދަތިކަމެއް ނެތް ކަމަށް ވެސް ފެނަކައިން ވަނީ ބުނެފައެވެ.
ލ. ހިތަދޫގައި ދިމާވި ކަރަންޓުގެ މައްސަލަ ޙައްލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ